ޚަބަރު

މޫނު ބުރުގާ އެޅުން މަނާކުރި މައްސަލާގައި ވަގުތީ އަމުރެއް ނެރެނުދިން

މުހައްމަދު އިޝާން

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ ރެހެނދި ޗެމްބާސް އިންނެވެ. އެ ލޯފަމަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ލޯފާމެކެވެ. އެ ލޯފާމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި އަމުރުގައި ބުނީ ވަގުތީ އަމުރަށް އެދިފައިވަނީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން ނޫން ކަމަށެވެ. އަދި ދައުވާކުރި ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި މައްސަލަ ހުށަހެޅީ މޫނު ބުރުގާ އަޅައިގެން އަރަބިއްޔާ ސްކޫލަށް ދާ ދަރިވަރުންގެ ފަރާތުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދައުވާގައި އަދި ޝަރީއަތުގައިވެސް އެ ކުދިންނަކީ އެ ސްކޫލުގެ ދަރިވަރުންކަން އަދި އެއީ ކޮން ގްރޭޑެއްގައި ކިޔަވާ ދަރިވަރުންކަން އެނގޭނެ މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ބުންޏެވެ.

އަމުރުގައި އިތުރަށް ބުނީ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި ނަމަވެސް ތައުލީމު ލިބިގަތުމުގެ ހައްގުން އެ ކުދިން މަހުރޫމުވެފައިވާ ގޮތަށް ކަމެއްކޮށްފައިނުވާކަން ދައުވާ ހުށަހެޅި ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކުން ސާފުވާ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުމުން އެ ދަރިވަރުންނަށް އަނބުރާ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ދައުވާގައި ބަޔާންކޮށްފައިވިޔަސް އެ ނިންމުމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ހާލަތެއް ނުފެންނަ ކަމަށްވެސް އަމުރުގައިވެއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ މަރިޔަމް ވަހީދެވެ.