އެއީ ރާއްޖޭގެ އެންމެ ފޯރިގަދަ އެއް ކުޅިވަރެވެ. އެންމެ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބަލައި، އިންތިޒާރުވެސް ކުރާ އެއް ކުޅިވަރެވެ. އާންމުކޮށް އީދު ކަހަލަ މުނާސަބުތަކަށް މިހާރު ހާއްސަވެފައިވާ ފިޒިކަލް ކުޅިވަރެކެވެ. އެތައް އަހަރުތަކެއްގައި ކުޅުނު ކަމަށްވެސް ބުނާ ކުޅިވަރެކެވެ. މި ޖީލަށް 1996، 1998 ހިސާބުން އަލުން ފެށިގެން އައި، ރާއްޖޭގައި ކުޅެމުން އަންނަ އެންމެ ދިވެހި ވަންތަ، އެންމެ ޗާލު އެއް ކުޅިވަރެވެ. ބައިބަލާއެވެ.

ރާއްޖޭގެ ކުޅިވަރަށް އެތަކެއް ހިދުމަތެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކް ފަދަ ބޭބޭފުޅުންގެ އިސްނެންގެވުމާއެކު ބައިބަލާގެ ނަމުގައި ރާއްޖޭގައި ހާއްސަ ކުޅިވަރެއް ވުޖޫދުވެގެން ދިޔައީ ދިވެހިރާއްޖޭގެ އަޑު ފަދަ ވަސީލަތްތަކުގެ ތެރެއިންނެވެ. އޭރު ރޯދައަށް ހާއްސަކޮށް ބައިބަލާގެ ނަމުގައި ކުޅިވަރެއް ތައާރަފު ވެގެންދިޔައީ، އެކަމަށްޓަކައި ހެދުނު ހާއްސަ ކޮމިޓީތަކެއްގެ މަޝްވަރާގެވެސް ތެރެއިންނެވެ. އަންހެން ފިރިހެން ދެ ޖިންސަށް ފުރަތަމަ ބައިބަލާ ހުޅުވާލައިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. ދެކުނު އޭޝިއާގެ އެހެން ބައެއް ގައުމުތަކުގައި ކުޅޭ ތަފާތު ކުޅިވަރުތަކެއްގެ ސިފަތަކެއް އެކުލެވޭ ބައިބަލާ ވުޖޫދުވެ، ފުރަތަމަ ކުޅެން ފެށިއިރުވެސް، އެ ކުޅިވަރަށް ލިބުނު ތަރުހީބު ބޮޑެވެ.

ދެހާހުގެ އަހަރުތަކުގެ ތެރެއަށް ބައިބަލާގެ ފޯރި އިތުރުވަމުން އައިސް، މިހާރު ވަނީ ހަތަރެސްކަން ގޮނޑި، ވަށް ބޮޅަކަށް ބަދަލުވެފައެވެ. ވަގުތު ހިނގަމުންދާ، ގޭމްތަކަކަށް ބަހާލައިގެން "ޕްރޮފެޝަނަލް" ވަމުން އަންނަ ކުޅިވަރަކަށް ބައިބަލާ އޮތީ ޒަމާނަށް ފެތެމުން އަންނަ މަރުހަލާއެއްގައެވެ. ހާއްސަކޮށް މިހާރު ބައިބަލާ އަކީ "ގާބިލު" ރެފްރީންތަކެއްގެ ބެލުމުގެ ދަށުން، ކޯޗުންގެ ރޯލުވެސް ބޮޑުކޮށް ކުރިއަށް ގެންދެވޭ ޓެކްޓިކަލް ކުޅިވަރެކެވެ.

"ބައިބަލާގެ ފަހުން މި ފެށިގެން އައީ 1996 1998 ހިސާބު. އަޑުގެ ތެރެއިން އިބްރާހީމް މަނިކާއި މިހެން ގޮސް ރާއްޖޭގެ ކުޅިވަރުގައި ނަގައިކިޔައިލެވުނު އެތައް މޫނުތަކެއް އެކުވެ، ބައިބަލާ ފަށަން ވެގެން ފުރަތަމަ އޮލިމްޕަހުގައި މީޓިންއެއް ބޭއްވީ. އޭރަކު ދެން ބައިބަލާގައި ގަޑި ޖައްސާކަށް ނުޖެހޭ. ކުޑަކުޑަ ސިމްޕަލް ގަވައިދެއް މިހެދީ، އެއީ މުބާރާތެއް ބާއްވަން ވެގެން. ގަވާއިދު ބަދަލުކޮށް، ދެ ގޭމް ވަކިން ކުޅޭ ގޮތަށް 2005 ހިސާބު ބަދަލުވީ. އޭގެ ކުރިން ފުރަތަމަ އަންހެން ބައިބަލާވެސް ކުޅެމުން ދިޔައީ،" ކުރީގެ ފީފާ ރެފްރީ، އަދި ބައިބަލާ ފަދަ ކުޅިވަރުތަކުގެ ތެރޭގައި މިހާރުވެސް ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އަލީ ސަލީމް (ސައްލެ)ގެ ބައިބަލާގެ ހަނދާންތައް "ވަން"އަށް ހިއްސާކުރަމުން ބުންޏެވެ.

"ބައިބަލާއަކީ ރާއްޖޭގައި ވަރަށް ކުރިންސުރެވެސް ކުޅެމުން އައި މުބާރާތެއް. ކަބައްޑި ބައިބަލާގެ ވާހަކަ ކުރިން ބޮޑު ތަކުރުފާނުގެ ވާހަކައިގައިވެސް އާދޭ. އޮރިޖިންއަކީ ދެކުނު އޭޝިއާގެ ހިސާބުތަކުން އައިސްފައިވާ ކުޅިވަރެއް. އެކަހަލަ ކުޅިވަރުތަކެއް ބަންގާޅަށް ދަތުރުކުރި މީހުންގެ ފަތްފުށްތަކުންވެސް ފެންނަން އެބަހުރި. އެހެންވީމަ ހީވާ ގޮތުގައި އަލުން ފެށި ފެށުމަކަށް މިހާރު ކުޅެމުން މިދަނީ. ފުރަތަމަ ހަތަރެސްކަން ގޮޅީގެ ތެރޭގައި ކުޅުނީ، އެހެންވީމަ ކަބައްޑީގެ އެއްޗެއް މިއީ. ބައްދާ ބައިބަލާއަށް މި ބަދަލުވެގެން އައިސް ރިންގަކަށް ބަދަލު ގެނައީވެސް،" އޭނާގެ ނަޒަރުގައި ބައިބަލާ ރާއްޖެއަށް ތައާރަފުވި ގޮތްތަކަށް ނަޒަރު ހިންގަމުން ސައްލޭ ބުންޏެވެ.

ބައިބަލާއަކީ އެކަކު އަރައި ދިހަ މީހުންނާ ޗެލެންޖަކަށް ދައުވަތު ދޭ ކަހަލަ އިހުސާސެއް ކުރެވޭ ކުޅިވަރެކެވެ. ހަމަ އެހެންމެ، ބައިބަލާއަކީ "ވަން އޮން ވަން"ގެ ފޯރިގަދަ، ގަދަހިފުންތައްވެސް ފެންނަ ކުޅިވަރެކެވެ. "ބަނޑު މުސާރައަށް ބެއްދުމުގެ ތެރެއިން ގޮސް ކަބައްޑީގެ" ސިފަތައްވެސް ބައިބަލާގައި ހިމެނެއެވެ. ބައިބަލާ މިހާރުގެ އާ ގަވާއިދުތަކާއެކު އަދި މާ ޗާލު ވެފައިވާ ކަމަށް ކުޅިވަރުގައި އެތައް ހިދުމަތެއް ކޮށްދީފައިވާ ސަލީމް ބުންޏެވެ.

"ވަރަށް މަދުން ގޯސްތަކެއް ދިޔަނަމަވެސް ބައިބަލާއަކީ ވަރަށް ފިރިހެންވަންތަ، ނަލަ ގޭމެއް. ވަރަށް މަދުން ހަމަނުޖެހުންތައްވެސް ހިނގާފަ އެބަހުރި. އެކަމަކު އެއީ ނިސްބަތުން ބަލާއިރު އެހެން ގިނަ ކުޅިވަރުތަކާ އަޅައިބަލާއިރު ވަރަށް މަދުން. ފިޒިކަލް އެހެން ސްޕޯޓްސްތަކުގައިވެސް ހަމަނުޖެހުން ހިނގާނެ. މިސާލަކަށް ފުޓުބޯޅައިގައިވެސް އެހެން ހިނގާ ކަންކަން. ބައިބަލާގައި ހިނގާ ހަމަނުޖެހުންތައް މެޗު ތެރެއިން ވަރަށް މަދުކަން ފާހަގަވާނެ. އެއީ މިހާތަނަށް އައިއިރު، ފިޔަވަޅު އެޅުމުގެ ކަންކަން ރަނގަޅަށް ބަލަހައްޓަމުންދާތީ. މެޗެއްގެ ތެރެއިން މާ ބޮޑު މައްސަލައެއް ނުޖެހި، މިހާރު ކުޅިވަރެއްގެ ސިފައިގައި ބައިބަލާ ފެނިގެންދަނީ،" ސަލީމް ބުންޏެވެ.

ސަލީމްގެ ނަޒަރުގައި ބައިބަލާވެސް ކުރިއަށްދަނީ ކްލަބުތަކުގެ މެދުގައި، ކުޅުންތެރިން ރަޖިސްޓްރީކޮށް އޮފިޝަލް ގޮތެއްގައި ކަމަށްވުމުން، ބައިބަލާއާ ގުޅުވައިގެން ދެކެވޭ އެހެނިހެން "ގޯސްތަކުގެ ވާހަކަ" ހަގީގަތުގައި މިހާރު ބައިބަލާއަކާ ނުގުޅުވޭނެއެވެ.

"މިއީ ޒުވާނުން އެއްތަންވެ، ޝައުގުވެރިކަމާއެކު ކުޅޭ ކުޅިވަރެއް. މިއީވެސް މިހާރު ވަރަށް ޕްރޮފެޝަނަލް ކުޅިވަރެއް. މިހާރު މިއީ ޒުވާނުންނަށް ރަނގަޅު އަދަދެއްގެ ފައިސާވެސް ލިބޭ ކުޅިވަރެއް. ޓްރާންސްފާ ބާޒާރެއްވެސް ހިނގާ. އެހެން ދާއިރުވެސް މި ކުޅިވަރުގަ އުޅޭ ޒުވާނުންނަކީ ވަކި ހިސާބު ތަކަކަށް ނިސްބަތްވާ ކުޅުންތެރިންނޭ ބުނެ އެކަމަށް ފާޑު ކިޔާ އަޑު އެބައިވޭ. އެކަމަކު ރާއްޖޭގައި ކުޅޭ ކޮންމެ ކުޅިވަރެއްގައިވެސް ކްލަބު ޖަމިއްޔާތައް މި ކުޅެނީ. އޭގެ ތެރެއިން ގޮސް، ކުޅިވަރު ކްލަބުތައް މި އޮންނަނީ ވަކި ހިސާބުތަކަށް ނިސްބަތްވެފަ. އެހެންވީމަ ބައިބަލާވެސް އެގޮތަށް އެ ފެންނަނީ. އެކަމަކު އެއީ ބައިބަލާގެ އަސްލު ކުޅިވަރުގެ ހަގީގަތް ގެއްލޭ ވާހަކަތަކެއް،" ސަލީމް އިތުރަށް ބުންޏެވެ.

"ވަރަށް ޒަމާންވަންދެން މި މުބާރާތުގެ ތެރޭގައި އުޅެވިއްޖެ. އަނެއްހެން ބައިބަލާ ތެރެއިން ހަމަނުޖެހުން ހިނގި މަންޒަރުތަކެއް ފެނިފައެއް ނުވޭ. އެހެން ނަމަވެސް ވަރަށް ފޯރިގަދަ ވެގެން ކޮންމެވެސް ކަމެއް ހިނގާފަ ހުރެ ދާނެ. އެހެން ނަމަވެސް، ސަޕޯޓަރުންގެ ފޯރިގަދަ ވެގެން ގޮސްވެސް މާ ބޮޑު ގޯސްތަކެއް ހިނގާފައެއް ނުވޭ. ބައިބަލާ ތެރެއިން ކްރައިމް ރޭޓް ދަށްވޭ، ފުލުހުންވެސް އެކަން ފާހަގަކޮށްފައިވޭ. އެއީ މިކަމުގައި އެތައް ޒުވާނުންނެއް އިންވޯލްވާތީ. ސްޕޯޓަކީ ވަރަށް ބޮޑަށް އެބައި ކުޅެދޭ އެއްޗެއް. ބޭރު ތެރޭގެ ކަންކަމުގައި ކުޅުންތެރިންނާ ގުޅުވާތީ ބައެއް ފަހަރު ކުޅިވަރުގެ އިމޭޖް ވަރަށް ބޮޑަށް ގެއްލޭ،" ސަލީމް އިތުރަށް ބުންޏެވެ.

ބައިބަލާ އަކީ އަދިވެސް ރާއްޖޭގައި އެކަނި ކުޅެމުން އަންނަ ކުޅިވަރެކެވެ. އެހެން ނަމަވެސް، މި ފަހަކަށް އައިސް ބޭރުގެ ބައެއް ގައުމުތަކުގެ ކުޅިވަރުތަކުގެ ތެރޭގައި އުޅެމުން އަންނަ ފަރާތްތަކުން ބައިބަލާގެ ފުރިހަމަ މައުލޫމާތު ހޯދަން މަސައްކަތް ކުރި ކަމަށް ވަނީ އެނގިފައެވެ. އެ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި އަދިވެސް ޑޮކިއުމަންޓް ކުރެވިފައެއް ނެތެވެ. ބައިނަލްއަގުވާމީ ގޮތުން ކުޅިވަރު، ވަކި ކުޅިވަރަކަށް ހެދެން އޮތީ ސަލީމްގެ ނަޒަރުގައިވެސް، ގަވާއިދުތައް ފުރިހަމައަށް ބަދަލުކޮށް، ރެފްރީން ތަމްރީނު ކުރުމަށްވެސް އުސޫލުތަކެއް އެކުލަވާލައިގެންނެވެ.

"ތަރައްގީ ކުރެވިދާނެ ގޮތްތައް އަދިވެސް އެބަހުރި. އެސޯސިއޭޝަނުން މުބާރާތް ބާއްވައި ނިންމާލާތީކަންނޭނގެ އެކަން ނުކުރެވި އޮންނަނީ. އެކަން ކުރުމަށް ވިސްނުން އެބަހުރި. މެނުއަލްއެއް އެއްޗެއް އޮންނަން ޖެހޭ، ބައިބަލާ ދަސްކުރަން އަންނަ ބަޔަކަށް ކިޔައިދެވޭނެ ގޮތެއް ހޯދަން ޖެހޭ. އެކަން ކުރަން ޖެހޭ. ކޯޗުންނަށް މެނުއަލްއެއްވެސް ހެދި، ބައިނަލްއަގުވާމީ ކުރަން ވަކި ހިސާބަކަށް ދާންވީ އެއްޗެއް ބައިބަލާ އަކީ،" ސަލީމް ބުންނެވެ.

ސަލީމްގެ ނަޒަރުގައި ބައިބަލާގެ ކުރިމަގަށް ޓީމުތަކުން ބޮޑު މަސައްކަތެއް އެބަ ކުރެއެވެ. ހާއްސަކޮށް ޕްރޮފެޝަނަލްވެ، ޑިސިޕްލިން ހިފަހައްޓަމުން އަންނަ އައުން އޭނާ ފާހަގަކުރިއެވެ.

"ޓީމުތަކުން ވަރަށް ބޮޑަށް ހިފަހައްޓައި، ވަރަށް ބޮޑަށް ޕްރޮފެޝަނަލް ވެއްޖެ. އަދިވެސް ޕްރޮފެޝަނަލް ވާނެ. ރެފްރީންނަށް ރަނގަޅު އިރުޝާދު ދެވިގެން، ބާރުތައް ކަނޑައެޅި، އަދަބުވެސް ރަނގަޅަށް ކަނޑައެޅިގެން، ރަނގަޅު ގަވާއިދެއް ހަދައި، ބަދަލުތަކެއް ގެންނަން ޖެހޭ. ޑިސިޕްލިނަރީ ކޮމިޓީންވެސް މަސައްކަތް ކުރަނީ ރަނގަޅަށް، އަދަބު ދީގެން ސްޕޯޓްސްގައި މިކަން ކުރިއަށް ގެންދަން. އަދަބު ދޭން ޖެހޭ. ދޭން ޖެހޭ ތަނުގަ އަދަބުވެސް ދެމުންދާނަމަ ވަރަށް މަދު މައްސަލަތަކެއް ދިމާވާނީ، އެކަން އެސޯސިއޭޝަނުންވެސް ރަނގަޅު ކުރަމުންދާނީ،" ސަލީމް ބުންޏެވެ.

"ޒުވާނުން ތެރެއިން މުބާރާތްތަކުގައި މިހާރު ރަނގަޅަށް ކުރިއަށް ދަނީ. ވަރަށް ބޮޑަށް އެ އަހުލާގު ފެނިގެންދަނީ. މި ކަންކަމުގެ ވާހަކަ ދައްކަން ވާނެ. އެ ޒުވާނުން އެއްތަންވެ އުޅޭއިރުވެސް ރަނގަޅު ކަންކަން ކުރިއަށްދާނެ. ބައިބަލާއަކީ ޝައުގުވެރި ކުޅިވަރެއް. އަށެއް ޖަހާއިރު ދާ ސަޕޯޓަރުން މިތިބެނީ ދޭއް ޖަހަންދެން ހަމަ ޝައުގުވެރިކަމާއެކު ބަލަން. އެހެންވީމަ މިކަމުންވެސް ބައިބަލާއަށް އޮތް ފޯރި އެނގޭ،" ސަލީމް އިތުރަށް ބުންޏެވެ.

ބައިބަލާގެ ކުރިމަގަށް އޮތީ މިހާރު ކޯޗުކަން ކުރަމުންދާ ކޯޗުންގެ ޓެކްޓިކްސްތަކާއި، އުކުޅުތައްވެސް ލިޔުމެއްގައި އޮތުމެވެ. ހާއްސަކޮށް ހެދޭނެ ރަސްމީ ގަވާއިދެއްވެސް އޮވެ، ރެފްރީންގެ "މެނުއަލް"އެއްވެސް އޮތުމެވެ. އޭރުން ރެފްރީން ތަމްރީނު ކުރުމަށްވެސް ފަސޭހަވެގެން ދާނެއެވެ. އަހަރެއް އަހަރަކަށް ބައިބަލާ ތަރައްގީވަމުން އަންނަ އިރު، މިފަހަރުގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ދެވަނަ އީދު ދުވަހު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ޓީމުތަކުން މިހާރު އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ފޯރިގަދަވާނެކަން ޔަގީނެވެ.