(31 މާޗުގެ އަދަދާ ގުޅޭ)
އެ މައިދާނަކީ ރަސްމީ މަހާސަމާތަކާއި ކުޅިވަރު މުބާރާތްތަކާއި ހަފްތާ ބާޒާރުތައްވެސް ބޭއްވި ތަނެކެވެ. ޢުޘްމާނީ ދައުލަތުގެ ދުވަސްވަރު ޔުނިޗަރީ ސިފައިން ދައުލަތުގެ އެކިބާރުތަކާ ދެކޮޅަށް ހިންގި ޙަރަކާތްތަކުގެ މަރުކަޒަކީވެސް އެ މައިދާނެވެ. އެ މައިދާނުގައި އިރުންވަގުތުބަލާ ގަޑިތަކާއި އެނޫންވެސް އާސާރުތައް ބަހައްޓައިފައި ހުއްޓެވެ. އެ މައިދާނުގައި ކުޅިބަލާ މީހުން އިށީނދެގެންތިބެ ކުޅިބަލަން ޢިމާރާތްކޮށްފައިހުރި ބޮޑު ޢިމާރާތް މިހާރަކު ނެތެވެ. އެ ޢިމާރާތް ރޫޅައިލި ދުވަސްވަރެއް އަޅުގަނޑަކަށް ހޯދިފައެއް ނެތެވެ. ތެދަކީ ހޯދާކަށެއް މަސައްކަތެއްވެސް ނުކުރެވެއެވެ. އަޅުގަނޑުގެ ޢާންމު އަންދާޒާއަކީ އެތަން ރޫޅައިލެއްވީ سـلطـــان أحمــد ކަމެވެ. އެ ސަރަޙައްދު އަލުން ޕްލޭންކުރައްވައި ރީތިކުރެއްވުމުގެ ތެރޭގައެވެ. އެ މައިދާނުގައިހުރި އާސާރީ ތަކެއްޗާއި ތަންތަނުގެ ތެރެއިން ބައެއް ތަންތަންވަނީ ވީރާނާވެގޮސްފައެވެ. ބައެއް ތަކެތިވަނީ އިސްތަންބޫލުގެ އެކިދިމަދިމާޔަށް ބަދަލުކޮށްފައެވެ. އަޅުގަނޑުގެ ހިތަށްއެރިއެވެ. ކަޅުވަކަރު މިސްކިތް ތަނެއްގައި ހަރުނުލާކަމީވެސް އާކަމެއް ނޫންތާއެވެ. އެ މައިދާނުގައި ކުރީން ބަހައްޓައިފައިހުރި އާސާރުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުގޮތެއްގައި އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ޚާއްޞަ ތިންތަނބެކެވެ. އެ ތިންތަނބުގެ ވާހަކަޔަށް ކުރުގޮތަކަށް ބަލައިލާނަމެވެ. ޙަޤީޤަތަކީ ހިޕޯޑްރޯމް ނުވަތަ މައިދާން ސާބިޤުލްޚައިލި ނުވަތަ ލާތު މައިދާން ބަލާކަށެއްވެސް އަޅުގަނޑުމެންނަކަށް އެކަށީގެންވާ ވަރަކަށް ވަގުތެއް ނުދެވުނެވެ. އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމް ދުވަހުގެ ޕްރޮގްރާމަށް ފައްތާންވެގެން އެ މައިދާނުގެ ތެރެއިން އަޅުގަނޑުމެންނާއިގެން ދިޔައީ "މެކުހަށް" ޖަހައިފައެވެ.
ތިއޮޑޯސިޔަސްގެ އޮބެލިސްކަކީ ޤަދީމީ މިސުރުގައި ބިނާކުރި އޮބެލިސްކެކެވެ. ނުވަތަ ތަނބެކެވެ. މި އޮބެލިސްކު ބިނާކުރިއިރު އޭގެ ބަރުދަނަކީ ގާތްގަނޑަކަށް ތިންސަތޭކަ ޓަނެވެ. ދިގުމިނަކީ 32.5 މީޓަރެވެ. މި އޮބެލިސްކުގެ ފުލުން މިހާރުވަނީ ގާތްގަނޑަކަށް ސާޅީސް އިންސައްތަ ބުރިކޮށްފައެވެ. އުފުލައި ކޮޅަށްޖަހައިހަދަން ފަސޭހަކުރުމަށްޓަކައެވެ. މިހާރު މިތަނބުގެ ދިގުމިނަކީ ގާތްގަނޑަކަށް ވިހި މީޓަރެވެ. މި ތަނބު ހަދައިފައިވަނީ ފިނިފެންމާކުލައިގެ ގްރެނޭޓުންނެވެ. މި އޮބެލިސްކުގެ ވަށައިގެންވަނީ މިސުރުގެ ރަސްގެފާނު މަކްތޮމުސިސްގެ ކާމިޔާބީތަކުގެ ވާހަކަ ބިންވަޅުކަނޑައި ނަގައިފައެވެ. ތަނބުގެ މަތީބައިގައި ފިރްޢައުނާއި އާމޫން (މިސުރު މީހުންގެ ކަލާނގެއެއް) ގެ ސޫރަ ކުރަހައިފައިވެއެވެ. އަދި ހިލިއޯގްރެފިކް ލިޔުމުން ހޫރަސްކިޔާ ދޫންޏެއް ކުރަހައިފައިވެއެވެ. ހަމައެފަދައިން އިންސާނީ ސޫރަތަކެއްވެސްވަނީ ކުރަހައިފައެވެ.
މި ތަނބު ނިސްބަތްވަނީ މިސުރުގެ ފިރުޢައުނެއްކަމުގައިވާ ތުޓުމޯސް ތިންވަނައަށެވެ. އޭނާ ހަތަރު އަރިޔަށް ބިނާކުރި މި ތަނބު ބިނާކުރިކަމުގައި ބެލެވެނީ عـيســـى ގެފާނުގެ މީލާދުގެ 1430 ވަރަކަށް އަހަރު ކުރީންނެވެ. ބައިޒެންޓެއިން ރޯމަން އަމްބަރާޠޫރު ޤުސްޠަންޠީން (ދެވަނަ) އެ ތަނބު ހުރިތަނުން ނަންގަވައިގެން މިސުރުގެ އިސްކަންދަރިއްޔާއަށް ގެންދެވިއެވެ. އޭނާއަށްފަހު ބައިޒެންޓެއިން އަމްބަރާޠޫރު ތިއޮޑޯސިޔަސް (އެއްވަނަ) މި އޮބެލިސްކު އިސްކަންދަރިއްޔާއިން ނަންގަވައިގެން އިސްތަންބޫލަށް ގެންނެވިއެވެ. އެއީ މީލާދީން 390 ގައެވެ. އޭނާ އެ އޮބެލިސްކު ބެހެއްޓެވީ އިސްތަންބޫލުގެ ހިޕޯޑްރޯމްގައެވެ. އާދެ، މިހާރުގެ سـلطـــان أحمــد މައިދާނުގައެވެ.
އަމްބަރާޠޫރު ތިއޮޑޯސިޔަސް ހިޕޯޑްރޯމުގައި މި ތަނބު ބެހެއްޓެވިއިރުވަނީ ތަނބު ބަހައްޓަވަން ސަންގުމަރުމަރު ހިލައިން ވަރުގަދަ ބުޑެއް ހައްދަވައިފައެވެ. އެބުޑުގެ ހަތަރުފަރާތުގައިވެސް ހިޕޯޑްރޯމުގެ ނަގްޝާ ކަނޑައިނަގައިފައިވެއެވެ. އަމްބަރާޠޫރުގެ ތަސްވީރުވެސް ކަނޑައިނަގައިފައި ހުރެއެވެ. ހަމައެފަދައިން މުބާރާތެއް ފެށުމުގެކުރީން ނަށާން ތައްޔާރުވެގެންތިބި އަންހެންކުދީންތަކެއްވެސް ކުރަހައިފައިވެއެވެ. އަމްބަރާޠޫރު އެކި މުނާސަބާގައި އިނާމު ދެއްވާއިރު ވިދާޅުވާ ޢިބާރާތްވެސް ލިޔެފައިވެއެވެ. މީގެއިތުރަށްވެސް ގްރީކު ބަހާއި ލެޓިން ބަހުގެ ލިޔުންތައް ހުރެއެވެ.
ވޯލްޑް / މޭސަންރީ އޮބެލިސްކަކީ ބައިޒެންޓެއިން ދައުރުގައި އިސްތަންބޫލުގައި ބިނާކުރި ތަނބެކެވެ. އެތަނބު ބަހައްޓައިފައިވަނީ ހިޕޯޑްރޯމްސްގައެވެ. މި އޮބެލިސްކަށް "ކޮންސްޓެންޓިންގެ އޮބެލިސްކު" އެވެ ވެސް ކިޔައެވެ. އެއީ އަމްބަރާޠޫރު ޤުސްޠަންޠީން (ހަތްވަނަ) އަށް ނިސްބަތްކޮށެވެ. ނަމަވެސް މި އޮބެލިސްކު ބިނާކުރެވުނީ އޭނާގެ ދުވަސްވަރަށްވުރެ މާކުރީންނެވެ. މި އޮބެލިސްކު ބިނާކުރެވުނު ތާރީޚެއް އެނގޭކަށެއް ނެތެވެ.
މުއައްރިޚުން ލަފާކުރައްވާގޮތުގައި މި އޮބެލިސްކު ބިނާކުރެއްވީ އަންބަރާޠޫރު ތިއޮޑޯސިޔަސް (އެއްވަނަ) އެވެ. މީލާދީން ދިހަވަނަ ސައްތަޔާއި އެގާރަވަނަ ސައްތައިގައި މުސްލިމުން މި އޮބެލިސްކަށް ރަންވަންލޯ ޓަވަރެވެ ކިޔައިފައިވެއެވެ. އެއީ ޤުސްޠަންޠީން (ހަތްވަނަ) އެތަނބު މަރާމާތުކުރެއްވިއިރު ތަނބުގެ ބޭރުގައި ރަންވަންލޮއިގެ ފަށަލައެއް ލައްވައިފައި ވާތީއެވެ.
ހަރުފަ ތަނބަކީވެސް ބައިޒެންޓެއިން ރޯމަނުން ބެހެއްޓި ތަނބެކެވެ. އެތަނބަކީ ޔޫނާނީން ދީނީ ޤުރްބާންތައް ކުރުމަށް ޑެލްފީންގެ އަބޫލޫން ފައްޅި ކައިރީގައި ބިނާކުރި "ސެކްރިފިޝަކް ޓްރައިފޮޑު" ގެ ތިން ތަނބުގެ ތެރެއިން އެއްތަނބެވެ. މީލާދީން 324 ގައި މިތަނބު ޑެލްފީނުން އިސްތަންބޫލަށް ގެންނެވީ އަންބަރާޠޫރު ޤުސްޠަންޠީން އަޢުޡަމެވެ.
ބްރޯންޒުން ހަދައިފައިވާ މިތަނބު ހިޕޯޑްރޯމްގައި ބެހެއްޓި މުނާސަބާއެއްކަމުގައި ބުނެވެނީ މީލާދީން 479 ގައި ބަލާތިޔާ މަޢުރިކާގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމައިގައި ޔޫނާނީންނަށް ފާރިސީންގެ މައްޗަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ މުނާސަބާއެވެ. މިތަނބުން ފެންނަނީ ވަރުގަދަ ތިން ހަރުފައެއް ތަނބުގެ ވަށައިގެން އޮޅަމުން އޮޅަމުން މައްޗަށްއަރައި ތަނބުގެ މަތީން ބޯހިއްލައިލާ މަންޒަރެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނުނު ތަނބުގައި އޮޅައިލައިފައިހުރި ހަރުފަތަކުގެ ބޮލެއްނެތެވެ. ބުނެވޭގޮތުގައި އެތިން ހަރުފައިގެ ތެރެއިން އެއްހަރުފައިގެ ބޯ ހަލާކުކޮށްލެއްވީ سـلطـــان محمّـــد الــفــاتــــح އެވެ. އެމަނިކުފާނު އިސްތަންބޫލު ފަތަޙަކުރެއްވި ދުވަހު އެމަނިކުފާނުގެ ގުރުޒުކޮޅުން ޖައްސަވައެވެ. ކުރީންވެސް ދެންނެވި ފަދައިން މިހާރު އެތިން ހަރުފައިގެ ތެރެއިން އެއް ހަރުފައިގެވެސް ބޮލެއް ނެތެވެ. ތުރުކިޔޭގެ ދާރުލްއާސާރުތަކުގައި އެ ބޯތައް އެބަހުރިކަމުގައި ބުނެވެއެވެ.
إبــــراهــيـــــم بــاشــا ގެ ގަނޑުވަރު ހުންނަނީ سـلطـــان أحمــد މައިދާނުގެ އަނެއްފަރާތުގައެވެ. މައިދާނާ އިންވެގެން މައިދާނުގެ ކައިރީގައެވެ. جــامــــع سلطـــان أحمــد އާ ކުރިމަތިވާ ގޮތަށެވެ. މިހާރު އެގަނޑުވަރަކީ ޓާކިޝް އެންޑް އިސްލާމިކް އާޓްސް މިޔުޒިޔަމެވެ. މިގަނޑުވަރަކީ ޢުޘްމާނީ ދައުލަތުގެ އެންމެ ޝާންޝައުކަތުހުރި އެއްރަސްކަލެއްކަމުގައިވާ سـلطـــان ســليمــان الــقــانـــونــــــى (ســليمــان أعـظـــــم ނުވަތަ ســليمــان عــالـيـشـــان) އެމަނިކުފާނުގެ ލޯބިފުޅުވާ އެކުވެރިޔާ إبــــراهــيـــــم بــاشــا އަށް ދެއްވި ގަނޑުވަރެކެވެ. ســليمــان أعـظـــــم، إبــــراهــيـــــم بــاشــا އަށް މިގަނޑުވަރު ދެއްވީ މީލާދީން 1520 ގައެވެ. އޭރު إبــــراهــيـــــم بــاشــا ހުންނެވީ ޢުޘްމާނީ ދައުލަތުގެ وزيـــــرالأعـظـــــم ގެ މަޤާމުގައެވެ.
سـلطـــان ســليمــان أعـظـــــم، ولــــى عــهـــد އެއްގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނާއި إبــــراهــيـــــم بــاشــا އާ ދެބޭފުޅުންނަކީ ވަރަށް އަރިސް ދެބޭފުޅުންނެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކުދެކެ ވަރަށްބޮޑަށް ލޯބިފުޅުވާ ދެބޭފުޅުންނެވެ. ދެބޭފުޅުންގެ މެދުގައި ގުޅުންތައް އޮންނަލެއް ވަރުގަދަކަމުން ســليمــان ގެ އަނބިކަނބަލުން އެކަމާ ހިތްޕުޅާނުވާގޮތްވެސްވެއެވެ. މުސްތަޤްބަލުގައި ނަގައިފާނެ ޠޫފާނީ ވިލައެއްގެ މޭގަ އޭރުވެސް އެކަމަނާ ދެކެވަޑައިގަންނަވަނީކަމުގައި ވެދާނެއެވެ. ســليمــان أعـظـــــم ގެ ދައުރުގައި ތުރުކިޔޭގައި އެންމެބާރުގަދަ ޝަޚްޞިއްޔަތަކީ إبــــراهــيـــــم بــاشــا އެވެ. ނަމަވެސް ދެބޭފުޅުންގެ މެދުގައިވާ ގުޅުން ގޯސްވެ އެންމެފަހުގެ ނަތީޖާއަކަށްވީ سـلطـــان ســليمــان أعـظـــــم ގެ އަމުރުފުޅަށް މީލާދީން 1536 ގައި إبــــراهــيـــــم بــاشــا އަވަހާރަކޮށްލެވުމެވެ.
ތެދުފުޅެކެވެ. އަޅުގަނޑުމެން قـصـــر إبــــراهــيـــــم بــاشــا އަށް މިދަނީ ޓާކިޝް އެންޑް އިސްލާމިކް އާޓް މިއުޒިޔަމް ބެލުމުގެ މުހުތާދުގައެވެ. إبــــراهــيـــــم بــاشــا ގެ ތާރީޚު ހޯދާކަށެއް ނޫނެވެ. އެކަމަކުވެސް إبــــراهــيـــــم بــاشــا އާއި سـلطـــان ســليمــان الأعـظـــــم (ســليمــان قــانـــونــــــى) ގެ ގުޅުމާ ބެހޭގޮތުން ހިސާބެއްގެ އަލިކަމެއް އަޅުވައިލުމަކީ އަޅުގަނޑުގެ ލިޔުންތައް ވިދާޅުވާ ބޭފުޅުންކުރެ ބައެއް ބޭފުޅުން ޝައުޤުވެރިވެވަޑައިގަންނަވާ ކަމަކަށް ވެދާނެއެވެ. إبــــراهــيـــــم بــاشــا އާ ބެހޭގޮތުން އެހެން ފުރުޞަތެއްގައި އެއްޗެއް ލިޔުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތެވެ. އެހެންކަމުން ކުޑަނަމަވެސް މަޢުލޫމާތުކޮޅެއް ހިމަނައިލައިފައި ކުރިޔަށްދާނަމެވެ.
سـلطـــان ســليمــان أعـظـــــم ގެ އަރިސްބޭފުޅެއްކަމުގައިވާ إبــــراهــيـــــم بــاشــا އަކީ މީލާދީން ފަނަރަވަނަ ސައްތައިގެ ފަހުކޮޅުގައި އިޕީރަސް Epirus ގެ ރަށެއްކަމުގައިވާ ޕަރުޣާ Parga ގެ ޢީސާއީ ދެމަފިރިޔަކަށް ލިބުނު ކުއްޖެކެވެ. އޭނާގެ ޒުވާން ޢުމުރުގެ ކުރީކޮޅުގައި އިސްލާމީ މުޖާހިދެއް އޭނާ ހަނގުރާމައިގެ އަސީރަކަށް ހެއްދެވިއެވެ. އަޅުކުއްޖެއްގެ ގޮތުގައި އޭނާ ގެނެވުނީ ހުމާޔޫނީ ޕެލަހަށެވެ. އެއީ سـلطـــان سـلــيــم أوّل ގެ ރަސްކަމުގެ ދުވަސްވަރެވެ. އަދި އެއީ ޝެހެޒާދާ ســليمــان އަމްޣީޝިޔާގެ صــارو خــــان ގެ ވާލީއަކަށް (ގަވަރނަރ ޖަނަރަލަކަށް) ހުންނެވި ދުވަސްވަރެވެ. إبــــراهــيـــــم ހިމެނިވަޑައިގެންނެވީ ســليمــان ގެ އަރިސް ޚާދިމުންގެ ތެރެއިންނެވެ. إبــــراهــيـــــم ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި ޒުވާން ولــــى عــهـــد ގެ އަރިހުން ޚާއްޞަ މަޤާމެއް ހޯއްދަވައިފިއެވެ. އޭނާގެ ރީތި އަޚްލާޤާއި އޭނާ މިޔުޒިކަށްހުރި ކުޅަދާނަފުޅުކަމުގެ ސަބަބުންނެވެ. މީލާދީން 1520 ވަނަ އަހަރު ســليمــان ތަޚްތަށް އިސްވެވަޑައިގެންނެވުމާއެކު ޝާހީ ކޮޓަރިކޮޅުގެ ފާރަވެރިކަން إبــــراهــيـــــم އަށް ދެއްވައިފިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ދަރުބާރުގެ ފާރަވެރީންގެ ވެރިކަންވެސް ދެއްވައިފިއެވެ.
سـلطـــان ســليمــان أعـظـــــم، إبــــراهــيـــــم بــاشــا އަށް ބޮޑުވަޒީރުކަން ދެއްވީ 13 ޝަޢުބާން 1929ހ. (27 ޖޫން 1523މ.) ގައެވެ. ހަމައެދުވަސްވަރު އޭނާއަށް ރުމެއިލިއާ (Roumelia) ގެ ގަވަރުނަރުކަންވެސް ދެއްވައިފިއެވެ. إبــــراهــيـــــم بــاشــا އެމަޤާމުތަކުގައި ތޭރަވަރަކަށް އަހަރު ހުންނެވިއެވެ. އެމުއްދަތުގެ ތެރޭގައި އޭނާވަނީ އޭގެކުރީންވެސް އަދި އޭގެފަހުންވެސް ރަސްކަލެއްގެ އަރިހުން ބޮޑުވަޒީރަކަށް ލިބިވަޑައިނުގަންނަވާފަދަ ޞަރީޙު އިތުބާރެއް ހޯއްދަވައިފައެވެ. سـلطـــان ســليمــان ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޝާހީ އިޚްތިޔާރުތަކުގައި إبــــراهــيـــــم بــاشــا ފުރިހަމަޔަށް ބައިވެރިކުރައްވައިފައެވެ. ދައުލަތުގެ ޚާއްޞަ އިމްތިޔާޒީ ނިޝާނެއްކަމުގައިވާ سـلطـــانــــى ގެ ޝަރަފުވެސް ދެއްވައިފައެވެ. ޠަބަލްޚާނާ (ޢަސްކަރީ ނާބުސްޚާނާ) އިން އެއްވެސްކަހަލަ ބެރެއްޖެހޭނީ إبــــراهــيـــــم بــاشــا ގެ ޚާއްޞަ ހުއްދައާ އެކުގައެވެ. سـلطـــان ســليمــان ހަމައެއާއެކު "މައުކިބު ސުލްޠާނީ" (ޝާހީ ހަށިފާރަވެރީން) ގެ ދެބައިކުޅައެއްބައިވެސް إبــــراهــيـــــم بــاشــا އާ ޙަވާލުކުރެއްވިއެވެ. ދުވަސްކޮޅެއްގެފަހުން ޢުޘްމާނީ ލަޝްކަރުތަކުގެ ކޮމާންޑަރ އިން ޗީފުކަންވެސް ދެއްވައިފިއެވެ.
ޢުޘްމާނީ ލަޝްކަރުތަކުގެ އެންމެ އިސްކޮމާންޑަރެއްގެ ހައިސިއްޔަތުން އޭނާ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. ދައުލަތުގެ އިންތިޒާމީ ދާއިރާގައިވެސް އޭނާގެ ޚިދުމަތް ގިނަގުނައެވެ. سـلطـــان ســليمــان أعـظـــــم، إبــــراهــيـــــم بــاشــا އަށް ދެއްވި އިތުރު އިޚްތިޔާރުތަކާއި إبــــراهــيـــــم بــاشــا ކުރެއްވި މަސައްކަތްޕުޅުތަކުގެ ތަފްސީލުގެ ތެރެޔަށް އަޅުގަނޑު ދާންވެއްޖެ ކަމުގައިވާނަމަ އަޅުގަނޑުގެ މިލިޔުން ބަދަލުވާނީ ســليمــان أعـظـــــم ގެ ތާރީޚަކަށެވެ. އެހެންކަމުން ލިޔަންޖެހޭ ވާހަކަތަކުގެ ގިނަކަމުން އެވާހަކަތައް ކުރުކޮށްލަމެވެ.
ކޮންމެއަކަސް إبــــراهــيـــــم بــاشــا ގެ އާރާއި ބާރާއި ޝާނާއިޝައުކަތުގެ އިރު މެދުޖެހުނުއިރު އޭނާގެ ކާމިޔާބީތަކާއި سـلطـــان ســليمــان أعـظـــــم ގެ އޯގާވެރިކަމާއި ބަހައްޓަވާ އިތުބާރުގެ ސަބަބުން إبــــراهــيـــــم بــاشــا އަށްވަނީ އޭނާގެ މަޤާމު އޮޅިވަޑައިގެންފައެވެ. ކިބުރުވެރިކަމާއި ބޮޑާފުޅުކަމުގެ ސުންޕާ ވަބާ އިމަށްޖެހިވަޑައިގެންފައެވެ. އެފަދައިން ކަންވެފައިވަނިކޮށް إبــــراهــيـــــم بــاشــا އެއްދުވަހެއްގެ ހަވީރު ރަސްކަމުގެ ގަނޑުވަރަށް ވަޑައިގެންނެވުމުން سـلطـــان ســليمــان أعـظـــــم ސިފައިންނަށް އަމުރުކުރެއްވީ إبــــراهــيـــــم بــاشــا ގެ ކަނދުރާފުޅު އަނބުރާލައި އަވަހާރަކޮށްލުމަށެވެ. ބޭރުފުށުން ފެންނަ ޚާއްޞަ ސަބަބެއްނެތެވެ. ހަމަ އެވަގުތު އެ އަމުރުފުޅު ތަންފީޒުކުރެވިއްޖެއެވެ. އެއީ 22 ރަމަޟާން 1942 (15 މާޗް 1536) އެވެ. އޭނާ ވަޅުފުޅުލެވުނީވެސް ސިއްރުގޮތެއްގައެވެ. ބުނެވޭގޮތުން ވަޅުފުޅުލެވުނީ ހަތިޔާރު ގުދަނުގެ ކައިރީގައެވެ. އާކު މައިދާނުގެ (Okmeidan ގެ) އައްސޭރިފަށުގައެވެ.
މުއައްރިޚުން ބަޔާންކުރައްވާގޮތުގައި إبــــراهــيـــــم بــاشــا ގެ މަތީ މަޤާމުތަކަށާއި ޖާހަށް ފެންބޮވައިވަޑައިގަތުން އެންމެފަހުން އޭނާ ރަސްކަން ފިކުރުލައްވާ ހިސާބަށް ގެންދިޔައީއެވެ. އެކަމުގެ ޞަރީޙު ހެކިތައްވަނީ سـلطـــان ســليمــان أعـظـــــم އަށް ލިބިވަޑައިގެންފައެވެ. ޚުދު إبــــراهــيـــــم بــاشــا ގެ ރަވައްޔާތަކުންވެސް އެވާހަކަތައް ފުރިހަމަޔަށް ތަޞްދީޤު ކުރެވެއެވެ. ޙަޤީޤަތަށް އިޢުތިރާފުވެ ދަންނަވާނަމަ سـلطـــان ســليمــان أعـظـــــم ގެ އިތުބާރުހުރި އަދި ސިއްރުވެރި ރަޙްމަތްތެރިޔާގެ ހިތްޕުޅުގައި މިފަދަ އެދުމެއްގެ އޮށް އިންދި ގަސްފަޅައި ހެދިބޮޑުވުމުގެ ޒިންމާ ޚުދު ســليمــان أعـظـــــم ގެ އިސްތަށިފުޅުގައިވެސް އަޅުއްވާންޖެހެއެވެ.
ކޮންމެއަކަސް إبــــراهــيـــــم بــاشــا އަކީ ތުރުކިޔޭގެ ތާރީޚުގައި ވަރަށްބޮޑަށް މަޝްހޫރު ބޭފުޅެކެވެ. އޭނާ ބިނާކުރެއްވި އެތަކެއް މިސްކިތްތަކާއި ކިޔަވާކުދީންނަށް ކާންދޭ ބަދިގެތަކާއި ދާލަންތަކާއި ފެނުގެ މަގުތަކާއި މިފަދަ ޢާންމު ފައިދާލިބޭ ތަންތަނުގެ ސަބަބުންނެވެ. އިސްތަންބޫލާއި މުޅި ތުރުކިޔޭގައިވެސް އެފަދަ ތަންތަން ވަރަށްގިނައެވެ. (ދާއިރަތުލްމަޢާރިފު އުރުދޫ ޕަންޖާބު ޔުނިވަރސިޓީ، ވޮލިއުމް: 1، ޞަފުޙާ 368-367)
ދެން އަނެއްކާވެސް އަސްލު މައިގަނޑު ނަމާ ދިމާޔަށް އެނބުރިގަންނަމެވެ. އާދެ، إبــــراهــيـــــم بــاشــا އަވަހާރަވުމުން އޭނާގެ ގަނޑުވަރު ބަދަލުވީ ތުރުކިޔޭ ލަޝްކަރުގެ އެއްވަނަ ފައުޖުކަމުގައިވާ ޔުނިޗަރީ ސިފައިންގެ މައިމަރުކަޒަކަށެވެ. އެ ޢިމާރާތުގައި ބޭރުގެ އެމްބަސީއެއް ހިންގި ދުވަސްވަރަކާއި ފަހާ ފެކްޓަރީއެއް ހިންގި ދުވަސްވަރަކާއި ޖަލެއްގެ ގޮތުގައި ބޭނުންކުރި ދުވަސްވަރެއްވެސް ތާރީޚުވަނީ ދެކެފައެވެ. އޭގެފަހުން އެތައް ޒަމާންތަކެއްވަންދެން މަރާމާތުކުރުމެއްނެތި ވީރާނާވާން ދޫކޮށްލައިފައިވެސް ހުއްޓެވެ. އެއަށްފަހު 1970 ވަނަ އަހަރުވަނީ މިގަނޑުވަރު އަލުން އާބާތުރަ ފިލުވައި މަރާމާތުކޮށްފައެވެ. މަރާމާތަށްފަހު މިގަނޑުވަރަށް ބަދަލުކުރީ ޖަރުމަނާއި ތުރުކިޔޭގެ ދާރުލްއާސާރުގެ ބައިތަކެވެ. މިހާރު މިގަނޑުވަރަކީ ކުރީންވެސް ދަންނަވައިފައިވާ ފަދައިން ތުރުކިޔޭއިންނާއި މުސްލިމުންގެ އާޓުގެ ވަރަށް މުހިންމު މިއުޒިޔަމެކެވެ. ޞަޙާބީންގެ ބައެއް ބޭކަލުންގެ ކަނޑިކޮޅުތަކާއި އެނޫންވެސް ބަޔެއް އެއްޗެހިކޮޅު އެތާނގައި އެބަހުއްޓެވެ. ޞަޙާބީންގެ ދައުރުގައްޔާއި ހިޖްރީ އެއްވަނަ ޤަރްނުގައި އަތުން ލިޔެފައިހުރި ކީރިތި ޤުރްއާނުގެ ވަރަށްގިނަ ނުސްޚާތައްވެސް އެބަހުއްޓެވެ. ތުރުކިޔޭއިންގެ މަސައްކަތްތެރިކަމާއި އާދަކާދަ ދައްކައިދޭ ކޮޓަރިތައްވެސް އެބަހުއްޓެވެ. ހިލަޔާއި ލަކުޑިއާއި އެހެނިހެން ބާވަތްތަކުން ހަދައިފައިހުރި ވަރަށްރީތި ކަވި މަސައްކަތްތައް ފެންނާން އެބަހުއްޓެވެ.
މި ދާރުލްއާސާރަކީ މިހާރު ވަރަށް ފަޚުރުވެރި ތާރީޚެއްއޮތް ތަނެކެވެ. އީ.ޔޫ. އިން އާސާރީ މަރުކަޒުތަކަށްދޭ އެންމެ އަގުހުރި އިނާމު ދެފަހަރެއްގެމަތީން މި މަރުކަޒުން ވަނީ ހޯދައިފައެވެ. އެއީ 1984 ވަނަ އަހަރާއި 1985 ވަނަ އަހަރުއެވެ. އެ ދާރުލްއާސާރުގައި ރައްކައުކޮށްފައިހުރި އާސާރުތަކުގެ އަގުބޮޑުކަމާއި ނާދިރުކަމުގެ ސަބަބުންނެވެ. އެފަދަ ތަކެތީގެ ތެރޭގައި އަނާތޫލިއްޔާގެ އަތުމަސައްކަތުގެ ތެރޭގައި ހިމެނޭ ބިންވަޅު ކަނޑައިފައިވާ ތަކެއްޗާއި ބިންވަޅުނަގައި ކުރަހައިފައިވާ ތަކެތި ހިމެނެއެވެ. އެ މިއުޒިޔަމް ނުވަތަ އާސާރުގައި އޮތް އެންމެ އަގުބޮޑު އެކައްޗަކީ "އަލްބަސްޠުއްތުރުކިއްޔާ" (ތުރުކިޔޭގައި ވިދާ ދޫލައިގެ މޮޅު ދޫލައެއް) އެކެވެ.
قــصـــــر إبــــراهــيـــــم بــاشــا ގެ މެދުތެރޭގައި ވަރަށް ޚާއްޞަ މަގަހައެއް (ޢަރަބިބަހުގެ މަޤްހާ - ކޮފީޝޮޕް - ދިވެހިކޮށްފައި) ހުންނަކަމަށްވެއެވެ. އެތަނުން ތުރުކިޔޭ ކޮފީއެއް ބޮއިފިކަމުގައިވާނަމަ އެދުވަހުގެ ހުރިހައި ވަރުބަލިކަމެއް ފިލައިގެންދާނެކަމުގައިވެއެވެ. އެކަމަކު އަޅުގަނޑަކަށެއް އެ ނިޢުމަތެއް ނުލިބުނެވެ. ކުރީން އެ މަޢުލޫމާތު ލިބިފައި ނުވާތީއެވެ. އަޅުގަނޑަށް އެ މަޢުލޫމާތު ލިބުނީ ދަތުރު ނިންމާފައި މާލެއައިސް ތުރުކިޔޭއާ ބެހޭގޮތުން މިލިޔާ ލިޔުމުގެ މަސައްކަތުގައި ތުރުކިޔޭއިން ލިބިފައިހުރި މަޢުލޫމާތު ދިރާސާކޮށްލުމުންނެވެ. ތުރުކިޔޭއަށް ޒިޔާރަތްކުރައްވާ ދިވެހި ފަތުރުވެރީންނަށް އެކަން ކަށަވަރުކޮށްލައްވަން ދަޢުވަތު އަރުވަމެވެ.
قــصـــــر إبــــراهــيـــــم بــاشــا ބަލައި ނިމުނުއިރު ހުރީ މެންދުރުވެފައެވެ. އަޅުގަނޑުމެން ތިބީ ބަނޑުހައިވެސްވެފައެވެ. އެހެންކަމުން ދެން ދިޔައީ ފަތުރުވެރީން ކައިބޮއިހަދާ ރެސްޓޯރެންޓުތަކެއް ހުންނަ ސަރަޙައްދަކަށެވެ. إبــــراهــيـــــم بــاشــا ޕެލަހާ އެތަން ވަރަށް ކައިރިއެވެ. އެހެންކަމުން ވަރުބަލިވުމެއްނެތި ހިނގައިލައިފައި އެތަނަށް ދެވުނެވެ. އެތަނުން ލިބުނު ކެއުން އަނގަޔަށް މީރެވެ. އެކަމަކު އެތަނުން ނުކުމެވުނީ ޖީބުވެސް އެކަށީގެންވާ ވަރަކަށް ލުއިކޮށްލައިގެންނެވެ.
އިސްތަންބޫލުގެ ގްރޭންޑް ބާޒާރަކީ ދުނިޔޭގައި އެންމެފުރަތަމަ އުފެދުނު ޝޮޕިންމޯލެވެ. އެތަން ފަރުމާކޮށްފައި ހުރިގޮތާއި ފިހާރަތައް ހުރިގޮތް މިޒަމާނުގެ ޝޮޕިންމޯލުތަކާ ތަފާތުވިކަމުގައިވިޔަސް ތާރީޚު ވާނީ ތާރީޚަށެވެ. އާދެ އެއީ ދުނިޔޭގެ އެންމެފުރަތަމަ ޝޮޕިންމޯލެވެ. އެ ޙަޤީޤަތަކަށް ބަދަލެއް ނާންނާނެއެވެ. އިސްތަންބޫލުގެ ގްރޭންޑް ބާޒާރަކީ އިސްތަންބޫލަށް ޒިޔާރަތްކުރާ ފަތުރުވެރީން ބަލަންދާ އެންމެ ޚާއްޞަ އެއް މަރުކަޒެވެ. ޚާއްޞަކޮށް ޔޫރަޕުގެ ފަތުރުވެރީންނެވެ. މީގެ އެތަކެއްސަތޭކަ އަހަރު ކުރީއްސުރެ އެބާޒާރަށް ލިބިފައިއޮތް އަހަންމިއްޔަތަށް މިހާރު ބަދަލު އައިސްފައިވުމާއެކުވެސްމެއެވެ.
އިސްތަންބޫލުގެ ގްރޭންޑް ބާޒާރަކީ ބައިޒެންޓެއިން ރޯމަނުންގެ ދުވަސްވަރު އުފެއްދި ބާޒާރެކެވެ. މި ބާޒާރު އުފެއްދިއިރު މިބާޒާރުގެ ބޮޑުމިނަކީ ތިރީސް ހެކްޓަރެވެ. ބާޒާރުގައި އަށްޑިހަ މަގު އޮވެއެވެ. ބައިޒެންޓެއިން ދައުރުގައި މި ބާޒާރަކީ ހުޅުވައިލައިފައި އޮންނަ ހާމަތަނެކެވެ. ވިޔަފާރިވެރީން ތަންތަންކޮޅުގައި މޭޒު އަތުރައިގެން މުދާ ވިއްކަނީއެވެ. މި ބާޒާރުގައި ވަށައިފާރުލައްވައި ޚާއްޞަ ދެ ބާޒާރެއްގެ ގޮތުގައި ތަރައްޤީކުރާން އަމުރުކުރެއްވީ سـلطـــان محمّـــد الــفــاتــــح އެވެ. އެމަނިކުފާނުގެ އަމުރުފުޅަށް އަޔާސޯފިޔާ މަރާމާތުކޮށް އާބާތުރަ ފިލުވިއިރު މި ބާޒާރުގެ ވަށައިގެންވެސް ދެފާރެއް ލައްވައި ފުރާޅު ލެއްވިއެވެ. ބާޒާރު ދެބައިކުރެއްވީ ރަނުގެ ބާވަތްތަކާއި ބިއްލޫރީގެ ބާވަތްތައް އުފައްދައި ވިއްކާ ފިހާރަތައް ވަކިކުރައްވައި ރައްކައުތެރި ކުރެއްވުމަށްޓަކައެވެ. سـلطـــان الــفــاتــــح ގެންނެވި އިޞްލާޙުތަކަށްފަހު މި ބާޒާރު ހިމެނިފައިވަނީ ދުނިޔޭގައި ވަށައިގެން ފާރުލައި ރައްކައުތެރިކޮށްފައިވާ އެންމެފުރަތަމަ ބާޒާރު ކަމުގައެވެ. އިރުމަތީގެ ޤައުމުތަކުން މި ބާޒާރަކީ ނަމޫނާއެއްކަމުގައި ބަލައިގަތެވެ.
(ނުނިމޭ)