ނ. މަނަދޫން ޢަލީ ޔާމީން (ވަން އޮންލައިން)
މިރަށު ވަހީދާ އިދުރީސްއަކީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އިރުއޮއްސުނު ވަގުތު މި ރަށުގެ ސޯސަންމަގުގައި ހުންނަ އަންނާރުމާގޭގައި ހުރި ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ނައީމާ މޫސާ 62އ، ގެ ދުވަސްވީ އެކުވެރިއެކެވެ. ރަށް ކުނިކަހައި ސާފުކުރުގެ މަސައްކަތަށް ކައުންސިލުން ނެގި މީހުންގެ ތެރޭގައި ނައީމާއާއެކު ވަހީދާވެސް ހިމެނެއެވެ. އެ މަސައްކަތުގައިވެސް ނައީމާއާއެކު ވަހީދާ އުޅޭތާ ފަސްމަސްވަރު ވެއްޖެއެވެ. ވަހީދާއަކީ ނައީމާގެ އަވަށްޓެރިއެއްވެސްމެއެވެ.
ރޯދަމަހު ރަށް ސާފުކުރަން ހަމަޖައްސާފައި އޮންނަނީ ފަތިހު 5:30 އިން ހެނދުނު 10:00 އަށެވެ. ފަތިސް ނަމާދުކޮށްލައިގެން ވަހީދާމެން ކޮންމެ ދުވަހަކުވެސް ނުކުންނަނީ މެންދުރުގެ ދިލަ ހޫނުގެ ކުރީން އޭނާގެ މަސައްކަތް ނިންމައިލުމަށެވެ. ނައީމާވެސް އޭނާ ގެންގުޅޭ ބަރޯ ހިފައިގެން ކުނިކެހުމަށް ނުކުމެއެވެ. ނަމަވެސް، މިދިޔަ ބުދަ ދުވަހަށް ފަހު ނައީމާ ކުނިކަހާކަށް ނުދެއެވެ. ޖެހިގެން އައި ބުރާސްފަތި ދުވަހުވެސް ނައީމާގެ ހަބަރެއް ނެތެވެ. ރަށު ތެރެއިން އޭނާ ފެނުނު މީހަކުވެސް ނެތެވެ.
"ކުނިކަހަން ގޮސް އުޅުމުގެ ތެރޭގައިވެސް މީހެއްގެ އުނދަގުލެއް ވާކަމަކަށް ބުނެފައެއް ނެތް. ހަމަ ވަރަށް ގަދަކޮށް އުޅޭނީ. ތަފާތު އެއްވެސް ވާހަކައެއް އަދި ބަލި ވާހަކައެއްވެސް ނުބުނޭ. އެހެނެއްނޫން، ތަންކޮޅެއް ކުރިން ދުވަހަކު ގުޅާފަ ދަތެއްގަ ރިއްސާތީ އުޅޭ ވާހަކަ ބުނި." ނައީމާގެ މަރާ ގުޅޭ ގޮތުން މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއުގައި "ވަން"އާ ވާހަކަދައްކަމުން ވަހީދާ ބުންޏެވެ.
ނައީމާއަކީ އެކަނި ދިރިއުޅޭ މީހެއްކަމުން އޭނާ ބައްޔެއް ވިޔަސް އެނގޭނެ މީހަކު ނުހުރެއެވެ. އެހެންވެ، ޖެހިގެން އައި ހުކުރު ދުވަހު ކުނިކަހަން ދަމުން ވަހީދާއާއި އަދިވެސް އެހެން މީހަކާ ނައީމާގެ ޚަބަރު ބެލުމަށް އެގެއަށް ދިޔައެވެ. އެ މީހުން އެ ގެއަށް ވަދެ، ނައީމާގެ ކޮޓަރީގެ ދޮރާއި އެ ކޮޓަރީގެ ކުޑަ ދޮރުގައިވެސް ޓަކި ޖެހިއެވެ. އެކަމަކު ނައީމާގެ ހިލަމެއް ނުވުމުން އޭނާ ނިދާފައި އޮތީ ކަމަށް ނިންމައި، ވަހީދާމެން ދިޔައީ ކުނި ކަހާށެވެ. ކުނި ކަހައި ނިންމާލުމަށްފަހު، މެންދުރުގެ ވަގުތެއްގައިވެސް ވަހީދާއާއި އިތުރު މީހަކު ނައީމާއަށް ވީ ގޮތެއް ބަލަން އެ ގެއަށް ދިޔައެވެ. މިފަހަރު ގޮސް ދޮރުގައި ޓަކި ދިނުމުންވެސް ހަބަރެއް ނުވިއެވެ.
"ގޭގެ ވަލު ދޮރާށި ވަރަށް ކުޑަކޮށް ހުޅުވިފަ ހުރި. އެ ދޮރާށި ހުޅުވިފަ ހުރީ ކީއްވެކަމެއް ނޭނގެ. އަސްލު އޭނަ އޮތީ ކޮން ކޮޓަރިޔަކު ކަމެއްވެސް އަހަރެމެންނަކަށް ނޭނގެ. ދެން ފަންކާގެ އަޑުވެސް އިވޭ ވިއްޔާ. އެހެންވެ އެއީ އެ ކޮޓަރިކަމަށް ނިންމައި ޓަކި ދިނީ. ކުޑަދޮރުގަވެސް ޓަކި ދިނިން. އެއްވެސް ޚަބަރެއް ނުވޭ. އެކަމަކު ކޮޓަރީގެ ބޮކިތަކާއި ފަންކާވެސް ހުރީ ޖައްސާފަ." އެ ވަގުތު ފާހަގަވި ކަންކަން ވަހީދާ "ވަން"އަށް ކިޔައިދިނެވެ.
ވަހީދާ ބުނި ގޮތުގައި އެ ގޭތެރެއިން އާދަޔާ ހިލާފު އެއްވެސް ކަމެއް އެމީހުންނަށް ފާހަގައެއް ނުކުރެވެއެވެ. ކުނި ވަހެއްވެސް އަދި ލެއެއްވެސް ނުފެނެއެވެ. ގޭތެރޭގެ އެއްޗެހިވެސް ހުރީ އެ އެއްޗެއް ހުރި ތަނެއްގައެވެ. ތަފާތެއް ފާހަގައެއް ނުވެއެވެ. ތަރުތީބު ގެއްލިފައިވާ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ.
ދެވަނަ ފަހަރަށް ނައީމާއަށް ގޮވަން ދިއުމުންވެސް އޭނާގެ ހަބަރެއް ނުވުމުން ކަމެއް ގޯސްވީ ކަމަށް ނިންމައި، ވަހީދާމެން ނައީމާގެ އާއިލާގެ ބަޔަކަށް އެކަން އެންގިއެވެ. އާއިލާއިންވެސް ހީކުރީ ނައީމާ ބަލިވެ އުޅެނީ ކަމަށެވެ. އެހެންވެ، ނައީމާއާ އެއްބަނޑު އެއްބަފާ އަންހެނަކާއި އޭނާގެ ފިރިމީހާ، ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ނައީމާ އުޅޭ ގެއަށް ދިޔައީ ރޯދަ ވީއްލަން އެއްޗެހިވެސް ހިފައިގެންނެވެ. އެމީހުން ގޮސް ޓަކިދީ ގޮވައި ހެދުމުންވެސް ދޮރު ނުހުޅުވުމުން ކަމެއް ގޯސްވީކަން ޔަގީންވެ ފުލުހުންނަށް ރިޕޯޓްކުރިއެވެ. ފުލުހުންގެ ޓީމެއް އައިސް ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު ބިންމަތީގައި ލެއިން ތަތްތެޅިފައި އޮތީ ނައީމާގެ ފުރާނަ ނެތް ހަށިގަނޑެވެ. އެ ވަގުތު އެތަނުން އެންމެން ނެރެ، ފުލުހުން ކްރައިމް ސީން ބަންދުކުރިއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. އޭނާގެ ކަރުންވެސް ޒަހަމެއް ފެނިފައިވާކަން އެނގިފައިވެއެވެ.
މައުލޫމާތު އެނގޭ ބައެއް މީހުންނާ ވާހަކަދެއްކުމުން އެނގުނު ގޮތުގައި ނައީމާއަށް ލިބިފައިވާ ޒަހަމްތަކަކީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާ ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމްތަކެއް ވެސް ހުއްޓެވެ.
ނައީމާގެ މޫނުގެ އެއްފަޅި ވަރަށް ބޮޑަށް ކަޅުވެ ފުފިފައި އޮތްއިރު، ވައަތު ލޯކައިރީގައިވެސް ޒަހަމެއް ހުއްޓެވެ. އަދި އެ ލޯ ކައިރިވެސް ހުރީ ފުފިފައިކަމަށް "ވަން" އަށް އެނގިފައިވެއެވެ.
ސާމްޕަލްތައް ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު ވަނީ އިއްޔެ ހަވީރު މި ރަށު ސަހަރާގައި ވަނީ ވަޅުލައިފައެވެ. ނައީމާ މަރުވިއިރު، އޭނާގެ އަންހެން ދެ ދަރީންނާއި ފިރިހެން ދަރިޔަކު ދުނިޔޭގައި އެބަތިއްބެވެ. ނައީމާގެ ހަށިގަނޑު ވަޅުލިނަމަވެސް، ފުލުހުން އަންނަނީ އޭނާގެ ހަށިގަނޑު ފެނުނު އަންނާރުމާގެ ސަރަހައްދު ބަންދުކޮށް ތަހުގީގު ކުރިއަށްގެންދަމުންނެވެ. މިރަށުތެރޭ އަޑު ފެތުރިފައިވާ ގޮތުގައި ނައީމާ ދިރިއުޅޭ ގޭގެ ބިއްދޮށް ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެއިން މީހެއްގެ ފިޔަވަޅުގެ ނިޝާނާއި ކޮންމެވެސް ވަރަކަށް ލޭ ވަނީ ފެނިފައެވެ. އަދި ނައީމާގެ ހެދުން ބަދަލުކޮށްފައިވާ ކަމުގެ ވާހަކަތަކެއްވެސް ދެކެވެއެވެ. ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ނައީމާގެ މަރަށް ދުވަހެއްވެފައިވާއިރު، އެ މަރުގެ ތުހުމަތުވާ މީހަކުވެސް އަދި ހޯދިފައެއް ނުވެއެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް