ޚަބަރު

މަސައްކަތްކުރީ އިހުލާސްތެރިކަމާއެކު، ދުރަށް ޖެހުނީ އިސްލާހަށް ކުރި މަސައްކަތަށް އިޖާބު ނުދިނުމުން: އަމްރު

މުހައްމަދު އިޝާން

ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކަމަށާއި ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ އިސްލާހަށް ކުރެއްވި މަސައްކަތަށް އިޖާބު ނުދިނުމުން ކަމަށް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ ހަރަކާތް "ފިކުރެއްގެ ދިރުން" އަށް ތާއިދުކުރައްވާ ސަބަބު ހާމަކުރައްވައި އަމްރު ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލުމުގެ ސަބަބުން މިދިޔަ ހަތަރު އަހަރު މާލީ އަދި އިގުތިސޯދީ ގޮންޖެހުންތައް ރާއްޖެއަށް ދިމާވި ކަމަށެވެ.

އެކަމުގެ ސަބަބުން ޓެކްސް ބޮޑުކޮށް، ޓުރިސްޓުން އަތުން ޓެކްސް ބޮޑުކޮށް، މަސް ގަންނަ އަގު ދަށްކުރަން ޖެހުނު ކަމަށެވެ. އަދި ވިދާޅުވީ މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ނުބެލުމުގެ ސަބަބުން ބަޖެޓުން ފައިސާ މަދުވެ، ބޮޑު އަގުގައި ދަރަންޏަށް ފައިސާ ނަގަން ޖެހުނު ކަމަށެވެ.

އަދި ބަޖެޓުން ފައިސާ ދީގެން ހިންގާ ސަރުކާރު ކުންފުނިތައް ނުބެލެހެއްޓުމުގެ ސަބަބުން ބައެއް ކުންފުނިތައް އާންމު ވިޔަފާރިތަކަށް ދަރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރުގެ ހަތަރު އަހާ ބައިގެ ތެރޭގައި، ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށްޓަކައި ބައްދަލުވުންތަކުގަ އާއި މެސެޖުންނާއި ސިޓީއިން ވަނީ ލަފާ އަރުވާފަ. ސަރުކާރުން ނުކޮށް ދޫކޮށްލެވިގެންދާ ސިޔާސަތުތައް ހިންގުމަށް އެސްޓީއޯއިން އިސްނަގައި ވަނީ ކުރެވިފަ. ސަރުކާރުގެ އިގުތިސޯދީ އަދި މާލީ ކަންކަން ރަނގަޅުކޮށް ލުއިކޮށްދިނުމަށްޓަކައި ލަފާއަރުވާ އެތައް ފަހަރަކު ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ބަޖެޓަށް އެހީތެރިކަން ވަނީ ފޯރުކޮށްދެވިފަ،" އަމްރު ވިދާޅުވިއެވެ.

އެ ހުރިހާކަމެއް ކުރުމުން ސަރުކާރު ހިންގަމުން އައި ގޮތް ބަދަލުކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮވެ ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިހާބު ގަބޫލުނުކުރެވޭނެކަން ސަރުކާރު ގަބޫލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައި- އިލެކްޝްތަކަށް އެ ދާއިރާގެ ޕްރޮޖެކްޓުތައް ހިންގަން ފަށައި ރަށު އެންމެނަށް ކުންފުނިތަކުން ވަޒީފާ ދިނުމަކީ ރައްޔިތުން، ސަރުކާރަށް ތާއިދު ނުކުރާކަން ދޭހަވާކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އެމްޑީޕީގެ އާންމު މެމްބަރުން ޕާޓީއަށް ކުރި އިތުބާރު ގެއްލިފައިވާތީ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވިދާނެ ކަމަށާއި އެމްޑީޕީއަށް ވަފާތެރި އެތައް ބަޔަކު ޕާޓީއާ ދުރަށް ޖެހުނީ ސިޔާސަތު އޮޅިގެން ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ނުހަނު އިހުލާސްތެރިކަމާއި ހެޔޮ ނިޔަތުގެ މަސައްކަތް ކުރީ އެ ސިޔާސަތުތައް ކުރިއަރުވާ ތަންފީޒުކުރުމަށް. އަދި އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރުތަކެއް މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތައް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުދިނުމުން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. 2011 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި 2015 ވަނަ އަހަރުން ފެށިގެން ސިޔާސަތު ކޮމިޓީގެ މުގައްރިރެއްގެ ހައިސިއްޔަތުން މަަސައްކަތް ކުރެއްވީ އެންމެ ފުރިހަމައަށް އެމްޑީޕީގެ ވިސްނުމާއި ތަސައްވަރާ އެއްގޮތަށް ސިޔާސަތު ބައްޓަންކޮށް ފަރުމާކުރައްވަން ކަމަށް އަމްރު ވިދާޅުވިއެވެ.