އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ކެމިކަލްތަކާއި ސިއްހަތައް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމަށާއި، ގުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މި ހިތާބުގައި ރައީސް ވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރާ މުނާސަބާ އިއްތިފާގުވެފައިވާ އަނެއް މުނާސަބަތަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް 75 އަހަރު ފުރުންކަން ފާހަގަކުރައްވައި، ފާއިތުވި 75 އަހަރުގެ ތެރޭގައި، އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ހުރިހާ ދިވެހިންގެ ނަމުގައި އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ހިތާބުގައި ރައީސް ވަނީ މިއަހަރުގެ ސިއްހަތު ދުވަހަށް، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ "ސިއްހަތު އެންމެނަށް"، މި ޝިއާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ އާންމު ސިއްހަތުގެ ދާއިރާއާ ވަރަށް ގުޅުންހުރި ޝިއާރެއްކަން ފާހަގަކުރައްވައިފައެވެ. އަދި ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މި ހޭދަވި މުއްދަތުގެ ތެރޭގައިވެސް، އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އާންމު ސިއްހަތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާ އިރު، އާންމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާ އިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން ކަމަށާއި މިފަދަ ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ، ސިއްހީ ހިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު