ނ. މަނަދޫން އަލީ ޔާމީން (ވަން އޮންލައިން)
މި ރަށު އަންނާރުމާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މި ނައީމާ މޫސާ، 62އ. ގެ މިއަދުގެ އަސްރު ނަމާދަށްފަހު ވަޅުލަން ހަމަޖައްސައިފިއެވެ.
ނައީމާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު މިރަށު މަސްޖިދުލް ރިޟްވާންގައެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލުމަށް ހަމަޖައްސާފައިވަނީ މިއަދު 4:30 ގައެވެ.
ނައީމާގެ ހަށިގަނޑު ހިނެވުމަށްފަހު މިހާރު އޮތީ ހިނަވާގޭގައެވެ. ނައީމާ ހިނެވުމުގެ ކަންކަން ކޮށް ނިމިފައިވާ އިރު، އޭނާގެ މޫނު ބެލުމުގެ ފުރުސަތު އާއިލާ އާއި އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ. ނައީމާގެ ހިނަވާފައިވާ އިރު، އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ކުނި ވަސް ދުވައެވެ. އަދި ހަށިގަނޑު އޮތީ ކުނިވެފައެވެ. އެކަން ނައީމާގެ މޫނުންވެސް ވަރަށް ބޮޑަށް ސާފުވިއެވެ. އެގޮތުން ނައީމާގެ މޫނުގެ އެއްފަޅި ކަޅުވެ، ފުފިފައިވާ އިރު، އޭނާގެ ވައަތު ލޮލުގައި އޮތީ ބެންޑޭޖު އަޅައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާގެ ގައިން ނަގަން ޖެހޭ ސާމްޕަލްތައް މިހާރު ވަނީ ނަގައި ނިމިފައެވެ. އަދި އާއިލާއާ ހަށިގަނޑު ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާކަންވެސް އެނގިފައިވެއެވެ.
ނައީމާ މޫސާ މަރުވެފައި އޮއްވައި ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:13 ހާއިރުއެވެ. އެއީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ކޮޓަރީ ދޮރު ވައްޓާލައި އެތެރެޔަށް ވަދެ ބެލުމުންނެވެ. އެއިރު، ކޮޓަރި ތެރޭ ބިންމަތީގައި ނައީމާ އޮތީ ލެއިން ތަތްތެޅިފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނަން ހުއްޓެވެ.
މައުލޫމާތު އެގޭ ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ނައީމާއަށް ލިބިފައިވާ ޒަހަމްތަކަކީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާއި ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމްތަކެއް ވެސް ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު