ޚަބަރު

ފެނަކައާއި އާރުޑީސީން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ، އެ ދެ ކުންފުނީގެ އޮޑިޓެއް ހަދަން އެސްއޯއީ ކޮމިޓީން ފާސްކޮފި

އިބްރާހިމް ޒަކީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މަގާމުތަކަށް މުވައްޒަފުން ނެގުމާއި ޕްރޮކިއުމެންޓް ކަންތައްތަކުގައި ކޮރަޕްޝަން ހިންގާ ކަމަށް ބުނެ، އެ ދެ ކުންފުނީގެ އޮޑިޓެއް ހަދަން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮފިއެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާންއެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން މެމްބަރު ޝިޔާން ވިދާޅުވީ، ފެނަކައާއި އާރުޑީސީއަށް މުވައްޒަފުން ނަގާފައި ހުރި ގޮތާއި އަދި ޕްރޮކިއުމެންޓްގެ ކަންކަން އެ ދެ ކުންފުނީގައި ކުރިއަށްދާ ގޮތުގެ ޝަކުވާ އަންނަ ކަމަށެވެ. އަދި ފެނަކައިން ރަށްރަށުގެ އިންޖީނުގެތައް، ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާ ވާހަކަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވި ގޮތުގައި، މުވައްޒަފުންނާ ގުޅޭ މައްސަލަތް އެންމެ ބޮޑަށް އަންނަން ފަށާފައިވަނީ 2022ގެ ފަހުކޮޅުން ފެށިގެންނެވެ. އެގޮތުން އެ މުއްދަތުގައި ވަގުތީ ގޮތުންނާއި ކޮންޓްރެކްޓްގެ އުސޫލުންނާއި ދާއިމީކޮށް، ކުންފުންޏަށް ނުފޯރާވަރަށް އެ ދެ ކުންފުނިން މުވައްޒަފުން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންވެ ޝިޔާން ހުށަހެޅުއްވީ 2022 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ހުސްވި މާޗު މަހުގެ ނިޔަލަށް އޮޑިޓެއް ހެދުމަށެވެ.

މި މައްސަލައަށް ތާއީދު ކުރެއްވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. މި ހުށަހެޅުން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.