ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

އިއްޔެ ހަވީރު ޓާފް އެކެއްގައި ކުޅުނު މެޗުގައި ދަ ގްރާންޑޭއިން ބުރު ބަލިކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިއްޔެ ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ކްލަބު އީގަލްސްއާއި ދަ ގްރާންޑޭ ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. އީގަލްސްއިން ފުރަތަމަ މެޗުގައި 3-1 އިން ދަ ގްރާންޑޭ ބަލިކޮށް، ތިން ޕޮއިންޓުގެ އިތުރުން ފައިދާ ދެ ގޯލާއެކު އޮތްއިރު، ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް ދެ މެޗުން ތިން ޕޮއިންޓާއެކު ހޯދުނީ ފައިދާ އެއް ގޯލެވެ.

ބުރުން މިހާތަނަށް ކުޅުނު ހަމައެކަނި މެޗަކީ އިއްޔެގެ މެޗެވެ. އެ ޓީމަށް ބާކީ ދެން އޮތީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ބުރުން ކުއާޓާ ފައިނަލް ޔަގީންކުރާ ނަމަ، އެ މެޗުން ބޮޑު މޮޅެއް މަޖުބޫރުވާނެއެވެ. އެއީ ގްރޫޕް އޭއިން ކުއާޓާއަށް ދާނީ ދެ ޓީމު ކަމަށްވާތީއެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭއަށް ލީޑު ނަގައިދިނީ އަލީ ނާޝިދެވެ. އެ ގޯލާއެކު ދެވަނަ ހާފަށް ނުކުމެ ދަ ގްރާންޑޭގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ޝަކީބެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝަކީބު، ފުރަތަމަ ގޯލު ޖެހީ އަރިމަތިން ހުރަސްކުރި ބޯޅައަށް ރަނގަޅު ތަނަށް އަރައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޭނާ ޖެހި އަނެއް ގޯލަކީ އޭރިއާ ބޭރުން ވަރަށް ރީތިކޮށް ބުރުގެ ކުޅުންތެރިޔަކު ނައްޓާލައި، ދުރުން ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގައި ކުޅޭ 11 ޓީމު ބަހާލެވިފައިވަނީ ތިން ގްރޫޕް އަކަށެވެ. އެގޮތުން ފުރަތަމަ ގްރޫޕްގައި ތިން ޓީމު އޮތް އިރު، އަނެއް ދެ ގުރޫޕްވެސް އެކުލެވިފައިއޮތީ ހަތަރު ޓީމު ކުޅޭ ގޮތަށެވެ. ގްރޫޕް އޭގައި އީގަލްސްއާއި ދަ ގްރާންޑޭގެ އިތުރުން ދެން އޮތީ މުޅިން އަލަށް ވެޓެރަންސް މުބާރާތެއްގައި ކުޅޭ ބުރު ސްޕޯޓްސް ކްލަބެވެ.

ދެވަނަ ގުރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އަދި ތިން ވަނަ ގްރޫޕުގައި އޮތީ ސޮކަ މޭޓްސްއާއި ހުރިއްޔާ، ގްރީން ސްޓްރީޓްސް އަދި ޕޮލިސް ކްލަބެވެ.

މިއަދު ހަވީރު އޮންނަ ވެޓެރަންސް މެޗުގައި ވާދަކުރާނީ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ސްޓެލްކޯއެވެ. މެޗު ފަށާނީ 4:30 ގައެވެ.