މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް 592،605 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,810 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ރާއްޖޭގައި އަށް ދުވަސް ހޭދަ ކުރެއެވެ. މިދިޔަ ބުދަ ދުވަހާ ހަމައަށް މިމަހު އެކަނިވެސް 68,677 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން 71،989 ފަތުރުވެރިން ޒިޔާރަށްކޮށްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.

މީގެ އިތުރުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،810 ފަތުރުވެރިން ރާއްޖެ އާދެއެވެ. އެ ފަތުރުވެރިން އެވްރެޖުކޮށް 7 ދުވަހާއި 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.