އަންނަ މަހު ސައުތު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިހުގެ ދުނިޔޭގެ މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްސްއަށް ރާއްޖޭގެ ޑަބަލްސް އެއްވަނަ ޕެއާ، އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ކޮލިފައިވެއްޖެއެވެ.
އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެންމެ ބޮޑު މުބާރާތް، ވޯލްޑް ޗެމްޕިއަންޝިޕް އަންނަ މަހުގެ 20 އިން 28 އަށް އޮންނާނީ ޑާބަންގައެވެ. މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް މުޅި އޭޝިއާ ބައްރުންވެސް އަންހެން ޑަބަލްސް އިވެންޓަށް ކޮލިފައިވީ ދެ ޕެއާ އެކެވެ. އެއީ ރަފާ އާއި ދީމާގެ ޕެއާގެ އިތުރުން އިންޑިއާގެ ޕެއާ އެކެވެ. އެހެންކަމުން އެއީ ރާއްޖެއަށް ޓޭބާލް ޓެނިހުގައި ލިބިގެން ދިޔަ ބޮޑު ޝަރަފެކެވެ.
ދީމާއާއި ރަފާވެސް މިވަގުތު ބައިނަލްއަގުވާމީ ލެވަލްގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިރު، ދެ އެތުލީޓުންނަކީވެސް އަރުތަ ޕްރޮގްރާމްގައި ހިމެނިފައިވާ ދެ އެތުލީޓުންނެވެ. އަދި އޭގެ ތެރެއިން ދީމާ މިވަގުތު ހުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕާއެކު ޕެރިހުގެ ތަމްރީނުތަކެއްގައެވެ.
ރަފާއާއި ދީމާއަކީ މިފަހަކަށް އައިސް ފެނުނު އެންމެ ކާމިޔާބު ދެ ޓޭބަލް ޓެނިސް އެތުލީޓުންނެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި ދެ އެތުލީޓުންވެސް ވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ.
މިދިޔަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމު އިވެންޓުން ރާއްޖެ ލޯ މެޑަލް ހޯދި އިރު، އެއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓީމް އިވެންޓަކުން ގެނައި ފުރަތަމަ މެޑަލްއެވެ. އެ މެޑަލް ހޯދުމުގައިވެސް ރަފާއާއި ދީމާގެ ހިއްސާ ބޮޑެވެ.
ދާދިފަހުން ޕޯޗުގަލްގެ ވިޔަ ރެއަލްގައި ކުރިއަށްދިޔަ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް ދީމާ ރަނގަޅު ކާމިޔާބީތަކެއް ހޯދި އިރު، ރަފާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ ސިންގަލްސް އިވެންޓްގައި ގްރޫޕްގެ އެއްވަނަ ހޯދައި، ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފައެވެ.
އޭގެ އިތުރުން ރަފާއާއި ދީމާ ވަނީ 2019 ވަނަ އަހަރުގެ އައިއޯއައިޖީގައިވެސް ރަން މެޑަލް ހޯދައިފައެވެ.