އެފްކޮންސް ކުންފުނި ވިއްކާލި ނަމަވެސް އެކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ގްރޫޕުގެ ދަށުން ހިންގާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނީގެ ހިއްސާގެ ބައެއް ދޫކޮށްލުމުގެ މަޝްވަރާ ވަނީ ފަށައިފަފައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެސްޕީ ގްރޫޕުން ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންދާއިރު ވިއްކާލާ އެސެޓުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖު އަދި އައްޑޫގެ މަގުތައް ހަދާ އެފްކޮންސް ކުންފުނިވެސް ހިމެނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެފްކޮންސް ކުންފުނީގެ ހިއްސާ އެހެން ކުންފުންޏަކަަށް ބަދަލުވުމަކީ އެކުންފުނިން ކުރަމުން އައި މަސައްކަތަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފްކޮންސްގެ ހިއްސާތައް އެހެން ބަޔަކަށް ވިއްކާލުމަކީ އެ ކުންފުނިން ދިވެހި ސަރުކާރާއެކު ވެފައިިވާ އެއްބަސްވުންތަކަށް އަސަރުކުރާނެކަމެއް ނޫން ކަމަށާއި ނަމަވެސް ސިޔާސީ ބޭފުޅުންނާއި އިގުތިސާދީ ދާއިރާގެ ބައެއް ފަރާތްތަކުންވެސް ހަގީގަތް އެނގިވަޑައިގެން ތިއްބަވައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"ޓީއެމްއޭވެސް މިހާރު އެތައް ފަހަރު ވިއްކާލައިފި ނޫންތޯ؟ އެކި ފަހަރު އެކި ޝެއާ ހޯލްޑަރުން، މިހާރުގެ ކުންފުނިންވެސް ދާދިފަހުން ކަންނޭނނެ ޓީއެމްއޭ ގަތީ. އެހެންނަމަވެސް ޓީއެމްއޭގެ އޮޕަރޭޝަނަކަށް ބުރުލެއް ނާރާ ނޫންތޯ؟ އިތުރަށް ހަމަ ރަނގަޅުވެގެން ނޫންތޯ އަންނަނީ؟" ޓީއެމްއޭ ކުންފުނި މިސާލަކަށް ދައްކައި މިއުވާން ވިދާޅުވިއެވެ.
ބްރިޖު މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިއުވާން އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތްތަކަށް ބޭނުންކުރަމުން އައި އުޅަނދު ފުރައިގެން ދިޔައީ އެ އުޅަނދު ބޭނުންކޮށްގެން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތް ނިންމާލުމަށްފަހު ކަމަށާއި އެ އުޅަނދު ފުރުމުގެ ސަބަބުން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ހުއްޓިފައިނުވާކަމަށް މިއުވާން ވިދާޅުވިއެވެ.
އޭގެ އިތުރުން މިހާރު އެ ސަރަހައްދަށް ޒިޔާރަތްކުރާ އާންމުނަށްވެސް ކޮންމެ ދުވަހަކުވެސް މަސައްކަތްތައް ކުރިއަށްދާކަން ފެނިވަޑައިގަންނަވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު