ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމެންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.
ޝަރީފް މި މައްސަލަ ހުށަހެޅި އިރު، ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ބޭނުމަށް ސަޕްލަޔަރުން އަތުން ނެގި މުދާތާކަށް ފައިސާ ނުދޭ ކަމަށްބުނެ ފެނަކަ ކުރިމަތީގައި އިއްޔެ ވަނީ ސަޕްލަޔަރުން މުޒާހަރާވެސް ކޮށްފައެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު މާލެ އާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިޔަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރާފައިވާ ކަމަށެވެ.
އެފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒިފުންނަށް މުސާރަ ނުދެވި، ކުލި ދެއްކުންފަދަ ކަންކަން ހަމަޖެއްސުމަށް ދަތިވެ، ކުދި ވިޔަފާރިތަކާއި ކުންފުނިތައް ހުއްޓި، ބައެއް ކުންދުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިމުމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން، އެފައިސާ ހޯދަން ފެނަކަ ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ފެނަކައިގެ އިތުބާރު ގެއްލޭ ހިސާބަށް ގޮސްފައިވާ އިރުވެސް އެކަމަށް ރިއާޔަތް ކުރުމެއް ނެތި، އެ ކުންފުނިން ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެތައް ހަރަދެއް ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެއާއެކު ފެނަކަ ހިންގުމަށާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާ ކަމަށް އޭސީސީއަށް ރިޕޯޓު ކޮށްފައިވާ އިރު، ފެނަކައިން ފައިސާދޭން ޖެހޭ ފަރާތްތަކަށް ފައިސާ ދިނުމަށާއި ކުންފުނި ދަރަނި ބޮޑުވެފައިވާ ސަބަބުތައް ދެނެގަނެ، އެކަމާ ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް ކުންފުނީގެ މެނޭޖުމެންޓް އަދި ފައިނޭޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރެވޭނެ ޕްލޭނެއް އެކުލަވާލައި ކުންފުނި ބަނގުރޫޓުވިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި ކުއްލި މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 15 މެންބަރުންނެވެ. އެ މައްސަލަ ބަލައި ގަންނަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައި ގަންނަން ބޭނުންވަނީ 17 ވޯޓެވެ.