ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1،374،481 (1.3 މިލިއަން) ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ އެއީ ފެބްރުއަރީ 18 އިން ފެބްރުއަރީ 24 އަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ މަހުގެ 18 ގައެވެ.

އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އާ ހަމައަށެވެ. އަދި މިމަހުގެ 10 ގެ ފަހުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަންނާނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ މަހުގެ 22 ގައެވެ.

އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ މިމަހުގެ 9 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް އަދި މިމަހުގެ 10 ވަނަ ދުވަހުން މިމަހުގެ 19 އަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށެވެ.

މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ހަތް ޕްލެޓްފޯމް:

  • ދިރާގު މޯބައިލް އެޕް.
  • ދިރާގު ޕޭ ވެބްސައިޓް.
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް.
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް.
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް.
  • ފަހިޕޭ މޯބައިލް އެޕް.
  • އަވަސް މޯބައިލް އެޕް.
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުން ކުރާނީ އެ ކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިތުރު ޕޯޓަލެވެ.

ފިތުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ގޮސްގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑު ކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

އޭގެ އިތުރުން، ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.

މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ