ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އިއްޔެ ކުޅެފައިވާ އިރު، އެ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

އިއްޔެ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު ގްރޫޕް ސީގެ މެޗުގައި ހުއްރިއްޔާއިން ފަހަތުން އަރައި ގްރީން ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރު ވެޓެރަންސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 11 ޓީމެއް ވާދަކޮށްފައިވާ އިރު، އެ ޓީމުތައް ބަހާލެވިފައިވަނީ ތިން ގްރޫޕް އަކަށެވެ. އެގޮތުން ފުރަތަމަ ގްރޫޕްގައި ތިން ޓީމު އޮތްއިރު، އަނެއް ދެ ގުރޫޕް އެކުލެވިފައިއޮތީ ހަތަރު ޓީމަށެވެ. ކުއާޓާގެ ފުރުސަތައް ބަހާލާފައި އޮތީ ފުރަތަމަ ގްރޫޕުން ދެ ޓީމު، އަދި ދެން އޮތް ދެ ގްރޫޕުން ކުރެ ކޮންމެ ގްރޫޕަކުން ތިން ޓީމަށް ފުރުސަތު ލިބޭ ގޮތަށެވެ.

ހުއްރިއްޔާއިން ކުއާޓާގެ ފަހު ޖާގަ ޔަގީންކޮށްފައިވާ އިރު، ދެން ކުއާޓާއަށް ދިޔައީ ހުޅުމާލެ ވެޓެރަންސް، ޕޮލިސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)، ބުރު ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

އިއްޔެ މެޗުގެ ފުރަތަމަ ހާފުގައި ހަމްޒާ ހުސެއިން ޖެހި ގޯލުން ގްރީން ލީޑު ނަގައި ކުޅެމުން ދިޔަ ނަމަވެސް ދެވަނަ ހާފަށް ނުކުމެ ހުއްރިއްޔާ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ހުއްރިއްޔާއަށް ލިބުނު ޕެނަލްޓީގައި ހުސެއިން ނަސީރު އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، ފުރަތަމަ ފަހަރަށް މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ އަހުމަދު ސަމާއު (ސަމަރު) ޖެހި ގޯލުންނެވެ.

އޭގެ ފަހުންވެސް ހުރިއްޔާއަށް ހުސް ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައިވާ އިރު، އެޓީމުން ފަހު ކޮޅުގައި ގޯލުތައް ޖެހީ އިސްމާއިލް ޔާފިސް (ޔާއްޕޮ)އާއި އަލީ ނަޒްމީން (އައްޔަ) އެވެ.

މުބާރާތުގެ ކުއާޓާގެ މެޗުތައް މިއަދާއި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު، ކޮންމެ ދުވަހަކު ކުއާޓާގެ ދެމެޗު ކުރިއަށް ދާނެއެވެ. ކުއާޓާގައި މިއަދު ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭއެވެ. އަނެއް މެޗުގައި ހުރާ ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.

މާދަމާ ހަވީރު ކުޅޭ ކުއާޓާ ދެ މެޗަށް ބަލާއިރު، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓަރަންސް ސްޕޯޓްސް ކްލަބް ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.