(7 އޭޕްރީލްގެ އަދަދާ ގުޅޭ)
އިސްތަންބޫލުގެ ގްރޭންޑް ބާޒާރަކީ ބައިޒެންޓެއިން ރޯމަނުންގެ ދުވަސްވަރު އުފެއްދި ބާޒާރެކެވެ. މި ބާޒާރު އުފެއްދިއިރު މިބާޒާރުގެ ބޮޑުމިނަކީ ތިރީސް ހެކްޓަރެވެ. ބާޒާރުގައި އަށްޑިހަ މަގު އޮވެއެވެ. ބައިޒެންޓެއިން ދައުރުގައި މި ބާޒާރަކީ ހުޅުވައިލައިފައި އޮންނަ ހާމަތަނެކެވެ. ވިޔަފާރިވެރީން ތަންތަންކޮޅުގައި މޭޒު އަތުރައިގެން މުދާ ވިއްކަނީއެވެ. މި ބާޒާރުގައި ވަށައިފާރުލައްވައި ޚާއްޞަ ދެ ބާޒާރެއްގެ ގޮތުގައި ތަރައްޤީކުރާން އަމުރުކުރެއްވީ سـلطـــان محمّـــد الــفــاتــــح އެވެ. އެމަނިކުފާނުގެ އަމުރުފުޅަށް އަޔާސޯފިޔާ މަރާމާތުކޮށް އާބާތުރަ ފިލުވިއިރު މި ބާޒާރުގެ ވަށައިގެންވެސް ދެފާރެއް ލައްވައި ފުރާޅު ލެއްވިއެވެ. ބާޒާރު ދެބައިކުރެއްވީ ރަނުގެ ބާވަތްތަކާއި ބިއްލޫރީގެ ބާވަތްތައް އުފައްދައި ވިއްކާ ފިހާރަތައް ވަކިކުރައްވައި ރައްކައުތެރި ކުރެއްވުމަށްޓަކައެވެ. سـلطـــان الــفــاتــــح ގެންނެވި އިޞްލާޙުތަކަށްފަހު މި ބާޒާރު ހިމެނިފައިވަނީ ދުނިޔޭގައި ވަށައިގެން ފާރުލައި ރައްކައުތެރިކޮށްފައިވާ އެންމެފުރަތަމަ ބާޒާރު ކަމުގައެވެ. އިރުމަތީގެ ޤައުމުތަކުން މި ބާޒާރަކީ ނަމޫނާއެއްކަމުގައި ބަލައިގަތެވެ.
މިހާރުވެސް މި ބާޒާރުގައި ފަސްހާސް ފިހާރަ ހުރެއެވެ. سـلطـــان محمّـــد الــفــاتــــح ގްރޭންޑް ބާޒާރު ދެބައިކުރެއްވިއިރު އެދެބައިގެ ދެމެދުގައި ބޭއްވެވި ކުޑަކުޑަ ބާޒާރު މިހާރުވަނީ އުވައިލެވިފައެވެ. ގްރޭންޑް ބާޒާރު އިތުރަށް ތަނަވަސްކުރުމަށްޓަކައެވެ. އެމަސައްކަތް މިހާރުވެސް ހިނގަމުންދެއެވެ. މި ބާޒާރަށް ވަދެނުކުމެވެވޭ އަށާރަ ދޮރު ހުރެއެވެ. އޭގެތެރެއިން އެންމެ ޚާއްޞަ ދޮރަކީ ބާބު ނޫރު ޢުޘްމާނިއްޔާއެވެ. އެދޮރުގެ މަތީގައި "إنّ اللّـــه يحــب مــــن يـتـجـــــر" މިގޮތަށް ލިޔެފައި އޮވެއެވެ. ދޮރުގެ ދެފަރާތުގައި ފޮތްތަކާއި ހަތިޔާރުތަކުގެ ތަސްވީރު ބިންވަޅުނަގައި ކުރަހައިފައި ހުރެއެވެ. ދެވަނަޔަށް އެންމެ ޚާއްޞަ ދޮރަކީ بــاب بــايـــزيــد އެވެ. بــاب بــايـــزيــد ގެ ދިމާކުރިމަތީގައި ކަހަލަގޮތަކަށް ހުންނަނީ سـلطـــان عــبــدالحـمــيد ގެ މަޤްބަރާއެވެ. ބާޒާރުގެ މެދުތެރޭގައި ބޮޑު މިސްކިތެއްވެސް ހުރެއެވެ.
މި ބާޒާރުގެ ފިހާރަތަކުގައި ދުނިޔޭގެ އެތަންމިތާނގެ މުދާތައް ވަރަށްގިނައިން ވިއްކާން ހުރެއެވެ. އެކަމަކު މިހާރު އެންމެ ޚާއްޞަ ކަމެއް ދީފައިވަނީ ފަތުރުވެރީން ޝައުޤުވެރިވާ ޒާތުގެ މުދަލަށެވެ. ނަމަވެސް ދިބާޣުކުރި ހަމުގެ ބާވަތްތަކާއި ލަކުޑީގެ ބާވަތްތަކާއި ހަވާދުގެ ބާވަތްތައް ލިބޭންހުރެއެވެ. ޢުޘްމާނީ ތާރީޚާ ގުޅުންހުރި އާސާރުތަކާއި އާސާރީ އުފެއްދުންތައްވެސް ވިއްކަމުންދެއެވެ. ބޭރުން އެތެރެކުރާ ފޮއްޗާއި ބެޑްޝީޓުފަދަ ތަކެތިވެސް ވިއްކާން ހުރެއެވެ. ކުރީން މި ބާޒާރަކީ އުފެއްދުންތެރިކަމުގެވެސް މަރުކަޒެކެވެ. ތަސްބީޙައާއި ފައިވާނާއި ޢިމާރާތް ޒީނަތްތެރިކުރާން ބޭނުންކުރާ ތަކެތިވެސް އުފެއްދިއެވެ. ތިޔައިގެތެރެއިން ބޭފުޅަކު އެ ބާޒާރުން ފިހާރައެއް ބައްލަވައިގަންނަވާން ބޭނުންފުޅުވެއްޖެކަމުގައިވާނަމަ އެތަކެއް ކިލޯގެ ރަން ނުވަތަ އޭގެ އަގު ދެއްވާންޖެހިވަޑައިގަންނަވާނެއެވެ. މި ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުންނަ ރަނުގެ ބަރުދަން ދިހަޓަނު ހަމަވާނެކަމުގައި ބުނެވެއެވެ.
ޢުޘްމާނީ ދައުރުގައި މި ބާޒާރުން ސްޓޮކް އެކްސްޗޭންޖާއި ބޭންކުގެ ޚިދުމަތްވެސް ލިބެއެވެ. އިސްތަންބޫލުގެ ގްރޭންޑް ބާޒާރާ ގުޅިފައިވަނީ ހުސްއެކަނި އުފާވެރި ޚަބަރުތަކާއި ވާހަކަތަކެއް ނޫނެވެ. ދިމާވެފައިވާ ހިތާމަވެރި ހާދިސާތައްވެސް ވަރަށްގިނައެވެ. ބާރަފަހަރު މިބާޒާރަށްވަނީ ބިންހެލުމުގެ ހިތާމަވެރި ކާރިސާ ކުރިމަތިވެފައެވެ. ނުވަފަހަރު ވަނީ ބާޒާރުގައި އަލިފާންރޯވެ ވަރަށްބޮޑަށް އަނދައިފައެވެ. މިފަދަ ކޮންމެ ހާދިސާއަކާ ވިދިގެން ބާޒާރު މަރާމާތުކޮށް ކަންކަން ރަނގަޅުކުރެއެވެ. ބާޒާރު އިތުރަށް ފުޅާކޮށް ތަނަވަސްކުރެއެވެ. މިގޮތުން އެންމެ ފުޅާކޮށް އެންމެބޮޑަށް މަރާމާތުކުރާންޖެހުނީ 1894މ. ވަނައަހަރާއި 1954މ. ވަނައަހަރުއެވެ. އެދެފަހަރުވެސް މަރާމާތުކުރާންޖެހުނީ ބާޒާރުގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.
އަޅުގަނޑުމެންވެސް އެ ބާޒާރުން ކޮންމެވެސްވަރަކަށް ވިޔަފާރި ކުރީމުއެވެ. އަޅުގަނޑުމެން ގަތީ އަސްމާއުލްޙުސްނާ ލިޔެފައިވާ ޕްލާކަކާއި ތަސްބީޙައާއި އެކިބާވަތުގެ ސައިފަތެވެ. ގްރޭންޑް ބާޒާރު ބަލައި ނިމިގެން އަޅުގަނޑުމެން އެނބުރިއައީ ދުވާލުގެ ވަރުބަލިފިލުވަން ހޮޓަލަށެވެ.
ބާޒާރު ބަލައި ނިމިގެން އަޅުގަނޑުމެން ހޮޓަލަށްއައީ ވަރަށް ހަވީރުވެފައި ހުއްޓައެވެ. މިރޭގެ ޕްރޮގްރާމަކީ ބޮސްފަރަސްގެ ތެރެއިން ދަތުރުކުރާ ޑިނަރ ކްރޫޒެވެ. ހަވީރު ފަހެއްޖެހިއިރު އެޖެންސީން އަޅުގަނޑުމެން ބަލައި އަތުވެއްޖެއެވެ. މިއީ ރޭގަނޑުގެ ކެއުމާއެކު ބޮސްފަރަސްގެ ތެރެއިން ފެރީ ދުއްވައިލުމެކެވެ. ކުރި ފެރީދަތުރެއްކަހަލަ ކަމަކެވެ. ކެއުމާއި ލަވަކިޔުމާއި ނެށުމާ އެކުގައެވެ. އަޅުގަނޑުމެންނަށް ޖާގަލިބުނީ ނެށުމާއި ލަވަކިޔުމުގެ އެންމެ ޚާއްޞަ "ގަރޮގަނޑާ" ޖެހިގެންނެވެ. (ގަރޮގަނޑަކީ ފުވައްމުލަކު ބަހުރުވައިގެ ބަހެކެވެ. ތަނެއްގައި ހިނގާކަމެއް އެންމެ ވަރުގަދަޔަށް ހިނގާވަގުތު ނުވަތަ ހިނގާތަނެވެ.) އެކަމަކު ޢުމުރުގެ ގޮތުންނާއެކު މިއީ އަޅުގަނޑު މާގަޔާވާ ކަމަކަށެއް ނުވިއެވެ. އެކަމަކު ޒުވާން ފަތުރުވެރީންނަށް މިއީ ފޫހިފިލާކަމަކަށް ވެދާނެއެވެ. މި ކްރޫޒުން ދިވެހި ދެތިންބޭފުޅަކާވެސް ދިމާވިއެވެ.
ޤުސްޠަންޠީނިއްޔާ ނުވަތަ އިސްތަންބޫލުގެ އާސާރީ ތަންތާނގެ ވާހަކަ ލިޔަމުން ކިޔަމުންދާއިރު ކޮންމެ މުސްލިމެއްގެ ހިތުގައި އުފެދޭނެ އެންމެ ޝައުޤުވެރި ސުވާލަކަށްވާނެކަމުގައި އަޅުގަނޑު ޤަބޫލުކުރަނީ، ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم އާ އެއްދުވަސްވަރެއްގައި ދުނިޔޭގައި އުޅުއްވި ހިރަގުލް އަޢުޒަމު ޕްލޭވިޔޯސް އިރަކުލިޔޯސްގެ ގަނޑުވަރު މިހާރު ކޮބައިތޯ އެގަނޑުވަރަށްވީ ކިހިނެއްތޯ މި ސުވާލުކަމުގައި އަޅުގަނޑުގެ ހިތަށް ފެނެއެވެ. ހަމަގައިމުވެސް އިސްތަންބޫލަށް ދެވުމާއެކު އަޅުގަނޑުގެ ހިތުގައި އެންމެފުރަތަމަ އުފެދުނު ސުވާލަކީ އެއީއެވެ. އެހެންކަމުން ޑިނަރ ކްރޫޒު ނިންމައިލައިފައި ހޮޓަލަށްއައިސް މަޑުކޮށްފައި އަޅުގަނޑު ވިސްނައިލީ އެކަމާ މެދުގައެވެ. އާދެ، އިސްތަންބޫލު ބިނާކުރެވުނީއްސުރެ މީލާދީން 1081މ. އާ ހަމަޔަށް ހުރިހައި ޤައިސަރުންވެސް ދިރިއުޅުއްވީ ޤަޞްރުލް ޤުސްޠަންޠީނިއްޔާގައެވެ. އެހެންކަމުން ހިރަގުލްވެސް ދިރިއުޅުއްވިކަމުގައި ބެލެވެނީ އެގަނޑުވަރުގައެވެ.
ޤަޞްރުލް ޤުސްޠަންޠީނިއްޔާއަކީ އިސްތަންބޫލުގެ އިރުދެކުނު ސަރަޙައްދުގައިހުރި ވަރަށްބޮޑު ގަނޑުވަރު އެކުވެންޏެކެވެ. ޢީސާއީ ސަނަތުން 1081 ވަނައަހަރާ ހަމަޔަށް އެއީ ބައިޒެންޓެއިން އަމްބަރާޠޫރުންނާއި ޝާހީ ޢާއިލާގެ ބޭފުޅުންގެ މައިފުނަގަނޑުވަރެވެ. އެބޭފުޅުން ދިރިއުޅުއްވި ގެކޮޅެވެ. ރަސްކަން ހިންގެވި މައިމަރުކަޒުވެސްމެއެވެ.
ޤުސްޠަންޠީނިއްޔާގެ ޕްލޭން އެންމެފުރަތަމަ އެކުލަވައިލެއްވީ އަންބަރާޠޫރު ޤުސްޠަންޠީން އަޢުޒަމެވެ. އެއީ އޭނާގެ އަމުރުފުޅަށް ޤުސްޠަންޠީނިއްޔާ ބިނާކުރެއްވުނު ދުވަސްވަރުއެވެ. ގަނޑުވަރު ބިނާކުރެއްވީ އެމަނިކުފާނު ދިރިއުޅުއްވުމަށާއި ރަސްކަން ހިންގަވާ މަޙައްލެއްގެ ގޮތުގައެވެ. އެ ޝަހަރުގައި ބިނާކުރެވުނު ހިޕޯޑްރޯމާއި އަޔާސޯފިޔާ ފައްޅިޔާ ދެމެދުގައެވެ. ލަފާކުރެވޭގޮތުގައި ޤަޞްރުލް ޤުސްޠަންޠީނިއްޔާ ބިނާކުރައްވައިނިމި ބޭނުންކުރައްވާން ފެއްޓެވީ މީލާދީން 330 ހައިތަނުގައެވެ. އޭރު އެގަނޑުވަރު އެކުވެނީގައި އަމްބަރާޠޫރާއި އެމަނިކުފާނުގެ ޢާއިލާ ދިރިއުޅުއްވާ ރެސިޑެންޝަލް ބަޔެއްގެ ގޮތުގައިހުރި ގަނޑުވަރުގެ ނަމަކީ "ޑެފްނީ ގަނޑުވަރު" އެވެ.
ޤުސްޠަންޠީނު އެއްވަނައިގެ ދުވަސްވަރުވެސް ޤަޞްރުލް ޤުސްޠަންޠީނިއްޔާ ގަނޑުވަރު އެކުވެނީގައި "ޑެފްނީ ގަނޑުވަރު" ގެ އިތުރަށްވެސް ބަޔެއް ޢިމާރާތްތައް ބިނާކުރެއްވިއެވެ. އެތައްފަހަރެއްގެމަތީން ސަރަޙައްދު ބޮޑުކުރައްވައި އެތައް ޢިމާރާތްތަކެއް އިތުރުކުރެއްވިއެވެ.
މީލާދީން 532 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތޭރަ ސާދައިގައި ރަސްކަމާ ދެކޮޅަށް ކުރެވުނު މަޝްހޫރު ނީކާ ބަޣާވަތުގައި ޤަޞްރުލް ޤުސްޠަންޠީނިއްޔާގެ ވަރަށްބޮޑު ބަޔެއްވަނީ ސުންނާފަތި ކުރެވިފައެވެ. އެ ހާދިސާއަށްފަހު އަންބަރާޠޫރު ޖަސްޓަނިޔަން (އެއްވަނަ) މުޅިގަނޑުވަރު އަލުން އާރާސްތުކުރައްވައި ކުރިޔަށްވުރެ ރީތިކޮށް ބޮޑުކޮށް އަލުން ބިނާކުރެއްވިއެވެ. ގަނޑުވަރު އެކުވެނީގެ ވަށައިގެން ދިފާޢީ ފާރެއް ލެއްވިއެވެ. މުސްލިމުންގެ ތާރީޚުގެ މަޝްހޫރު ހިރަޤުލް (ޤައިސަރު ޕެލޯލިޔޯސް އިރަކުލިޔޯސް) ރަސްކަންކުރެއްވީ މީލާދީން 610 ން 641 އަށެވެ. ހިރަޤުލް އަޢުޒަމު ޤަޞްރުލް ޤުސްޠަންޠީނިއްޔާއަށް އެއްވެސް ބަދަލެއް ގެންނެވިކަމެއް އެނގިފައެއް ނުވެއެވެ.
އަންބަރާޠޫރު ޖަސްޓިނިޔަން (II) (ވެރިކަން ކުރެއްވީ މީލާދީން 685 ން 695 އަށް) އާއި އަންބަރާޠޫރު ބެސިލް (I) (ވެރިކަން ކުރެއްވީ މީލާދީން 867 ން 886 އަށް) ވެސް ގަނޑުވަރު އެކުވެންޏަށް ބައިތައް އިތުރުކުރެއްވިއެވެ. ޤަޞްރުލް ޤުސްޠަންޠީނިއްޔާގައި އެންމެފުރަތަމަ ހުރި ބިނާތަކާއި ފަހުން އިތުރުކުރެވުނު ބިނާތަކާއެކު ޑެފްނީ ގަނޑުވަރުގެ އިތުރުން އެތާނގައި ތަނަވަސް ދަރުބާރަކާއި އެކިއެކި ބޭނުންތަކަށް ޚާއްޞަ މާލަންތަކާއި ކުދިކުދި ފައްޅިތަކާއި ކިޔަވައިދޭ ތަނަކާއި ރޯމަން ޙައްމާމުތަކާއި ކުތުބުޚާނާއަކާއި މެހްމާނުން ތިއްބަވާ ތަންތަނާ ދުރަށް ސިގްނަލް ފޮނުވައިދޭ ބޮޑު ބުރުޒަކާއި ޝާހީ ގާޑުންގެ "ބެރެކްސް" އަކާއި ފައްވާރާތަކާއި ޓެރަސްތަކާއެކު ތައްޔާރުކޮށްފައިވާ ބަގީޗާއަކާއި ޕޯލޯކުޅޭ މައިދާނަކާއި، ގިނަ ޢަދަދެއްގެ ތަފާތު މަޒްހަރުތައް ހުއްޓެވެ. ވަރަށްގިނަ މުޖައްސިމާތައްވެސް ހުއްޓެވެ. އެ މުޖައްސިމާތަކުގެ ތެރޭގައި ބައިޒެންޓޭނިޔަނުންގެ ކުރީގެ އަންބަރާޠޫރުންނާއި މަޝްހޫރު ޖަނަރަލް ބެލިސޭއިޔަސްއާއި، ގްރީކުގެ ބައެއް ފިލޯސަފަރުންގެ މުޖައްސިމާތައް ހިމެނެއެވެ. އެތާނގައިހުރި އެންމެ މަޝްހޫރު އަދި އެންމެބޮޑު މުޖައްސިމާއަކީ ޢީސާގެފާނުގެ މުޖައްސިމާއެކެވެ. އެ މުޖައްސިމާ ހަދައިފައިހުރީ ރަނުން ގިލްޑުކޮށްގެންނެވެ. ބަހައްޓައިފައިހުރީ ގަނޑުވަރު އެކުވެނީގެ މައިދޮރޯށީގައެވެ.
ޢީސާއީ މީލާދުން 1081 ވަނަ އަހަރުން ފެށިގެން 1118 ވަނަ އަހަރާ ހަމަޔަށް ރަސްކަންކުރެއްވި އެލެކްސިއޮސް އެއްވަނަ ކޮމްނީނޯސްގެ ރަސްކަމުގައި، ޝާހީ ޢާއިލާ ދިރިއުޅޭ ރެޒިޑެންސަކީ ޤުސްޠަންޠީނިއްޔާގެ ހުޅަނގުއުތުރު ސަރަޙައްދުގައިހުރި "ބްލެކަނީ" ގަނޑުވަރު ކަމުގައި ހަމަޖެއްސެވިއެވެ. އެހިސާބުން ފެށިގެން، ބައިޒެންޓެއިން ރަސްރަސްކަލުން ދިރިއުޅުއްވަމުން ގެންދެވީ ބްލެކަނީ ގަނޑުވަރުގައެވެ. ނަމަވެސް ރަސްކަމާއި ރަސްމީ މަސައްކަތްތަކުގެ މަރުކަޒެއްގެ ގޮތުގައި ދެންވެސް ބޭނުންކުރެވެމުންދިޔައީ ޤަޞްރުލް ޤުސްޠަންޠީނިއްޔާއެވެ. އެގާރަވަނަ ޤަރުނުގެ ފަހުކޮޅާއި ބާރަވަނަ ޤަރުނުގެ ތެރޭގައި އެތަން ދިޔައީ މަރާމާތު ނުކުރެވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވަމުންނެވެ. ގަނޑުވަރު އެކުވެނީގެ ބައެއް ތަންތަން އެދުވަސްވަރު ތަޅައިލެވި، ތަޅައިލެވޭ ބިނާތަކުގެ ހިލަތަކާއި ގައުކުނޑި ބައެއް ތަންތަނަށް ޖަމާކުރެވެމުން ދިޔައެވެ.
ޢީސާއީން މީލާދުން 1204 ވަނަ އަހަރު، ޔޫރަޕުގެ ނަޞާރާ ކެތަލިކް ފައްޅީން ފޮނުވި ހަތަރުވަނަ ޞަލީބީ ލަޝްކަރު ޤުސްޠަންޠީނިއްޔާ ހިފުމަށްފަހު، އެ ލަޝްކަރުގެ ހަނގުރާމަވެރީން ޤަޞްރުލް ޤުސްޠަންޠީނިއްޔާ ފޭރި، އެތަން ދަވައިލިއެވެ. އެތަނަށް ބޮޑެތި ގެއްލުންތައް ދިނެވެ. ލެޓިން ޞަލީބީން ޤުސްޠަންޠީނިއްޔާގެ މައްޗަށް 1204 އިން 1261 ވަނަ އަހަރާ ހަމަޔަށް ކުރި ވެރިކަމުގެ ދުވަސްވަރު އެ ގަނޑުވަރު އިތުރަށް ވީރާނާވިއެވެ. އެއީ ތަނުގެ އާބާތުރަ ފިލުވައި، ތަން މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ނެތުމާވެސް އެކުމެއެވެ. މީގެއިތުރުން، ޞަލީބީ ރަސްރަސްކަލުން ގަނޑުވަރުގެ ފުރާޅުގެ ތިމަރަތައް ނަންގަވައިގެން ވިއްކަވައިވެސް ހެއްދެވިއެވެ.
ބައިޒެންޓެއިން އަންބަރާޠޫރު މައިކަލް (އަށްވަނަ) ޕެލައިލޮގޯސް ލެޓިން ޞަލީބީންގެ އަތްދަށުން ޤުސްޠަންޠީނިއްޔާ އަނބުރައި އަތުލެއްވިއިރު، ޤަޞްރުލް ޤުސްޠަންޠީނިއްޔާ ހުރީ ބޮޑު ވީރާނާއެއްގެ ގޮތުގައެވެ. ޕެލައިލޮގޯސް ދަރިކޮޅުގެ ރަސްރަސްކަލުން އެގަނޑުވަރު މުޅީންހެން ދޫކޮށްލެއްވީއެވެ. ގަނޑުވަރުގެ ބައެއް ބައިތައް ޖަލުޚާނާތަކެއްގެ ގޮތުގައި ބޭނުންކުރެވުނެވެ. ނަމަވެސް އެބޭފުޅުން ޝާހީ ރެޒިޑެންސަކަށް އަދި ރަސްކަމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރެއްވީ ބްލެކަނީ ގަނޑުވަރެވެ. ޢީސާއީ މީލާދުން 1453 ވަނަ އަހަރު، ޢުޘްމާނީ سـلطـــان محمّـــد الــفــاتــــح ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވިއިރުވެސް ގަނޑުވަރު ހުރީ ގާތްގަނޑަކަށް ފަޅު ވީރާނާ ބިނާއަކަށް ވެފައެވެ. سـلطـــان الــفــاتــــح އެ ގަނޑުވަރަށް ޒިޔާރަތްކުރައްވައި ތަންހުރި ޙާލު އަމިއްލަފުޅަށް ދެކެވަޑައިގެންނެވުމަށްފަހު، فــارســــى ޅެންވެރިޔާ ސަޢުދީ ޝީރާޒީގެ އަންނަނިވި ޅެންބައިތުތައް ވިދާޅުވިއެވެ.
ޚުސްރޫގެ ގަނޑުވަރުގެ ދޮރުފޮތިތައް ކަހައިލުމުގެ ވަޒީފާ ފައިދިގުމަކުނުތަކާ ޙަވާލުވެއްޖެއެވެ.
އަފްރާސިޔާބުގެ ގަނޑުވަރުގެ ބުރުޒުތަކުގައި ފާރަވެރީންގެ ގޮތުގައި ތިބީ ބަކަމޫނުތަކެވެ.
(ނުނިމޭ)