އެއީ މީގެ 50 އަހަރު ކުރިއެވެ. އޭޕްރީލް 3، 1973 ގައި އެމެރިކާގެ މާޓިން ކޫޕަރު އަތަށް ނުތަކާ ވަރުގެ ބޮޑު ފޯނެއް ހިފައިގެން ހުރެ ފުރަތަމަ އާންމު ފޯނު ކޯލެއް ކުރިއެވެ.
މިހާރު އެހާ މަޝަހޫރު ނޫނަސް އޭރުގެ އެންމެ މަޝަހޫރު މޮޓޯރޯލާ ކުންފުނީގެ އިންޖިނިއަރެއް ކަމަށްވާ ކޫޕަރގެ ފޯނުން އޭޓީ އެންޑް ޓީގެ ބެލް ލެބްސްގެ ވެރިޔާ ޖޯއެލް އެންގްލް އަށް ކުރި މި ފޯނު ކޯލަކީ ދުނިޔެއަށް ގެނުވި ބޮޑު އިންގިލާބެއްގެ ފެށުމެވެ. ނަމަވެސް މޯބައިލް ފޯނު އާންމުންނާއި ހަމަޔަށް ފަސޭހައިން ލިބެން އިތުރު ދިހަ އަހަރު ވަންދެން ގިނަ އަދި ބުރަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. މި ދެންނެވި ދިހަ އަހަރު ގިނަ ބައެއްގެ ބުރަ މަސައްކަތާއި ވިސްނުންތަކަށްފަހު މޯބައިލް ފޯނުތައް އާންމުކޮށް ދޫކުރަން ފެށި ނަމަވެސް މީގެ 50 އަހަރު ކުރިން އެދުވަހު މަގުމަތީގައި ފޯނު ހިފައިގެން ހުރި ކޫޕަރު ކައިރިން ހިނގާފައި ދިޔަ ކޮންމެ މީހަކަށްވެސް ސާފުކޮށް ފެނިގެން އެ ދިޔައީ މިއަދު އަހަރެމެން މި ބޭނުން ކުރާ މޯބައިލް ފޯނު ތަކުގެ ފެށުމެވެ. އެއީ މިއަދުގެ މޯބައިލް ފޯނުގެ ތާރީޚު ގުނަން ފެށި އަދި އެ ޓެކްނޮލޮޖީ އުފެދިގެން ދިޔަ މަންޒަރެވެ.
ފުރަތަމަ އުފެއްދި މޯބައިލް ފޯނުގެ ބަރުދަނުގައި 2.5 ޕައުންޑް ނުވަތަ 1.1 ކިލޯ ހުރިއިރު، އޭގެ ދިގުމިނުގައި ގާތްގަނޑަކަށް ފޫޓެއް ހުއްޓެވެ. އެހެންކަމުން އާންމު މީހުން އަތަށް އެ ސައިޒުގެ ފޯނެއް ދޭން ނުކެރި އެއަށްވުރެ ކުދި ފޯނުތައް އުފެއްދުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ފޯނުކޯލަށްފަހު މި ދިޔަ ފަންސާސް އަހަރު ތެރޭގައި ކޫޕަރު އެ ދުވަހު ހިފައިގެން ހުރި ބޮޑު މޯބައިލް ފޯނު ތަރައްގީވެ، ޒަމާނާއި އެކު މިހާރު އަތުގެ ތެރޭގައި ފޮރުވައިލެވޭ ކުދިކުދި ފޯނުތަކާއި ހަމަޔަށް މިއައީ އެތަކެއް ބައެއްގެ ބުރަ މަސައްކަތާއި ހޭދަ ކުރި އެތައް މިލިއަން ގަޑިއިރުގެ ވިސްނުމާއި ފިކުރާއި އެކުވެ ކުރި ބުރަ މަސައްކަތުންނެވެ. ހެޔޮ ވަރުގެ އެޅިގަލެއްގެ ސައިޒުގައި އޭރު ފެނުނު ފޯނުތައް މިއަދު ތުނިވެ ކުޑަވެގެން ދިޔައިރު އޭރު ކުޑަ ހިނދުކޮޅަކަށް ބާރު ހިފެހެއްޓުނު ބެޓެރިތައް މިއަދު މުޅި ދުވަހު ބޭނުންކުރެވޭ އެހާމެ ބާރުގަދަ ބެޓެރީގެ ފޯނުތަކާއެކު އިންސާނުންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނެސްދިނީ އާންމު އިންސާނެއްގެ ވިސްނުމަށްވެސް ނާންނަ ބާރު މިނުގައެވެ.
އެގޮތުން 1990 ގެ އަހަރުތަކުގައި މިޒަމާނުގެ ވަރަށް ބޮޑަށް ސައިޒުން ކުދި، އަދި ބޭނުން ކުރާ މީހުންނަށް ގެންގުޅެން ފަސޭހަ ފޯނުތައް ހެދިއެވެ. މިއަދު އެމެރިކާގެ %97 މީހުންގެ އަތުގައި ފޯނު އޮންނަ ކަމަށް ޕިއު ރިސާޗް ސެންޓަރުން 2021 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުން ގިނަ މީހުން މިއަދު ހަނދާނުގައި ނެތް އެއް ކަމަކީ މި އީޖާދީ އުފެއްދުން ފެށިގެން އައިގޮތާއި މި އިންގިލާބީ ބަދަލު ދުނިޔެއަށް ގެނައުމަށް ކުރި މަސައްކަތެވެ. ޓެކްނޮލޮޖީގެ ވާހަކަ ދައްކާއިރު 50 އަހަރު ކުރީން އުފެއްދި މި ޓެކްނޮލޮޖީގެ ކުރިއެރުމަކީ ދިރިއުޅުން ފަސޭހަވެ ބޮޑު ބަދަލެއް އިންސާނުންގެ ދިރިއުޅުމަށް ގެނެސްދިން ކަމެއްގެ ގޮތުގައި ކޫޕަރ ދެކެއެވެ.
"އަހަންނަކީ އުންމީދީ މީހެއް. މީގެ 50 އަހަރު ކުރިން އުފެއްދި މޯބައިލް ފޯނަކީ ހަގީގަތުގައި ވެސް އިންސާނާއަށް އެތަކެއް އައު އުއްމީދެއް ގެނެސްދިން އުފެއްދުމެއް" އޭނާ ބުނެފައިވެއެވެ.
މިއަދު މޯބައިލް ފޯނުތަކުގެ ބޭނުންކުރުން އިންތިހާއަށް ގިނަވެ އަދި އެ ފޯނުތައް ޅަދަރީންގެ އަތައް ދީ އޭގެ ނޭދެވޭ އަސަރު ބޮޑުވަމުންދާ ކަމަށާއި ނަމަވެސް ފޯނު އުފެއްދި ކޫޕަރު ދެކޭގޮތުގައި އިންސާނުންގެ ދިރިއުޅުމަށް އަދި ކުރިއެރުމަށްވެސް މޯބައިލް ފޯނަކީ ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. ފެށުނީއްސުރެ ވެސް އޭނާ ދެކެނީ އެގޮތަށެވެ.
އެހެން ކަމުން މިއަދު އެންމެންގެ އަތުގައި ފޯނު އޮތުމުން ހައިރާން ނުވާ ކަމަށާއި އެއީ އޭރުވެސް ސިކުނޑީގައި އެނބުރެމުންދިޔަ މަންޒަރު ކަމަށް މިހާރު އުމުރުން 94 އަހަރުގެ ކޫޕާ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
"އަހަރެމެން އޭރު ބުނަމުން ދިޔައީ ކޮންމެވެސް ދުވަހަކުން އުފަންވާ ކޮންމެ ކުއްޖަކަށް ފޯނު ނަންބަރެއް އޮންނާނެ ކަމަށާއި އަދި އެ ނަމްބަރަށް ގުޅުމުން ޖަވާބު ނުދޭ ދުވަހަކީ ނުވަތަ އެ ނަންބަރަށް ނުގުޅޭ ދުވަހަކީ އެ މީހެއް މަރުވެއްޖެ ކަމަަށް ބެލެވޭނެ ދުވަސް ކަމަށް." ފޯނުގެ މުހިންކަމުގެ ނަމޫނާއެއް ދައްކަމުން ކޫޕަރ ބުނެފައިވެއެވެ.