އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރު ކޮށްލައިފިއެވެ.

ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލައާއެކު އެ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސައިލުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ގ. އީކުއޭޓާ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހެކެވެ.

ކޯޓުގައި މިއަދު އޮތީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

މި މައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުގެ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދު އިއްވެވި ހުކުމުގައި ވަނީ، އަމްޖަދު އެމްޑީޕީން ވަކިކުރީ މި ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމަކުންކަން އެނގެން އޮންނަ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތް ކަމަށް، އޭނާގެ ވަކީލް ވިދާޅުވި ނަމަވެސް، އިލެކްޝަންސްގެ ދަފުތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އޭރުވެސް އޭނާގެ ނަން އޮތްކަން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި އިލެކްޝަނސް ކޮމިޝަންގެ އެ އިދާރީ އުނިކަން ފިލުވައި އެކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަމްޖަދަކީ އެމްޑީޕީގެ މެންބަރަކަށްނުވުމުގެ އިތުރުން އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރުމުގައި، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުންތަކަށްވެސް ގާޒީ ރިއާޔަތް ކުރައްވާފައިވެއެވެ.

ޕްރައިމަރީ މައްސަލައިގައި، އަމްޖަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބިނާކޮށްފައި އޮތީ، އެ ޕްރައިމަރީގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ މައްޗަށެވެ. އެއީ އެ ޕާޓީން 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި ވާހަކަ ތަކަށެވެ.

އެގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އެމްޑީޕީގެ މެންބަރަކު ވަކިކުރުމަކީ އެ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނަ އިރު، ޕާޓީން 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓުލި މީހުންގެ 61 އިންސައްތައިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ އިރު، ރައީސް ނަޝީދު ވަނީ އެކަން ބަލައިގަތުމަށް އިންކާރުކުރައްވައިފައެވެ.

މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 17 ގައި ރައީސް ސޯލިހާ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ އިރު، އެކަން ހުއްޓުވުމަށާއި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ރައީސް ނަޝީދުގެ ފެކްޝަނުން ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ފެކްޝަންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި ޕޮލިސް ބޯޑުގެ މެންބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ.