ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.

އެ ރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ރަަށުގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހު 27ގެ ކުރިންނެވެ.

މަނަދޫގައި ސީސީޓީވީ ހަރުކުރަން ނިންމާފައި މިވަނީ، މިދިޔަ ހުކުރު ދުވަހު އެ ރަށުގައި އެކަނި ދިރިއުޅެމުންދިޔަ ނައީމާ މޫސާ، 62އ. އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފަހުންނެވެ.

ބޮޑެތި ޒަހަމްތަކަކާއެކު ނައީމާގެ ހަށިގަނޑު ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ފުލުހުން އެގޭގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު ކޮޓަރި ތެރޭ ތަޅުންގަނޑިމަތީގައި އޮއްވައެވެ.