މިފަހަރުގެ ޕްރެސިޑެންޓްސް ކަޕަށްވެސް އަދި ކުރިއަށް އޮތް މެޗަށްވެސް ޓީސީ ސްޕޯޓްސް ކްލަބުން ތައްޔާރުވީ ގަދަކަމުން ކަމަށާއި އެހެން ނަމަވެސް މެޗުން ބޭނުމީ މޮޅެއް ކަމަށް މިވަގުތު ޓީސީގެ ކޯޗުކަމުގައި ހުރި އަހުސަން ރަޝީދު (ޗޭ) ބުނެފިއެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މިދިޔަ ހަފުތާ ފެށީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ވާދަކުރި މެޗުންނެވެ. އެމެޗުން ޓީސީ 2-0 އިން ބަލިވެފައިވުމާއެކު، މިރޭގެ މެޗަކީ އެޓީމަށް ސެމީގެ އުންމީދު ދަމަހައްޓަން މޮޅެއް ހޯދަން މަޖުބޫރުވާނެ މެޗެކެވެ.
ޓީސީ އާއި ބުރުގެ އިތުރުން މާޒިޔާ އެއް ގްރޫޕެއްގައި އޮތް އިރު، ދެ މެޗުން ބަލިވެއްޖެނަމަ ޓީސީ ކަޓާނެއެވެ. އަދި ބުރަށް އެއް މޮޅާއެކު ސެމީ ޔަގީންކުރެވެން މިރޭ އޮންނާނެއެވެ.
"ތައްޔާރުވާން ޖެހުނީ ގަދަކަމުން. ފުރަތަމަ މެޗަށްފަހު ދެ ދުވަހު މިދިޔައީ ރިކަވަރީ. އަދި ބުރު މެޗަށް ނުވެސް ވިސްނާ މި އޮތީ އަނެއްހެން. ޓީމު މިފަހަރު މުބާރާތަށް ނުކުތީ މެޗު ވާމް އަޕެއް ޖަހާލާފައި، އަނެއް ދުވަހު މެޗަށް ކަހަލަ ގޮތަކަށް،" ބުރާސްފަތި ދުވަހު ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ޗޭ ބުންޏެވެ.
މިރޭ ޓީސީން ޕްރެސިޑެންޓްސް ކަޕްގައި އެޓީމުން ކުޅޭ ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، ބުރުގެ ކޯޗަކީ ޓީސީގެ ލެޖެންޑަރީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ ވަނީ މީގެ ކުރިން ޓީސީއަށް ދެފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، އެ ކްލަބު މިއަދު އޮތް ހިސާބަށް ގެންދިޔުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެކަކީވެސް ނިޒާމްބެއެވެ. އެ ކްލަބާއެކު ނިޒާމްބެ ވަނީ ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ އިތުރުން ދިވެހި ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.
އޭރު އެންމެ ގާތުން އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ޗޭ، މިދިޔަ ބުރާސްފަތި ދުވަހުގެ ޕްރި މެޗު ޕްރެސްގައި ބުނީ ނިޒާމްބެއަށް ޓީސީ ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި ޓީސީން އެވަރު ދަންނަން ޖެހޭނެ ކަމަށެވެ.
"ނިޒާމްބެއަށް ފަސޭހައެއް ވާނެ. ނިޒާމްބެއަށް އެނގޭނެ ޓީސީގެ ހުރިހާ ކަމެއްވެސް. އެހެންވީމަ އަހަރެމެންވެސް އެކަމަށް ވިސްނަން ޖެހޭނެ. އެހެންނޫނީ ނިޒާމްބެއަށް ފަސޭހަވާނީ. ކުރިއަށް ދާން ބޭނުންވާނަމަ، މޮޅުވާން ޖެހޭނެ. އެއީ ކުރީ މެޗުގެ ނަތީޖާ އޮތް ގޮތުން، އެހެންވީމަ މޮޅުވާން ކުޅޭނީ. ކޮންމެ ގޮތެއް ވިޔަސް އެޓޭކް ކުރަން ޖެހޭ މެޗެއް ކުރިއަށް މިއޮތީ،" ޗޭ ބުންޏެވެ.
ޓީސީއާއި ބުރު ވާދަކުރާ ޕްރެސިޑެންޓްސް ކަޕްގެ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީ ސްޕޯޓްސް ކްލަބު