ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގައި އިއްޔެ ހަވީރު ގްރޫޕް ތިނެއްގައި ކުޅުނު މެޗުގައި މޯލްޑިވްސް ސޮކާ މޭޓްސްއިން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

އިއްޔެ ހަވީރު ޓާފް އެކެއްގައި ކުޅުނު މެޗުގައި ސޮކާ މޭޓްސްއިން ގްރީން ސްޓްރީޓްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސޮކާ މޭޓްސްގެ ތިން ގޯލުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ.

އިއްޔެގެ ނަތީޖާއާއެކު ސޮކާ މޭޓްސްއަށް މިހާތަނަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ހުއްރިއްޔާ ސްޕޯޓްސް ކްލަބު ކައިިރިން ގޯލެއް ނުޖެހި އެއްވަރުވެފައި އޮތް އިރު، އެ ގްރޫޕްގައި ގްރީން ސްޓްރީޓްސް ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

ގްރީންއިން ފުރަތަމަ މެޗުގައި ބަލިވެފައި އޮތީ ޕޮލިސް ކްލަބު އަތުންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ސޮކާ މޭޓްސްއިން ނުރައްކާ ކޮށްފައިވާ އިރު، އެޓީމަށް ވަނީ ފުރަތަމަ ކޮޅުގައި ގޯލު ޖަހަން ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ދެވަނަ ހާފަށް ނުކުމެ، ހާފުގެ ދެވަނަ މިނެޓުގައި ސޮކާ މޭޓްސްއިން ލީޑު ނެގި އިރު، އެ ގޯލަކީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި އާދަމް ލަރީފް (ރޮނާ) ވައްދާލި ގޯލެކެވެ.

ރޮނާގެ ދެވަނަ ގޯލު ޕެނަލްޓީއަކުން ޖެހި އިރު، މެޗުގެ ފަހު މިނެޓުގައި ގޯލު ޖަހައި ސޮކާ މޭޓްސްއަށް މޮޅު ޔަގީން ކޮށްދިނީ އިބްރާހީމް ސިނާޒެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ސޮކާ މޭޓްސްގެ ގޯލު ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ދެވަނަ ހާފުގައި ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅެ ރިޓަޔާކޮށްފައިވާ ގޯލްކީޕަރު އިއްމަ ކުރިއަށް ކުޅެން ނުކުމެ، ގޯލަކަށް ނުރައްކާ ކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއެވެ. އެހެން ނަމަވެސް އޭނާއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ވެޓެރަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗެއް މިއަދުވެސް އޮންނާނެއެވެ. 4:30 ގައި އޮންނަ މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.