އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލް ކުޅެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދާފައިވަނީ ޓީމް ބްރޯލާޒްއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ހުކުރު ދުވަހުގެ ރޭ ވަނީ އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ބާއްވައިފައެވެ. އެގޮތުން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަބްދުއްﷲ މޫސާ އާއި އިބްރާހިމް ފަޔާޒް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ.
އެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ޝަވިޔަނިއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް ބްރޯލާޒްއަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު ޓީމު ކްރޮސްރޯޑްސް މޯލްޑިވްސް އަށް 5،000 ރުފިޔާ ލިބިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބުކަމާ އެކު ބާއްވައި ޓީމްތަކުން ވާދަވެރި ކުޅުމެއް ދެއްކުމުގެ އިތުރުން، މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހި ކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ފައިނަލުގައި މޮޅު ކުޅުމެއް ދައްކައި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޝަވިޔަނި ޓީމުން މިވަނީ ހޯދާފަ، އެހެންކަމުން ޝަވިޔަނި ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އަދި ރަނަރަޕް ޓީމް ބްރޯލާޒް ރޭޖް ފިޓްނަސް ގެ އިތުރުން ތިންވަނަ ހޯދި ކްރޮސްރޯޑްސް މޯލްޑިވްސް އިން މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމަށް ވެސް މަރުހަބާ ދަންނަވަން. އަދި ހަމަ އެއާއެކު މުބާރާތް އިންތިޒާމު ކުރުމުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިން އެއްބާރުލުން ފާހަގަކޮށް މާޒިޔާގެ މެނޭޖްމެންޓް އާއި ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން. އަންނަ އަހަރުވެސް މިއަށްވުރެ ފުރިހަމައަށް އަދި އިތުރު މަޖަލާއި އުފާވެރިކަމާ އެކު އުރީދޫ ބޮކި ބޯޅަ ފެނިގެންދާނެ،" ހަމާދީ ވިދާޅުވިއެވެ.
އުރީދޫއަކީ ކުޅިވަރު ކުރިއެރުވުމަށާއި ދިވެހި ހުނަރުވެރިން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫ ބޮކި ބޯޅަ މުބާރާތް ފަދަ މަޖާ އަދި އުފާވެރި ހަރަކާތްތައް ތައާރަފްކުރަމުން ގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު