ތިލަމާލެ ބުރިޖުގެ ޑެކް ނުވަތަ ވެހިކަލް ދުއްވާ ބައިގެ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ގުޅިފަޅުގައި ތިލަމާލެ ބުރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓުތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއިންނެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނުވަވަނަ ދުވަހު ބުރިޖު މަޝްރޫއުގެ މަސައްކަތަށް ކަނޑުގައި ޖެހުމަށް ނިންމާފައިވާ ޓެސްޓު ޕައިލްތަކުގެ ތެރެއިން ޓީޕީއޯ ޕައިލްގެ ކޮންކުރީޓު މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް މިހާރު ނިމެން ކައިރިވެފައިވާ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ.

އެފްކޮންސް އިން ބުނެފައިވަނީ އެ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ޖުލައިގެ ނިޔަކަށް ނިންމާލެވޭނެ ކަމަށެވެ. އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅައިލުން މިއަހަރުގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024 ގެ ނޮވެންބަރު މަހަށް ފުރިހަމަކުރެވޭނެ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ފައިސާ އިންނެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.