ގައުމީ އެއާލައިން، މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު މަތިންދާ ބޯޓުތަކެއް ކުއްޔަށް ނެގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އެ އެއާލައިނުން ކުއްޔަށް ނެގުމަށް ބޭނުންވަނީ އޭޓީއާރު މަރުކާގެ ފަސް ބޯޓެކެވެ. އެއީ މުޅިން އާ ނުވަތަ ބޭނުންކޮށްފައިވާ އޭޓީއާރު 42-600 ގެ ބޯޓުތަކެވެ.
މޯލްޑިވިއަނުން ކުއްޔަށް ނަގާ ފަސް ބޯޓުގެ ތެރެއިން ތިން ބޯޓެއް ބޭނުންވަނީ އޮޕަރޭޓިން ލީސްގެ ދަށުންނެވެ. އެ ބޯޓުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ރާއްޖެ ގެންނަން ޖެހެއެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ގެންނަން ޖެހޭ ބޯޓު ސޭލް އެންޑް ލީީސް ބެކް (އެސްއެބީ) ގެ ދަށުން ބޭނުންވާ އިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެންނަން ޖެހޭ ބޯޓު ބޭނުންވަނީ ފައިނޭންޝަލް ލީސްގެ ދަށުންނެވެ.
މޯލްޑިވިއަނުން އެ ބޯޓުތައް ކުއްޔަށް ނަގަން ބޭނުންވަނީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި ފައިނޭންޝަލް ލީސްގެ މުއްދަތަކީ 12 އަހަރަށްވުރެ އިތުރު މުއްދަތެއް ކަމަށް މޯލްޑިވިއަންގެ އިއުލާނުގައި ބުނެފައިވެއެވެ.
މިއަދުން ފެށިގެން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 23:59 އެވެ. އަދި އެންމެ ރަނގަޅު ތިން ފަރާތެއް ހޮވައި، އެކަން އެންގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.
ދާދިފަހުން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސް، އެ ބޯޓުތައް ބޭނުންކުރަން ފަށައިފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އެ ދެ ބޯޓުގެ ދަތުރުތައްވެސް ވަނީ ފަށައިފައެވެ. އަދި މިމަހުގެ ކުރީކޮޅު ގެނައީ އޭޓީއާރު 400-72 ގެ މުޅިން އާ ބޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު