ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، ގާސިމް ހަސަން، 59އ. މަރައިލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް މާދަމާ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެކަމާބެހޭގޮތުން ބާއްވާ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 9:30 ހަށެވެ.

ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ހުސްވި މާޗު މަހުގެ 19 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން މާދަމާ އޮންނާނީ އަދަބާބެހޭގޮތުން ހުކުމް ކުރުމެވެ.

ގާސިމް ހަސަންގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.

އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައި ވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކުރި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ގާސިމަށް ވަޅިން ހަމަލާދިން ސަބަބާ ގުޅޭގޮތުން އަދުހަމްގެ ބަސް އެކި ފަހަރު ތަފާތުވިނަމަވެސް ކޮންމެ ފަހަރަކުވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާސިމަށް ހަމަލާދިނުމުގައި މަރާލުމުގެ ގަސްދެއް ނެތް ކަމަށް އަދުހަމް ބުނެފައިވާ އިރު، އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ. އެގޮތުން ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެއް ކަމަށާއި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުންވެސް އެހީނުވެ، ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށެވެ.

ގާޒީ ނަދީމް ވިދާޅުވީ އަދުހަމް، ގާސިމް މަރާލީ އެއްވެސް ހައްގަކާ ނުލައި ކަމަށެވެ. އަދި އެކަން އޭނާ ކުރީ ފުރިހަމަ އިހުތިޔާރުގައި ކަމަށްވުމުން ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެދުވަހުގެ އަޑުއެހުމުގައި އަދަބާބެހޭގޮތުން ހުކުމް އިއްވުން ފަސްކުރީ، ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހު ހުކުމް އިއްވުމަށެވެ.