ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލި އިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ. އެގޮތުން މައްސަލައިގައި ހިމެނޭ ދެ ފަރާތުންވެސް މިއަދު ވަނީ ހުސާލާ ބަޔާން އިއްވައިފައެވެ.

ޖިނާއީ އިޖުރާއަތު ރޭވިފައި އޮންނަ ގޮތުން، ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުލާސާ ބަޔާން އިއްވައި ނިމޭ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ މިސްބާހް ވިދާޅުވީ، ރަސްމީ 15 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.