އއ. މަތިވެރި، އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް، އެސްޓީއޯ އަމްސާ ކަޕް 2023 ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މުބާރާތުގެ ގުރު ނެގުން ރޭ ކުރިއަށް ގެންގޮސްފައިވަނީ އއ. މަތިވެރި މަރިޔާދު ގޭގައެވެ. މިފަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި މަތިވެރީގެ އަށް ޓީމެއް ހިމެނެއެވެ. އޭގެ އިތުރުން ރަށުން ބޭރުން މިފަހަރުގެ މުބާރާތުގައި ދެޓީމެއް ބައިވެރިވެފައިވެއެވެ. ރަށުން ބޭރުން އަމްސާ ކަޕް 2023 ގައި ބައިވެރިވެފައިވާ ޓީމުތަކަކީ އއ. ބޮޑުފޮޅުދޫގެ ދެޓީމު ކަމަށްވާ އާރުބީޖީ ޖޫނިޔާސްއާއި ޔަންގް ޕްލޭޔާސް ސްޕޯސްޓް ކްލަބެވެ.
މަތިވެރިން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ރޯޔަލް ނައިޓްސް ކްލަބުގެ ފަރާތުން ބައިވެރިވި ރޯޔަލް ނައިޓްސް އެސްސީއާއި ރޯޔަލް ނައިޓްސް ސީނިއާ، ރޯޔަލް ނައިޓްސް ލެޖެންޑް، ރޯޔަލް ނައިޓްސް އެފްޓީގެ އިތުރުން މާންސް ޖަމިއްޔާގެ ފަރާތުން މުބާރާތުގައި ބައިވެރިކޮށްފައިވާ މާންސްއާއި މާންސް ސިއޮންސް އަދި މާންސް އެކަޑަމީގެ ޓީމެވެ. އޭގެ އިތުރުން ދެން މިފަހަރުގެ މުބާރާތުގައި ފެނިގެންދާނީ ހަސްލާސް އެފްޓީއެވެ.
މުބާރާތް ކުރިއަށްދާނީ 10 ޓީމު، ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމުމުން ދެން ކުރިއަށްދާނީ ސެމީ ފައިނަލުގެ މެޗުތަކެވެ. މުބާރާތުގައި ޖުމުލަ 23 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން އަމްސާގެ ރައީސް އަލީ ރަމީޒު "ވަން"އަށް ވިދާޅުވީ މުބާރާތް މިފަހަރުވެސް ފޯރިގަދަވާނެ ކަމަށާއި، މުބާރާތުގެ ތެރެއިން ހާއްސަ މެސެޖެއް ދިނުމަށް، ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް މެޗު ކުޅޭގަޑީގައި ސިންގަލް ޔޫސްޑް ޕްލާސްޓިކް ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
"އަމްސާ ކަޕް 2022 އެކޭ އެއްފަދައިން މިފަހަރުވެސް ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ ބާވާތްތައް ދަނޑުގައި ބޭނުންކުރުމަކީ މަނާކަމެއް. އަދި އެފަދަ ބާވަތެއްގެ އެއްޗެއް ބޭނުންކޮށްފިނަމަ އެކަމަށް ޖޫރިމަނާ ވެސް ކުރެވޭނެ. އަސްލު ބޭނުމަކީ ކުޅިވަރުގެ ތެރެއިން ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތި ބޭނުންކުރުން ހުއްޓުވުން. މިދިޔަ އަހަރު ޓީމުތަކުން ދެއްކި ނަމޫނާ މިފަހަރުވެސް ތަކުރާރު ކުރުމަކީ އަމްސާއިން އެދޭ ވަރަށް ބޮޑު އެދުމެއް،" އަލީ ރަމީޒު ވިދާޅުވިއެވެ.
އަމްސާ ކަޕް 2023 ގައި ބައިވެރިވެފައިވާ ޓީމުތަކުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި، ފުޓްސަލް ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި މޮޅެއް ކުޅެފައިވާ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.
އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އަމްސާ ކަޕް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ސޯޝަލް މީޑިއާ ޕާޓްނަރަކީ ބިލް ގްރަފީއެވެ.
އަމްސާ ކަޕްގެ މެޗުތައް ކުރިއަށްދާ ގޮތުގެ ތަފްސީލު އަމްސާ ކަޕް ފޭސްބުކް ޕޭޖާއި އަމްސާ ކަޕުގެ ހާއްސަ މޯބައިލް އެޕްލިކޭޝަނަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް، އަމްސާ ކަޕްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އީދު ދުވަހުގެ ހަވީރު ވާދަކުރާނީ އއ. މަތިވެރީ މާންސް ސިއޮންސް އާއި މާންސް އެކަޑަމީގެ ޓީމެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް