ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުގައި މިވަގުތު ހުރި ކޯޗު، ކްރިސްޓޮފޭ ގަލްޓިއޭ ނީސްގެ ކޯޗުކަމުގައި ހުރެ، ބައެއް ކުޅުންތެރިންނަށް ނިސްބަތްކޮށް ނަސްލީ ގޮތުން ދިމާކުރުމުގެ ބަސްތަކެއް ބޭނުންކޮށް ފޮނުވި އީމެއިލެއްގެ މައްސަލައިގައި އޭނާ ޖަވާބުދާރީ ވެއްޖެއެވެ.

ފްރާންސްގެ މީޑިއާއަކުން ބުނެފައިވަނީ ގަލްޓިއޭ، ނީސްގެ ވެރިންނަށް ފޮނުވި މެއިލްއެއްގައި އެޓީމުގައި މުސްލިމު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ކަޅު ނަސްލުގެ ގިނަ ކުޅުންތެރިންތަކެއް ތިބުމުން އެ ގޮތް ކަމުނުދާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ވާހަކަތަކާއެކު ގަލްޓިއޭ މިއަދު ވަނީ ޖަވާބުދާރީވެފައެވެ. 2021-22 އަހަރުގެ ސީޒަނުގައި ނީސްގައި ހޭދަކުރި ގަލްޓިއޭ 56، މިއަދު ނޫސްވެރިންނަށް ބުނީ އެވާހަކަތައް ދައްކައި، އަގު ވައްޓާލަން މަސައްކަތް ކުރާ ފަރާތްތަކަށް ގަނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

"އަހަރެން ނިންމައިފިން ގާނޫނީ ފިޔަވަޅު އެޅުމަށް. އަހަރެންގެ އިއްޒަތާއި ކަރާމަތަށް ހުތުރުވާނެ ގޮތަކަށް ދެއްކި ވާހަކަތަކަށް މިނިވަން ތަހުގީގެއް ހިންގެން ޖެހޭ. އެކަމަށް އަހަރެން ވާނީ ހުށަހަޅާފައި،" ގަލްޓިއޭ ބުންޏެވެ.

ގެލްޓިއޭގެ އީމެއިލް މައްސަލައިގައި މިހާރު ނީސްގެ ޕްރޮސެކިއުޓާ އޮފީހުން ތަހުގީގެއް އިއުލާނު ކޮށްފައިވާ އިރު، ގަލްޓިއޭ އިތުރަށް ބުނީ ނޫސްތަކުން ދައްކާފައިވާ ވާހަކައިގައި އޭނާވެސް ހައިރާންވި ކަމަށާއި، އެފަދަ ވާހަކަތަކަކީ ދުވަހަކުވެސް ދައްކާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"އަހަންނަކީ ފްރާންސަށް ހިޖުރަކުރާ މީހުން ދިރިއުޅޭ ސަބްސިޑައިސްޑް ހައުސްގައި ދިރިއުޅެ ބޮޑުވި މީހެއް. އަހަންނަކީ ޑައިވާސިޓީގެ ތެރެއިން ބޮޑުވެގެން އައި މީހެއް. އަހަންނަކީ ހުރިހާ ދީނަކަށް، ނަސްލަކަށް، އަދި ކުލައަކަށްވެސް އިހުތިރާމު ކުރާނެ މީހެއް،" ގަލްޓިއޭ ބުންޏެވެ.

ގަލްޓިއޭގެ މައްސަލައިގައި ޕީއެސްޖީން ބުނީ ކޯޗަށް އެއްބާރުލުން ދޭނެ ކަމަށާއި، ޖުޑިޝަރީން އެކަމުގައި އެންމެ ރަނގަޅު ތަހުގީގަކަށް ފުރުސަތު ދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ލީގު ވަންގެ ލިލްގައި ގަލްޓިއޭގެ އިރުޝާދުގެ ދަށުން ކުޅުނު މުސްލިމް ކުޅުންތެރިއެއް ކަމަށްވާ، ތުރުކީގެ ބުރަކް ޔިލްމާޒް ވަނީ ކޯޗުގެ ދިފާއުގައި ނުކުމެފައެވެ. އޭނާ ބުނީ ގަލްޓިއޭގެ ފަރާތުން އަބަދުވެސް ފެނުނީ އިހުތިރާމު ކުރުން ކަމަށާއި، ދީނީ ގޮތުންނާއި ނަސްލީ ގޮތުން ފުރައްސާރަކުރުން ފާހަގަވެފައި ނުވާ ކަމަށެވެ.