ނ. މަނަދޫން އަލީ ޔާމީން (ވަން އޮންލައިން)
މިރަށު އަންނާރުމާގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މި ރަށު ނައީމާ މޫސާ، 62އ. ހިނަވައި، މޫނު ބެލުމުގެ ފުރުސަތު ހުޅުވައިފިއެވެ.
ނައީމާ މޫސާ މަރުވެފައި އޮއްވައި ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:13 ހާއިރެވެ. އެއީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ކޮޓަރީ ދޮރު ވައްޓާލައި އެތެރެޔަށް ވަދެ ބެލުމުންނެވެ. އެއިރު، ކޮޓަރި ތެރޭ ބިންމަތީގައި ނައީމާ އޮތީ ލެއިން ތަތްތެޅިފައެވެ.
ނައީމާގެ ހަށިގަނޑު ރޭ ފަތިހުން ފެށިގެން މި ވަގުތާ ހަމައަށްވެސް އޮތީ ހިނަވާގޭގައެވެ. ނައީމާ ހިނެވުމުގެ ކަންކަން ކޮށް ނިމިފައިވާ އިރު، އޭނާގެ މޫނު ބެލުމުގެ ފުރުސަތު އާއިލާ އާއި އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން މިއަދުގެ އަސްރު ނަމާދަށްފަހު އެރަށު މަސްޖިދުލް ރިޟްވާންގައި އޮންނާނެއެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލުމަށް ނިންމާފައިވަނީ މިއަދު 4:30 ގައެވެ.
ނައީމާގެ ހިނަވާފައިވާ އިރު، އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ކުނި ވަސް ދުވައެވެ. އަދި ހަށިގަނޑު އޮތީ ކުނިވެފައެވެ. އެކަން ނައީމާގެ މޫނުންވެސް ވަރަށް ބޮޑަށް ސާފުވިއެވެ. އެގޮތުން ނައީމާގެ މޫނުގެ އެއްފަޅި ކަޅުވެ، ފުފިފައިވާ އިރު، އޭނާގެ ވައަތު ލޮލުގައި އޮތީ ބެންޑޭޖު އަޅައިފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނަން ހުއްޓެވެ.
މައުލޫމާތު އެގޭ ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ނައީމާއަށް ލިބިފައިވާ ޒަހަމްތަކަކީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާ ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމްތަކެއް ވެސް ހުއްޓެވެ.
ނައީމާ ދިރިއުޅޭ އަންނާރުމާގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ އިރު، އެ ގޭގެ ތެރޭގައި ފުލުހުންގެ ފޮރިންސިކް ޓީމަކުން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ރަށަށް އަރައި ފައިބާ އިރު ހުއްދަ ހޯދަން އޮތީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު