ބުރު ސްޕޯޓްސް ކްލަބާއެކު ފުރަތަމަ ޑިވިޝަނަށް ނުކުމެ، ކޮންމެ މެޗަކަށްވެސް ނުކުންނާނީ އިދިކޮޅު ޓީމު ބަލިކުރުމަށް ކަމަށާއި ޕްރެސިޑެންޓްސް ކަޕްގެ ފެވަރިޓެއް ނަގާ ނަމަވެސް، މިހާރު ހުރި މަގާމުގައި ހުރެ ނަގާނީ ބުރު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅެ، އެއަށްފަހު ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ނިޒާމްބެ، މިފަހަރު ސީޒަނަށް ނުކުންނަނީ އަލަށް ޕްރޮމޯޓުވި ބުރާއެކުގައެވެ. ކުރިން ޓީސީއާއެކު ދިވެހި ލީގުވެސް ކާމިޔާބުކުރި ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅޭ ބުރު، ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
އެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުރާސްފަތި ދުވަހުގެ ޕްރި މެޗު ޕްރެސްގައި ނިޒާމްބެ ބުނީ ބުރަކީ ފެވަރިޓުން ކަމަށާއި އެއްވެސް ޓީމަކާ ދެކޮޅަށް ނުކުންނަން ބުރު ޖެހިލުން ނުވާނެ ކަމަށެވެ.
"ފެވަރިޓަކީ ބުރު. ރިޔަލިސްޓިކް ބައި ބާއްވާފައި އެހެން ބުނާނީ މި ސީޓްގައި އިނދެ. އެކަމަކު ސީޑު ކޮށްފައިވާ ގޮތަށް ބުނާނަމަ މާޒިޔާއޭ ބުނާނީ، ނޫނީ އެހެން ކައިރީގައި އުޅޭ ޓީމެއް. އެހެންނަމަވެސް އަތް ނުލެވޭ ހިސާބުގައި އޮތް ޓީމުތަކެއް ނޫން އެއީ. ކުރިން މެޗުތަކުންވެސް ފެނިގެން ދިޔައީ އެކަންތައް ކަންނޭނގެ. ބުރު ވާދަނުކުރާނެ އެއްވެސް ޓީމެއް ނެތް. އެއްވެސް ޓީމަކަށް ބުރު ޖެހިލުމެއް ނުވާނެ. ބަލިކުރެވޭނެ، ބަލިކުރެވޭނެތީ ސީޒަނަށް ނުކުމެ މިތިބީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މުބާރާތުގައި ބައިވެރިނުވާން ފުރަތަމަ ވިސްނި ކަމަށާއި އެގޮތަށް ވިސްނީ ފައިސާގެ ދަތިކަމެއް ހުރެގެން ނޫން ކަމަށެވެ. ބޭނުންވީ ޓީމު ފުރަތަމަވެސް އަންނައިރު އެންމެ ވަރުގަދަކޮށް އަންނަން ކަމަށެވެ. އެގޮތަށް ވިސްނުން ގެންގުޅުމަށްފަހުވެސް މުބާރާތުގައި ބައިވެރިވާން ނިންމީ ތަޖުރިބާއެއް ހޯދުމަށް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
"ފުރަތަމަ ޓީމު ބައިވެރި ނުކުރަން ވިސްނީ. އެހެން ނަމަވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށް މި ބަލަނީ. ސީޒަނަށް، ލީގަށް ދާން ބަލާއިރު ޓީމުގެ ސްޓްރެންތު ދެނެގަންނަން މުބާރާތް އެހީއަކަށް ވާނެ. ދެން ބޭރު ކުޅުންތެރިން ގެންނަންވެސް، ކުޅުންތެރިން އެންމެ ބޭނުންވަނީ ކޮން މަގާމަކަށްތޯ ބަލަން މި މެޗުތައް އެހީއަކަށްވާނެ. އެއީ ބައިވެރިވާން ނިންމި ސަބަބަކީވެސް،" ނިޒާމްބެ ބުންޏެވެ.
"ޓީސީގައި އަދާކުރީވެސް ޕްރޮފެޝަނަލް ވަޒީފާއެއް. މިހާރުވެސް ކުރަމުން މިދަނީ ޕްރޮފެޝަނަލް މަސައްކަތްތަކެއް. އެމޯޝަނަލް ވާން ޖެހޭނެ ކަމެއް އޭގައި ނާދޭ ޓީސީ ދޫކޮށްލަން ޖެހުނަސް. މިއީ ދާއިމާކޮށް ތަނެއްގައި ހިފަހައްޓައިގެން ހުރެފައި ދިމާލަކަށް ދިޔުމެއް ނޫން. މި މަގާމުގައި އިންނައިރު، އެނގެން ޖެހޭނެ މިއީ ހޮޓް ސީޓެއްކަން. ކޮންމެ ދުވަހަކުވެސް މި ގޮނޑިން ދުރަށް ދާން ޖެހިދާނެ،" ޓީސީއަށް މީގެ ކުރިން ދެފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީ، ޓީސީއާ ގާތް ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނިޒާމްބެ، އެ ކްލަބާ ދެކޮޅަށް ނުކުންނަން ޖެހޭ ޖެހުމާ ގުޅިގެން ޕްރެސްގައި ބުންޏެވެ.
ނިޒާމްބެ އިތުރަށް ބުނީ ޓީސީއަކީ ބުރަށްވުރެ، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ޓީމެއް ކަމަށާއި ޕްރެސިޑެންޓްސް ކަޕަށްވެސް ޓީސީ މާ ބޮޑަށްވެސް ތަޖުރިބާ ބޮޑުވާނެ ކަމަށެވެ. މިއީ ކެރިއަރުގައި ކުރަން ޖެހުނު އެންމެ އުނދަގޫ މަސައްކަތް ކަމަށް ބުނެ ނިޒާމްބެ ބުނީ، އެންމެ ހަފުތާއެއްހާ ދުވަހުގެ ފަރިތަކުރުމަށްފަހު، ފުރަތަމަ ޑިވިޝަނުގެ އާ ޓީމެއް ބޮޑު މުބާރާތަކަށް ނެރުމަކީ އުނދަގޫ ޗެލެންޖެއް ކަމަށެވެ.
ނިޒާމްބެގެ ނަޒަރުގައި ބުރުން ފުރަތަމަ ޑިވިޝަނަށް ގެންގުޅޭ ތަސައްވަރު ތަފާތެވެ. ހާއްސަކޮށް މިހާރު ކްލަބުތަކަށް ދިމާވެފައިވާ ފައިސާގެ އުނދަގޫ ހާލަތްތަކަށް ކްލަބު ނުގޮސްވާނެ ގޮތެއް ހޯދުމަކީ ބުރު ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނަން މުހިއްމު ކަމެއް ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.
"ފުރަތަމަ ޑިވިޝަނުގައި އޮތުމަށް ބުރުން ކުރަން ޖެހޭ މަސައްކަތް މިހާރު އޮތީ ފަށާފައި. އެންމެ ބޮޑު ކަމަކީ މިހާރު ކްލަބުތައް އޮތް ހިސާބަށް ނުގޮސް، ސަލާމަތްވާނެ ގޮތްތަކެއް ހޯދުން. އެކަންތަކަށް މެނޭޖުމަންޓުން ވަރަށް މަސައްކަތް އެބަކުރޭ. ދެން އޮތީ ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ގޮތުގައި ކުޅެގެން ހިފެހެއްޓުން. ރަނގަޅު ޓީމެއް ބިނާކުރުން. އެހެންވީމަ އެ މަސައްކަތް ކަންނޭނގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އަދާކުރަން މި ޖެހެނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ އިތުރަށް ބުނީ ބުރަކީ ފުރަތަމަ ޑިވިޝަނަށް އާ ކްލަބެއް ނަމަވެސް، "ޓީމެއް ބިނާކުރަނީ"އޭ ބުނެ، ޑިމާންޑްތަކުން ވިސްނުން ކަސިޔާރު ނުކުރާނެ ކަމަށެވެ.
"ބުރުގެ ޑިމާންޑްތައް ތަފާތު. ޓީމު ބައްޓަން ކޮށްފައި އޮތީ އަރާ ގޮތަށް އަރައި ބޮންތީގައި ހިފާކަށް ނޫން. އެހެން ނަމަވެސް ބުރުގެވެސް ޑިމާންޑްތަކެއް މިހާރު ހުންނާނެ. ހަމައެކަނި ޓީމެއް ބިނާކުރަން މުބާރާތަކަށް ނުނުކުންނާނެ. މުބާރާތުގައި އެންމެ ދުރަށް ދާން، އެންމެ ރަނގަޅު ނަތީޖާއެއް ނެރުން އެއީ އޮންނާނެ ކަމެއް،" ނިޒާމްބެ ބުންޏެވެ.
މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި މާޒިޔާ ކައިރިން ޓީސީ 2-0 އިން ބަލިވެފައި އޮތް އިރު، މިރޭގެ މެޗުން މޮޅުވެ، އެއް މެޗުން ބުރަށް ސެމީ ޔަގީން ކުރެވިދާނެއެވެ. ޓީސީ އާއި ބުރު ވާދަކުރާ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް