މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއިދުކުރައްވަން ނިންމަވާފައިވާކަން އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީސްގެ ސީއީއޯ އަދި ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހާމަ ކުރައްވައިފިއެވެ.

ނާޝިދު، ރައީސް ސޯލިހާ އެކު ސަލާމް ކުރައްވާ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބަދުވެސް ތާއީދު ކުރައްވަނީ ރައީސް ސޯލިހަށް ކަމަށެވެ،

"އެއިރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިހާރުވެސް އިބޫ 2023،" ނާޝިދު ވިދާޅުވިއެވެ.

ނާޝިދަކީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ އެ ދާއިރާގެ ގޮޑިއަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީ ޓިކެޓުގައެވެ. ނާޝިދު ވަނީ 18 ވަނަ މަޖިލީހުގައި ރައީސް ސޯލިހުއާއެކު މަސައްކަތް ކުރައްވައިފައެވެ.

މީގެ އިތުރުން ނާޝިދަކީ މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސަލްއެވެ.

ނާޝިދުގެ އިތުރުންވެސް ބައެއް ކުރީގެ މަޖިލިސް މެމްބަރުންނާއި ވިޔަފާރުވެރިން ވަނީ ރައީސް ސޯލިހަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމްވެސް ވަނީ ރައީސް ސޯލިހުއަށް ތާއިދުކުރައްވަން ނިންމަވައި ކޯލިޝަން ހައްދައިފައެވެ.