ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ/ ނައީމާ މޫސާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެފިއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާ މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައެވެ. ފެނުނުއިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ. ކަރުންވެސް ފުން ޒަހަމެއް ފެންނަން ހުރިކަން އެނގިފައިވެއެވެ.

އޭނާގެ ހަށިގަނޑު މިއަދު ހަވީރު 5:10ގައި ވަޅުލާފައިވާއިރު، މިފަދަ އެހެން މައްސަލަތަކާ ހިލާފަށް ނައީމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައެއް ނުވެއެވެ.

އެކަމާ ނޫސްވެރިން ސުވާލުކުރުމުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަން ނުވަތަ ގަސްތު މަރެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، ނައީމާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްް ނިންމުމުން ކަމަށެވެ.

ފުލުހުންގެ ބަޔަނުގައި ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފައިވެއެވެ.