ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރު މަރުކާގެ މަތިންދާބޯތުގެ ދަތުރުތައް ފަށައިފިއެވެ.

ފްރާންސްގެ އޭޓީއާރު ކުންފުނިން ގަން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ބޯޓަކީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ގެނައި އޭޓީއާރު މަރުކާގެ ތިންވަނަ ބޯޓެވެ.

އާ ބޯޓުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލ. ކައްދޫއަށެވެ. އެ ބޯޓުން 26 ފަސިންޖަރުން ދަތުރުކުރިއެވެ.

އައިއޭއެސްއަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އެ ދެ ބޯޓުގެ ދަތުރުތައްވެސް ވަނީ ފަށައިފައެވެ. ތިންވަނައަށް ގެނައީ އޭޓީއާރު 400-72 ގެ މުޅިން އާ ބޯޓެކެވެ.

އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓުތަކެކެވެ. އެއީ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑު އިރު، އޭޓީއާރު އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަން ޖެހޭ ހަރަދުވެސް ކުޑަވާނެއެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.

އޭޓީއާރު އެއާކްރާފްޓުގެ ލުއި ސްޓްރަކްޗާ އާއި އޮޕްޓިމައިޒްޑް ސްޕީޑާއި އެއާކްރާފްޓުގައި ބޭނުންކުރާ PW127XT އިންޖީނަކާއެކު އޭޓީއާރު 600-72، އަކީ އެންމެ ފިއުލް ހަރަދު ކުޑަ އެއް ރީޖަނަލް އެއާކްރާފްޓެވެ. އޭޓީއާރުން ތެޔޮ އަންދާ މިންވަރު ކުޑަވުުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުުގެ ހަރަދުވެސް ކުޑަވެގެންދެއެވެ.