ކްރިކެޓް

ރަމަޟާން ކްރިކެޓް ކާނިވަލް: ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހަށް

ރަމަޟާން މަހާ ދިމާކޮށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލްގެ ދެވަނަ މުބާރާތް ކަމަށްވާ ސަރުކާރު އޮފީސް ކުންފުނިތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.

މިފަހަރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުބާރާތުގައި ޖުމުލަ ނުވަ ޓީމަކުން ވާދަކޮށްފައިވާ އިރު، އިއްޔެ ޕޮލިހުން ޗެމްޕިއަންކަން ހޯދީ ދުވާ ޓްރެކް ސަރަހައްދުގެ ކްރިކެޓް ޕިޗުގައި ކުޅުނު ފައިނަލު މެޗުގައި ކަސްޓަމްސް ބަލިކޮށްގެންނެވެ. ޕޮލިހުން އިއްޔެގެ ފައިނަލުގައި ކަސްޓަމްސް ބަލިކުރީ 31 ލަނޑުންނެވެ.

އިއްޔެގެ ފައިނަލުގައި ޓޮސް ދިމާވީ ކަސްޓަމަށެވެ. ޓޮސް ދިމާވުމުން ކަސްޓަމްސްއިން ހޮވަން ނުކުތް އިރު، ޕޮލިހުން ކުޅެން އަރައި އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ކަސުން މަދުޝިކާ އާއި 10 ބޯޅައިން 32 ލަނޑު ހެދި އޮލިއުލް އިސްލާމެވެ. އިއްޔެ ކަސްޓަމްސްއަށް އެންމެ ރަނގަޅަށް އުކީ ކެޕްޓަން މަހުމޫދު ރިޔާޒެވެ. އޭނާ ވަނީ ދެ ވިކެޓު ނަގައިފައެވެ.

ކަސްޓަމްއިން އިއްޔެގެ މެޗުގައި ކުޅެން އަރައި، އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 17 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު އާމިރާއި 11 ބޯޅައިން 20 ލަނޑު ހެދި ނާއިލް އިސްމާލެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ކަސްޓަމްސްގެ އާމިރެވެ. އޭނާ ވަނީ ހަތަރު މެޗުގައި 115 ލަނޑު ހަދައިފައެވެ. ތިން މެޗުގައި ހަތް ވިކެޓު ނަގައި އެންމެ މޮޅު އުކުންތެރިޔާގެ މަގާމު ހޯދީ މީރާގެ ކަމްރުލް މިއާއެވެ. ކަމްރުލް މިއާ އަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

މިއަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގެ އެންމެ ފަހު މުބާރާތް، އަމިއްލަ ކުންފުނިތަކުގެ މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.