ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ސާފިލް އެމްޑީޕީއަށް ސޮއިކުރި ފޯމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ހަވާލުކުރެއްވީ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގެ ކެމްޕެއިނަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެމްޑީޕީއާ ގުޅެން ނިންމީ ކީއްވެގެންތޯ "ވަން" އިން ސުވާލުކުރުމުން ސާފިލް ވިދާޅުވީ، ގުޅިއަށް މިދިޔަ އެއްވެސް ސަރުކާރަކުން ނުގެންނަހާ ތަރައްގީ މި ސަރުކާރުން ގެންނަމުންދާތީއާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ފުރުސަތު ތަންމިނަށް އޮތުމުން އެކަން ބަލައިގަނެ، ޕާޓީއާ ގުޅެން މަޖުބޫރުވީ ކަމަށެވެ.

ސާފިލް ގުޅީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ސާފިލް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން، ރައީސް ސާލިހު ވިދާޅުވީ ގުޅީގެ ތަރައްގީއަށްޓަކާ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް މިހާރަށް ވުރެ ބޮޑަށް ކައުންސިލުން ސަރުކާރާއެކު މަސައްކަތް ކުރަމުންގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުރައިދޫ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް ސޯލިހު މިއަދު ވަނީ ގުޅިއަށާއި މާފުއްޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނާ އެކު އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.