ޚަބަރު

ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ހައްގުތައް ހިމާޔަތްކުރަން އޭސީސީ އާއި އެޗްއާރްސީއެމުން އެއްބަސްވުމަކަށް

ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ސޮއިކޮށްފިއެވެ.

އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އާދަމް ޝާމިލްއެވެ. އެޗްއާރްސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް މުނާއެވެ.

"މި ފަހުމުނާމާގެ ދަށުން، ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން އެފަދަ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމާއި މަނާކުރުމަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ،" އޭސީސީން ބުންޏެވެ.

އެގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އާންމުން ހާލުތެރިކުރުވުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ މުއައްސަސާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަމާއި ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ މެމްބަރު ތާހާ މުހައްމަދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އޭސީސީ އަދި އެޗްއާރްސީއެމްގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.