ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އަޅަން ހަމަޖެހިފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، އަރަބިއްޔާގެ އާ އިމާރާތް ކޮންޓްރެކްޓްކޮށްފައި ވަނީ ކޮން އަގެއްގައި، ކޮން މުއްދަތަކަށް ނިންމުމަށްތޯ އާއި މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލް ބޭނުންކުރަން ފެށޭނެ ދުވަހަކީ ކޮބައިތޯ އޮޅުން ފިލުވުމަށްޓަކައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާގެ އާ އިމާރާތް ހެދުމަށް ހަވާލު ކޮށްފައިވަނީ 168.5 މިލިޔަން ރުފިޔާއަށް ކަމަށެވެ.
އަރަބިއްޔާގެ މަސައްކަތް ގޮސްފައިވާ ހިސާބާބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، ސްކޫލް އިމާރާތުގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކޮށް، ޑީޓެއިލް ޑްރޯވިންގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި "މިމަހުގެ ނިޔަލަށް ޑީޓެއިލްސް ޑްރޯވިންވެސް ނިމޭނެ، ނަމަވެސް މިއަދުގެ ވަގުތެއްގައި އަސްލު އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 29 ސެޕްޓެމްބަރު 2022 ގައި އަރަބިއްޔާގެ އާއިމާރާތް އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައި ވަނީ އަމީނީ ކޮންސްޓްރަކްޝަންއާ ކަމަށެވެ.
ޕްރޮޖެކްޓްގައިވާގޮތަށް މަސައްކަތް ކުރިއަށް ގޮސްފިނަމަ، ސްކޫލްގެ މަސައްކަތް ނިންމައި، 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސްކޫލް ހުޅުވޭވަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް 168.5 މިލިޔަން ރުފިޔާއަށް ހަވާލު ކޮށްފައިވީނަމަވެސް މިއަހަރުގެ ބަޖެޓް މަޖިލީހަށް އައި އިރު ބަޖެޓްގައި އޮތީ އެންމެ ހަތް މިލިޔަން ރުފިޔާ ކަމުން، އެކަމާބެހޭގޮތުން މެމްބަރު ތޯރިގު ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، "އެކަމާބެހޭ ހުރިހާ އެއްޗެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ނަމަވެސް އިދާރީ ކުށަކުން އެކަން ބަޖެޓުގައި ހިމެނިފައިނުވަނީ، ނަމަވެސް އެކަން ފާހަގަވި ހިސާބުން ބަޖެޓް ފޮތުގައިވެސް ހިމަނާފައިވާނެ،" ކަމަށެވެ.