(5 އޭޕްރީލްގެ އަދަދާ ގުޅޭ)

ފަސްވަނަކަމަކީ قــيـــام الّـــيـــل އެވެ. ރޭގަނޑު ނަމާދުކުރެއްވުމާއި ޤުރްއާން ކިޔަވައިވިދާޅުވުމެވެ. އަމިއްލަފުޅު ނަފްސު ހިސާބުކުރެއްވުމާއި އަސްތަޣުފާރު ކުރެއްވުމެވެ. މިކަންކަމަކީ ތަޤްވާވެރިކަން ޙާޞިލުކުރެއްވުމުގެ ވަރަށް އިތުބާރުހުރި ނުސްޚާތަކެކެވެ. އެކަންކަން ލިބިގަތުމަކީ ތަޤްވާވެރީންގެ ސިފައެކެވެ. ޢަލާމަތެކެވެ. އަރަހުށި މާތް اللّــــه ވަޙީކުރައްވައިފައިވެއެވެ.

"އަދި އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުން އަދި ދުޢާކުރެތެވެ." (الـــزّاريــات: 17، 18)

ބަރަކާތްތެރި ރަމަޟާންމަހު ތަރާވީޙުނަމާދު ކުރާންޖެހެނީ قــيـــام الّـــيـــل ގެ ގޮތުންނެވެ. ތިބާ ރޭގަނޑުގެ ކުރީކޮޅުގައި قــيـــام ގައި ހުންނަވައި ކީރިތި ޤުރްއާން އަޑުއައްސަވަމުއެވެ. قــيـــام الّـــيـــل ގެ ދެވަނަ ވަގުތަކީ ރޭގަނޑުގެ ދެބައިން ފަހުބައެވެ. ނުވަތަ ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހަތުބަޔެވެ. އާދެ ސަހަރުގެ ވަގުތެވެ. މިއީ އެވަގުތެއްގައި އަސްތަޣުފާރުކުރަން ކީރިތި ޤުރްއާނުގައި ބާރުއަޅުއްވައިފައިވާ ވަގުތެވެ.

ކުޑަކުޑަ މަސައްކަތްޕުޅެއް ކޮށްލައްވައިގެން ރަމަޟާންމަހުގެ ރޭގަނޑުގެ އިސްވެދެންނެވި ފަހުބައިގައި ތިބާޔަށް قــيـــام الّـــيـــل ގެ ބަރަކާތް ޙާޞިލުކުރެއްވިދާނެއެވެ. އޭރުން ސަހަރުގެ ވަގުތުގައި އަސްތަޣުފާރުކުރައްވާ ހެޔޮކަމުގެ ޖަމާޢަތުގައި ތިބާއަށް ހިމެނިވަޑައިގެންނެވިދާނެއެވެ. އެއީ މާކައުނދަގޫފުޅު ކަމެއްނޫނެވެ. ތިބާ ޢާންމުގޮތެއްގައިވެސް ހާރު ފަރީއްކުޅުއްވަން ތެދުވެވަޑައިގަންނަވަމުއެވެ. އެހެންވީއިރު ހާރު ފަރީއްކުޅުއްވަން ޢާންމުކޮށް ތެދުވެވަޑައިގަންނަވާ ގަޑީގެ ވިއްސަކަށް ފަނަރަވަރަކަށް މިނިޓް ކުރީން ތެދުވެވަޑައިގަންނަވާށެވެ. ވުޟޫކުރައްވައިގެން ދެރަކްޢަތް ނަމާދެއް ކޮށްލައްވާށެވެ.

ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم ޙަދީޘުކުރައްވައިފައިވާ ގޮތުގައި ރޭގަނޑުގެ މިބަޔަކީ އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ އަޅުތަކުންނާ ނުހަނު ބޮޑަށް ކުއްތަންވެވޮޑިގަންނަވާ ވަގުތެކެވެ. އެވަގުތު އެކަލާނގެ ނިދާއިއްވަވައެވެ. ތިމަން اللّــــه ގެ ޙަޟުރަތުން ލިބުންއެދެނީ ކާކުހެއްޔެވެ؟ ތިމަން اللّــــه އެމީހަކު އެދޭކަމެއް އެމީހަކަށް ދެއްވުމަށްޓަކައެވެ. އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވުމަށް ތިމަން اللّــــه ގެ ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ؟ ތިމަން اللّــــه އެމީހެއްގެ ފާފަފުއްސަވައި އެމީހަކަށް މަޣުފިރަތު ދެއްވުމަށްޓަކައެވެ. އެމީހަކަށް ޢަފޫކުރެއްވުމަށްޓަކައެވެ. (ބުޚާރީ، މުސްލިމު: أبـــوهــــــريـــــرة رضـــى اللّـــه عــنـــــه)

ރޭގަނޑުގެ އެވަގުތަކީ، ނުހަނު ފުދިވޮޑިގެންވާ އަދި އެހައިމެ ދީލަތިވަންތަކަމުގެ ވެރި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ދީލަތިވަންތަކަމާއި ރަޙްމަތްވަންތަކަމުގެ އަތްޕުޅު ފަތުރުއްވައިލައްވައި އެ ޣަނީވަންތަ އަދި ޢަދުލުވެރިވަންތަ ޒާތުފުޅަށް ދަރަނިދޭ މީހުން ކޮބައިތޯ ސުވާލުކުރައްވާ ވަގުތެވެ. ހެޔޮޢަމަލުތަކާއިގެން އަންނަ މީހުން ކޮބައިތޯއާއި މަޣުފިރަތު އެދިގެން ޙާޟިރުވާ މީހުން ކޮބައިތޯ ބައްލަވާ ވަގުތެވެ. އެފަދަ ރަޙްމަތުގެ ވަގުތެއްގައި ތިބާ ފަރީއްކުޅުއްވުމަށާއި މީރު ހިއްޕެވުންތަކުގެ ލައްޒަތު ހޯއްދަވަން ތެދުވެވަޑައިގަންނަވާއިރު ބުރަހެލިކަން ދޫކޮށްލައްވައި ތަންކޮޅެއް ހީވާގިވެވަޑައިގެން ތިބާގެ މުހުތާދުތައް ފުއްދެވުމަށާއި މަޣުފިރަތު ހޯއްދަވަން ވަގުތުކޮޅެއްގެ ބޭނުންކުރެއްވުން ވާނީ ކޮންފަދަ ހެޔޮ ނަސީބުފުޅަކަށްތޯއެވެ؟

ދެރަކްޢަތް ނަމާދެއް ކޮށްލެއްވުމަކީ ބުރައެއްކަމުގައިވާނަމަ އެންމެކުޑަމިނުން ތިބާގެ ރައްބުގެ ރަޙްމަތްފުޅު އެދިވަޑައިގެން އެންމެފަހަރަކު ނަމަވެސް ނިތްކުރިފުޅު ބިންމަތީގައި ޖައްސައިލައްވާށެވެ. ތިބާގެ ވެރިރައްބުގެ ޙަޟުރަތުން ރަޙްމަތަށް އެދިވަޑައިގެން ކީރިތިކުރައްވާށެވެ. ތިބާގެ ކުށްފާފަތަކާމެދު އަސްތަޣުފާރު ކުރައްވާށެވެ. ހެޔޮކަމާއި ބަރަކާތް އެދިވަޑައިގަންނަވާށެވެ. ޙައްޤުގެ މަގުގައި ސާބިތުވެވަޑައިގެން ހުންނެވުމުގެ ތައުފީޤު އެދިވަޑައިގަންނަވާށެވެ. މިއީ ފަސްވަރަކަށް ނުވަތަ ދިހަވަރަކަށް މިނެޓުންވެސް ކުރެއްވިދާނެ ކަމެކެވެ. ތިބާ ސަހަރުގެ ވަގުތުގެ އަޅުކަމުގެ ފޮނިމީރުކަން ޙަޤީޤީ މާނައިގައި އެންމެފަހަރަކުވެސް ހޯއްދަވައިފިކަމުގައިވާނަމަ ތިބާގެ ހިތްޕުޅު އެކަމަށް ދަހިވެތިވާން ފަށައިނެކަން ކަށަވަރެވެ. ރަމަޟާންމަހަށް ފަހުވެސް ތިބާ އެމީރުކަމުގެ ފަހަތުން ވަޑައިގަންނަވާ ހިތްޕުޅުވާނެކަން ކަށަވަރެވެ.

(ނުނިމޭ)