(1 އޭޕްރީލްގެ އަދަދާ ގުޅޭ)
ހަތަރުވަނަކަމަކީ ހެޔޮ ޢަމަލުތައް ގިނަކުރެއްވުމެވެ. އެކަމަށް ޚާއްޞަ ފަރުވާތެރިކަމެއް ބެހެއްޓެވުމެވެ. މުއުމިނެއްގެ ފިޠުރަތަކަށް ވާންޖެހެނީ ހެޔޮކަންތައް ހޯދައި ލިބިގަތުމުގައި ހީވާގިވުމެވެ. ކޮންމެ ހިނދުކޮޅަކުވެސް އެކަމުގައި މަޝްޣޫލުވުމެވެ. ޚާއްޞަކޮށް ރޯދަމަހު އެކަމުގައި މާބޮޑަށް އަވަދިނެތިކަމާއެކު ހޭލަމޭލަވާންޖެހެއެވެ. އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ. އެހެނީ މި ޚާއްޞަ މައްސަރަކީ މާތް اللّــــه އާ ކުއްތަންވުމަށްޓަކައި ކުރާ ކުދިކުދި ކަންތަކުގެ ދަރުމަވެސް މާބޮޑަށް ގިނަގުނަކުރައްވާ މައްސަރެކެވެ. މިމަހު ސުންނަތެއް ކުރެއްވިކަމުގައިވިޔަސް އެކަމަކަށް ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. (ބައިހަޤީ: سـلــمــان الــفــارســـى رضـــى اللّـــه عــنـــــه) މިއަށްވުރެ ވަކި އުފާވެރި ޚަބަރެއް އޮންނާނެތޯއެވެ؟
މިހެޔޮކަން ހޯއްދެވުމުގެ މަސައްކަތްޕުޅު އެންމެފުރަތަމަ އަޅުކަމުގެ ދާއިރާގައި ކުރިޔަށް ގެންދަވާށެވެ. ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެވަޑައިގަންނަވާށެވެ. ސުންނަތް ނަމާދުތައް ގިނަކުރައްވާށެވެ. އަސްތަޣުފާރު ކުރެއްވުމާއި ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم އަށް ޞަލަވާތާއި ސަލާމް ދެންނެވުމުގައި ހީވާގިވެވަޑައިގަންނަވާށެވެ. ހަމައެއާއެކު އިންސާނީ ގުޅުންތަކުގެ އިންތަކުގެ ތެރެއިންވެސް މުތްތައް އެއްކުރައްވާށެވެ. ތިބާގެ އަޚާގެ ކުރިފުޅުމަތީގައި ހިނިތުންވެވަޑައިގެން އަލިމޫނުފުޅު ދައްކައިލެއްވުމަކީވެސް ޞަދަޤާތެކެވެ. ތިބާގެ އަޚާއަށް އުނދަގުލެއް ނުކުރެއްވުމަކީވެސް ޞަދަޤާތެކެވެ. ތިބާގެ ތުޅަލުން އަނެކާއަށް ފެންފޮދެއް އަޅުއްވައިދެއްވުމަކީވެސް ޞަދަޤާތެކެވެ. ތިބާ ވިސްނައިވަޑައިގަންނަވަނީ ފަރުޟުނަމާދާއި ރަވާތިބު ސުންނަތްތަކާ މެދުގައި ކަމުގައި ވެދާނެއެވެ. އެކަމަކު ހަނދުމަފުޅު ކުރައްވާށެވެ. އިންސާނީ ޙަޔާތުގެ ކޮންމެ ދާއިރާއަކީވެސް ފަރުޟާއި ސުންނަތް އެކުލެވިގެންވާ ދާއިރާއެކެވެ.
މާތް اللّــــه ގެ އަޅަކު ފަރުޟު ނަމާދާއެކު ސުންނަތްނަމާދު ކުރަމުން ގެންދިޔުމަކީ އޭނާ ޝައުޤުވެރިވާ އަދި ކުރާހިތްވާ ކަމަކަށް ވެދާނެއެވެ. އެއީ ރަނގަޅު ކަމެކެވެ. އެކަމަކު ސުންނަތެއް އަދާނުކުރެވުމަކީ އޭނާ ކުޑަކޮށްވެސް ޒިންމާދާރު ކުރައްވާނެ ކަމެއްނޫނެވެ. ނަމަވެސް މާތް اللّــــه ގެ އަޅަކު އޭނާގެ އަމިއްލަ ޝައުޤުގައި އޭނާގެ ސާހިބުވަންތަ މާތް اللّــــه ގެ ރުހިވޮޑިގަތުން ލިބިގަތުމަށް ކުރިޔަށްނުކުމެ މަސައްކަތް ކުރަމުން ގެންދާއިރު އޭނާ އެހުންނަނީ ޚާއްޞަ ހަރުފަތަކުން މައްޗަށް އަރައަރައެވެ. އޭނާ ހެޔޮކަމުގެ އެއްވެސް ފުރުޞަތެއް ބޭނުންނުކުރެވި އަތްދަށުން ދަމައިލައިގެން ދިޔަނުދޭން ސަމާލުވެގެން އުޅޭއިރު އޭނާ އެފެތެނީ ޤުދުސީ ޙަދީޘެއްގައިވާ ތައްގަނޑަކަށެވެ. އަރަހުށި މާތް اللّــــه ޤުދުސީ ޙަދީޘުފުޅުގައި އަންގަވައިފައިވެއެވެ.
"ތިމަންރަސްކަލާނގެ އޭނާދެކެ ލޯބިވެވޮޑިގަންނަވަމެވެ. ތިމަން اللّــــه އޭނާގެ އަޑުއަހާ އޭނާގެ ކަންފަތްކަމުގައި ވެވޮޑިގަންނަވަމެވެ. އޭނާ ބަލައިއުޅޭ އޭނާގެ ލޯކަމުގައި ވެވޮޑިގަންނަވަމުއެވެ. އޭނާ ހިނގައިއުޅޭ އޭނާގެ ދެފައިކަމުގައި ވެވޮޑިގަންނަވަމެވެ." (ބުޚާރީ: أبـــوهــــــريـــــرة رضـــى اللّـــه عــنـــــه)
ތިބާ މިދާއިރާގައި ތިންކަމެއް ޚާއްޞަގޮތެއްގައި ޚިޔާރުކުރައްވާށެވެ. ރަމަޟާންމަހު އެތިން ކަންތައްތަކަށްވެސް ޚާއްޞަ އިސްކަމެއް ދެއްވާށެވެ. މިސާލެއްގެގޮތުން ތިބާ ރަމަޟާންމަހުގެ ހުރިހައި ފަރުޟު ނަމާދުތަކެއް ޖަމާޢަތުގައި ކުރައްވާނޫއެވެ. އެއްވެސްމީހަކަށް އުނދަގުލެއް ނުކުރައްވާނޫއެވެ. ދުކެއްދެއްވައި ތުރާލެއް ނުކުރައްވާނޫއެވެ. އެހެނިހެން އިންސާނުންނަށް ހަމްދަރުދީ ވެވަޑައިގެން ޚިދުމަތްކުރައްވާނޫއެވެ.
(ނުނިމޭ)
ރޯދަ 2023
ރޯދަ 2023
ރޯދަ 2023
ރޯދަ 2023