ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ބުދަ ދުވަހު ފަތިސް ވަގުތު ނަމާދަށް ތިބި މީހުންނަށް އިޒްރޭލް ސިފައިން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިން އަގުސާ މިސްކިތަށް ގަދަބާރުން ވަދެ، މިސްކިތުގައި ނަމާދު ކުރަން ތިބި ޕަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިން މައްސަލަ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިޒްރޭލު ސިފައިންގެ އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އަދި މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ސުލްހަވެރި ހައްލެއް ލިބެން އޮތީ 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަގިއްލު ފަލަސްތީނެއް ގާއިމުކުރެވިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިޒްރޭލު ސިފައިން ވަނީ ބުދަ ދުވަހުގެ ފަތިހު އަގްސާ މިސްކިތަށް ވަދެ މިސްކިތުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ކަރުނަގޭސް ޖަހައިފައެވެ. އަދި އަގްސާ މިސްކިތުގެ ބައެއް ބައިތަކަށް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުވެސް ކޮށްފައިވެއެވެ.

ޕަލަސްތީނުގެ ރެޑް ކުރެސެންޓުން ބުނީ އެ ހަމަނުޖެހުމުގައި 12 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަގްސީ މިސްކިތަށް އިޒްރޭލު ސިފައިން ވަދެ ހަމަނުޖެހުން ހިންގި މައްސަލަ އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި އިސްލާމީ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.