ހުޅުމާލެ ދެވަނަ ފިޔަވަހިން 15 ބިމެއް ވިއްކަން އާބަންކޯއިން ބިޑަށް ހުޅުވާލައިފިއެވެ.

އާބަންކޯއިން މިރޭ ބުނީ ވިއްކަން ހަމަޖެހިފައިވަނީ ފިޔަވަހި ދޭއްގެ ބީޗު ސައިޑުން 1،600 އާއި 2،300 އަކަފޫޓޫގެ 10 ބިމަކާއި ބީޗު ޕްރޮންޓުން 1،200 އާއި 1،800 އަކަފޫޓުގެ ފަސް ބިމެއް ކަމަށެވެ.

ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށެވެ. ބިން ގަންނަން ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން https://bids.urbanco.mv/?active=true&search= މެދުވެރިކޮށް ކުރިމަތިލުމަށް އެދޭ ކަމަށާއި ބިން ގަތުމަށް ބިޑު ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހު ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 15 ބިމެއް ވިއްކަން ނިންމާފައިވާ އިރު، އާބަންކޯއިން ވަނީ މިދިޔަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހިން 134 ގޯތި ވިއްކައިފައެވެ.