ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް އަންނަ ހަފުތާގައި ދައުވާކުރާނެ ކަމަށް ދައުލަތުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މއ. ހަނީސަކްލް، ހުސައިން ޝިފާއު 37އ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާއު ވަނީ، ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެ ކުންފުނިތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ރާއްޖޭގައި ވިއްކައި މަންފާ ހޯދައިފައެވެ.
ޝިފާއުއަށް އެންމެ ފަހުން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ބަންދުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިމަހު 20 ގައި ކޯޓަށް މައްސަލަ ފޮނުވާނެ ކަމަށެވެ.
ޝިފާއު ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ ވަނީ ސައްހަ ނޫން ޓީޓީ ދައްކައިގެން ތިން މިލިއަން ރުފިޔާއަށްވުރެ ގިނަ މުދާ ރާއްޖެ އެތެރެކޮށްފައެވެ. ސައްހަ ނޫން ޓީޓީ ދައްކައިގެން އޭނާ ރާއްޖެއަށް އެތެރެކޮށްފައިވަނީ، ތަރުކާރީ އާއި މޭވާކަންވެސް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާއުގެ މައްޗަށް ތުހުމަތުކުރެވޭ އެފަދަ އެހެން މައްސަލަތަކެއްވެސް އެ އިދާރާއިން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު