ފެނަކައިގެ މެނޭޖުމެންޓް އޮޑިޓަކާއި ފައިނޭޝަލް އޮޑިޓެއް ހަދައި، އެ ކުންފުނީގެ ދަރަނިތައް ދައްކާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އިދިކޮޅު ޕީއެންސީގެ މަޖިލިސް މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް، ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިއުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފައެވެ.
މި ގަރާރުގައި ވަނީ، ފެނަކައިން ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކަށް 2.8 ބިލިޔަނަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހިފައިވާ އިރު، އެ ފައިސާ ނުލިބި ގިނަ ދުވަސް ވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، މުވައްޒަފުންނަށް މުސާރަ ނުދެވި، ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ފެނަކައިގެ މައްޗަށް އޮތް ކުދި ވިޔަފާރިތަކާއި އާއްމު ރައްޔިތުންގެ އިތުބާރު ގެއްލި، ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ ނެމޭޖުމެންޓް އޮޑިޓަކާއި ފައިނޭޝަލް އޮޑިޓެއް ހަދައި، ކައިރި މުސްތަގުބަލެއްގައި ފެނަކައިގެ ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.