ބަދުރު ހަނގުރާމައިގެ ހާދިސާއިން އަންގައިދެނީ ދީނަށްޓަކައި ވާންޖެހޭ ގުރުބާނީގެ މަތިވެރިކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ބަދުރު ހަނގުރާމައިގެ ފިލާވަޅުތައް" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ ރަމަޟާންމަހަކީ އިސްލާމްދީނުގެ ހިދާޔަތު ފާޅުކުރައްވައި ހައްގާއި ބާތިލު ވަކިކޮށްދެއްވި ފޮތް, ކީރިތި ގުރުއާން ބާވައިލެއްވި މަސް ކަމަށާއި އެ މަހަކީ ޝިރުކާއި ކުފުރާއި ޖާހިލިއްޔަތުގެ އަހުލުވެރިންގެ މައްޗަށް ހަނގުރާމައިގެ މައިދާނުގައި ހައްގަށް ނަސްރުދެއްވި ބަދުރު ހަނގުރާމަ ހިނގި މަސް ކަމަށެވެ.

ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިގެ މަތިވެރި ނަސްރުން ލިއްބައިދޭ ފިލާވަޅަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާ ދެންނެވުން ކަމަށާއި އެގޮތުން އެ ހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ހިނދު ކީރިތި ރަސޫލާ ދެ އަތްޕުޅު އުފުއްލަވައި މާތްﷲ ގެ ހަޒްރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުއާ ކުރައްވަމުން ގެންދެވި ކަމަށެވެ.

"ހަނގުރާމައަށް ތައްޔާރުވަމުން ދިޔަހިނދު ކީރިތި ރަސޫލާ ދެއަތްޕުޅު ހިއްލަވާ ﷲގެ ހަޒުރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުއާ ކުރައްވަމުން ގެންދެވިއެވެ،" ހުތުބާގައި ބުންޏެވެ.

އެހިނދު މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ތިޔަބައި މީހުންގެ ވެރި ރަސްކަލާންގެ ހަޒްރަތަށް އެހީއަށް އެދި ތިޔަބައި މީހުން ދެންނެވި ހިނދު ހަނދުމަކުރާށެވެ! ފަހެ އެހިނދު އެކަލާންގެ ތިޔަބައި މީހުންނަށް އިޖާބަ ދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ތެރެއިން ހާހަކުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެއްބޭކަލަކަށް ފަހު އަނެއް ބޭކަލެއް ވަޑައިގަންނަވާ ގޮތުގައެވެ،"

ހުތުބާގައި އިތުރަށް ބުނީ ބަދުރު ހަނގުރާމައިން ދަސްކޮށްދެނީ ނަސްރު ލިބޭނީ އެންމެން އެކަތިގަނޑަކަށްވެ، މާތްﷲ ގެ ދީނުގައި ހިފަހައްޓައިގެން ކަމަށާއި ބައިބައިވުމާއި ވަކިވުމުގެ ނުރައްކާތެރިކަން އެ ހަނގުރާމައިން ދަސްކޮށްދޭ ކަމަށެވެ. އަދި ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމަށާއި އެއީ ފަހަރެއްގައި ވެސް ލަޝްކަރުގެ ބައިބޯކަމާއި ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމަށް ހުތުބާގައި ބުންޏެވެ.

ބަދުރުގެ ނަސްރުން އިބުރަތް ހާސިލުކޮށް އިސްލާމް ދީނުގެ ދިފާއުގާ ކުރަން ޖެހިއްޖެ ކޮންމެ ކަމަކާ ކެރިގެން ކުރިމަތިލުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަދި ރަސޫލާގެ ހައްގުގައި ވާންޖެހިއްޖެ ގުރުބާނީއަކަށް ފަސް ނުޖެހުމަށާއި ކެތްތެރިކަމާއި، ތަގުވާވެރިކަމާއި، އެކުވެރިކަމާއެކު ސީދާ މަގުގައި ދެމިތިބުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.