ޕީޕީއެމްގެ ސުލޫކީ ކޮމިޓީން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ މައްސަލަ ބަލަމުންދަނިކޮށް، އޭނާ ޕާޓީން އިސްތިއުފާދެއްވައިފިއެވެ.
ޕީޕީއެމުން ވަކިވުމަށް ނިންމައި، އޭނާ އިސްތިއުފާދެއްވުމަށް ޕާޓީއަށް ސިޓީއެއް ފޮނުއްވާފައިވާކަން ޕީޕީއެމްގެ އިސްތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަން" އަށް މިރޭ ކަށަވަރުކޮށްދެއްވައިފައެވެ.
ހީނާ ވިދާޅުވީ ރަމީޒްގެ ސިޓީ ލިބިފައިވާ ކަމަށާއި އޭނާގެ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީއަށް މިވަގުތު ވަގުތު ދެވެން ނެތުމުން ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރަމީޒްގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރަމީޒާ ދެކޮޅަށް ހުށަހަޅާފައިވަނީ، މުއިއްޒަށް ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭންކުރައްވާ ކަމަށްބުނާ މައްސަލައެކެވެ. އޭނާ އިސްތިއުފާދެއްވާފައި މިވަނީ، ސުލޫކީ ކޮމިޓީން އެ މައްސަލަ ބަލަން ފަށާފައިވަނިކޮށެވެ.
އެ މައްސަލައާ ގުޅޭގޮތުން ހީނާ ވިދާޅުވީ ރަމީޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދެވޭނީ ސުލޫކީ ކޮމިޓީން އެ މައުލޫމާތެއް ހާމަކުރުމުން ކަމަށެވެ.
ރަމީޒުގެ މައްސަލައެއް ބަލަން ފަށާފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށްތޯ ސުވާލުކުރުމުން ހީނާ ވިދާޅުވީ ރަމީޒުގެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންތޯ އަދި ނޭނގޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު، ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން ނިންމަވާފައިވާ ކަމަށް ވެސް ވާހަކަތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެބޭފުޅުންނަށް "ވަން" އިން ގުޅުމުން ވިދާޅުވީ، ރަމީޒާ ދެކޮޅަށް ހެކިބަސް ދޭން ނިންމަވާފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން މުއިއްޒު "ވަން" އަށް މިރޭ ވިދާޅުވީ ރަމީޒްގެ މައްސަލައަކީ މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވައިދެއްވުމަށް ކެމްޕޭން ކުރައްވާ ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
އޭނާއަކީ ވެސް ޕީޕީއެމްގެ ލިޑާޝިޕުގައި ހިމެނިވަޑައިގަންވާ ބޭފުޅެއް ކަމަށާއި ޔާމީން ފޮނުވާ ނޯޓުތަކާއި ސިޓީތައް ވެސް އޭނާއަށް ފެންނަ ކަމަށެވެ. އެ ނޯޓުތަކުގައި ޔާމީން ވިދާޅުވި ވާހަކައަކާ ގުޅިގެން ރަމީޒުގެ މައްސަލައެއް ބަލަމުންނުދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑަކީވެސް ލީޑާޝިޕް ބޭފުޅެއް، އަޅުގަނޑަށްވެސް ރައީސް ޔާމީންގެ ނޯޓުތައް ލިބޭ. އޭގައި އޮތް އެއްޗަކާ ގުޅިގެން ރަމީޒުގެ މައްސަލައެއް ބަލަމުން ނުދޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ރަމީޒުގެ މައްސަލަ ބަލަން އެންގީ ޔާމީންގެ ވަކީލުން މެދުވެރިކޮށް ފޮނުވި ނޯޓަކާ ގުޅިގެންތޯ އާއި އެ ނޯޓުގައި ރަމީޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުއިއްޒަށް ރިޔާސީ ކެންޑިޑޭޓު ހޯދައިދިނުމަށް ކަމަށް ފާހަގަކުރައްވާފައިވޭތޯ "ވަން" އިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ ވަކީލުން ހަވާލުކުރާ ނޯޓުތަކުގައި އެކަހަލަ ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ، އޭނާއަށް ރިޔާސީ ކެންޑިޑޭޓު ހޯދައިދިނުމަށް ރަމީޒު މަސައްކަތްކުރައްވާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތަކަށް ވިސްނާފައިނުވާނެ ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދެއްވާފައި. އަޅުގަނޑު ގަބޫލުކުރަނީ ޔާމީން މިނިވަންވެޑައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް. ރިޔާސީ އިންތިހާބުގައި ވާދަކުރަން އަޅުގަނޑު ވިސްނާފައެއްވެސް ނުވާނެ. ހައި ކޯޓުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ އެތެރޭގައި ރިޔާސީ އިންތިހާބަށް އޭނާއަށް ތާއީދުކޮށް ބައެއް މެމްބަރުން ވާހަކަދައްކާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށާއި ދެކެވޭނަމަ އޭނާއަށް ވެސް އެނގޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު