ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކުރި ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅެމުންދާ ބާންލީން ޕްރިމިއާ ލީގުގެ ޕްރޮމޯޝަން ޔަގީންކޮށްފިއެވެ.

ސީޒަނެއްގެ މެދުކެނޑުމަކަށްފަހު ބާންލީން އަނެއްކާވެސް ޕްރިމިއާ ލީގަށް އެނބުރި އައިސްފައިވާ އިރު، އެޓީމުން ޕްރޮމޯޝަން ޔަގީންކުރީ ރޭ މިޑްލްސްބްރާއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ.

ބާންލީން މިދިޔަ އަހަރުގެ ނޮވެމްބަރަށްފަހު ލީގުގައި ބަލިވެފައިނުވާ އިރު، ރޭގެ މެޗުގެ ކުރީކޮޅުގައި އެޝްލީ ބާންސް ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ. އެ ގޯލާއެކު ބާންލީން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ މިޑްލްސްބްރާއިން ދެވަނަ ހާފަށް ނުކުމެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ޗެމްޕިއަންޝިޕްގެ މިވަގުތު އެންމެ ގިނަ ގޯލު ޖަހައިފައިވާ މިޑްލްސްބްރާގެ ޗޫބާ އަކްޕޮމް އެޓީމަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުންނެވެ. އެ ގޯލާއެކު މެޗު ފޯރިގަދަވެފައި ވަނިކޮށް، ބާންލީއަށް މޮޅުވި ގޯލު ޖަހައިދިނީ ކޯނޯ ރޮބާޓްސްއެވެ. އެ ގޯލާއެކު ކުޅުންތެރިންނާއި ކޯޗު ކޮމްޕެނީގެ ފަރާތުންވެސް އުފާފާޅުކުރުންތައް ފެނިގެން ގޮސްފައިވާ އިރު، ބާންލީގެ ބައެއް ސަޕޯޓަރުންވެސް ވަނީ ދަނޑަށް އަރައިފައެވެ.

ބާންލީއަށް މިހާތަނަށް ލީގުގައި ކުޅުނު 39 މެޗުން 87 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް 39 މެޗުން ލިބިފައި ވަނީ 76 ޕޮއިންޓެވެ. ބާންލީއަށް ބާކީ ލީގުގައި ހަތް މެޗު އޮތް އިރު، ދެވަނަ ޑިވިޝަނުގެ ތަށި ޔަގީންކުރަން އެޓީމަށް ބޭނުންވަނީ 11 ޕޮއިންޓެވެ. އެ ހަތް މެޗުން 13 ޕޮއިންޓް ހޯދައިފިނަމަ، ބާންލީ ވަނީ 2013-14 ވަނަ އަހަރަށްފަހު 100 އަށްވުރެ ގިނަ ޕޮއިންޓުން ލީގު ޔަގީންކުރާ ފުރަތަމަ ޓީމަށެވެ.