އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

މާޅޮހު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޓިސީސީން އިއްޔެ ބުނީ، އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ސައިޓުގައި މިހާރު ކުރިއަށްދަނީ ޖެޓީގެ ބީމް ޝަޓަރިން މަސައްކަތް ކަމަށެވެ.

ޖުމުލަ 61.3 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

އެ މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.