ފިހާރަތަކުން ވިއްކާ ޕްލާސްޓިކް ކޮތަޅުތަކުގެ ރިކޯޑް ބަލަހައްޓަން ގަވާއިދުން ކަނޑައަޅައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ވަނީ "ޕްލާސްޓިކް ކޮތަޅުގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު" އާންމުކޮށްފައެވެ.

އެ ގަވާއިދުގެ މަގުސަދަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށް ބަލަހައްޓަންޖެހޭ ރިކޯޑުތައް ބަޔާންކުރުމާއި، ރިކޯޑު ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލުތައް ބަޔާންކުރުމެވެ.

ގަވާއިދުގައިވާ ގޮތުން ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި ވިއްކި އަގު، ހިލޭ ފޯރުކޮށްދިން ޕްލާސްޓިކް ކޮތަޅު، ހަލާކުވާ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް ކޮތަޅަށް ނުވާ އެހެނިހެން ބާވަތުގެ ކޮތަޅުގެ އަދަދު އަދި ކަސްޓަމަރުން އަނބުރާ ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު އެ ވިޔަފާރިއަކުން ބަލަހައްޓަން ޖެހެއެވެ.

މީގެ އިތުރުން ވިޔަފާރިއަކުން ޕްލާސްޓިކް ކޮތަޅު އިމްޕޯޓް ކުރާނަމަ އެކަމުގެ ރިކޯޑް ބަލަހައްޓަން ޖެހޭނެއެވެ. އަދި ވިޔަފަރީއަކުން، އެ ވިޔަފާރީގެ ބޭނުމަށް ސަޕްލަޔަރެއްގެ އަތުން ޕްލާސްޓިކް ކޮތަޅު ގަތްކަމަށްވާނަމަ އެކަމުގެ ހުރިހާ ރިކޯޑެއް ބަލަހައްޓަންވާނެއެވެ.

ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ބަލަހައްޓަނީ އަތުން ލިޔެގެންނަމަ، އެ މައުލޫމާތު ދުވަހުން ދުވަހަށް ރިކޯޑުކޮށް ބަލަހައްޓަންވާނީ އެ މައުލޫމާތު ވަކިވަކިން އެނގޭނެ ގޮތަށް، އެ ފަރާތުގެ ވިޔަފާރީގެ އެހެން ރިކޯޑުތަކާ ވަކިންކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.