މެކްސިކޯ ލީގުގެ މެޗެއްގައި ކުޅުންތެރިއެއްގެ ކުރިމަތިފަރާތުގައި ކަކުލުން ޖެހި އެ ގައުމުގެ ރެފްރީ ފެނާންޑޯ ހެނާންޑޭޒް 12 މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

މެކްސިކޯ ލީގުގައި ކްލަބު އެމޭރިކާއާއި ލެއޮން ވާދަކުރި މެޗުގައި ލެއޮންގެ ލޫކަސް ރޮމޭރޯގެ ޝަކުވާއަށް ހިތްހަމަނުޖެހިގެން ކާޑު ދެއްކުމުގެ ތެރޭގައި ރެފްރީ ހެނާންޑޭޒް ވަނީ ކަކުުލުން އޭނާގެ ކުރިމަތިފަރާތުގައި ޖަހައިފައެވެ. މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، ރޮމޭރޯ ގައިގައި ރެފްރީ ޖެހުމާއެކު ލެއޮންގެ ކުޅުންތެރިން ވަނީ ރުޅިގަދަވެ، ވީއޭއާރް ބަލަން ގޮވާލައިފައެވެ.

އެ މެޗަށްފަހު މެކްސިކޯ ލީގުގެ އޮފިޝަލުން ރެފްރީގެ މައްސަލަ ބަލައި ސަސްޕެންޑް ކުރަން ނިންމާފައިވާ އިރު، ރެފްރީ ހެނާންޑޭޒް ބުނީ ސަޕޯޓަރުންނާއި އާންމު އެންމެ ރައްޔިތުންންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ހާއްސަކޮށް ކުޅުންތެރިޔާ ރޮމޭރޯއަށް ރެފްރީ ހެނާންޑޭޒް މައާފަށް އެދިފައިވާ އިރު، ޑިސިޕްލިނަރީ ކޮމިޝަންގެ ނިންމުން ގަބޫލުކޮށް، އަލުން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މެޗުގައި ރެފްރީ ކާޑު ދެއްކުމުން ރޮމޭރޯގެ އަމަލުތައް ހުރި ގޮތުންވެސް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އިދާރާތަކުން ވަނީ ރޮމޭރޯވެސް ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ.

މެޗަށްފަހު ރޮމޭރޯ ބުނީ ރެފްރީންނަކީވެސް އިންސާނުން ކަމަށާއި ރެފްރީންނަށްވެސް ބައެއް ގޯސްތައް ހެދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރެފްރީއަށް ބޮޑު އަދަބެއް ދޭން ގޮވާ ނުލާނެ ކަމަށްވެސް ރޮމޭރޯ ބުންޏެވެ.

ކްލަބު އެމެރިކާއާއި ލެއޮން އެމްމެފަހުން މެކްސިކޯ ލީގުގައި ކުޅުނު މެޗު ފެނިގެން ދިޔައީ ހޫނުވެގެން ދިޔަ މެޗެއްގެ ގޮތުގައެވެ. ދެ ކޯޗުންގެ ކުރިމަތިލުންވެސް ފެނިގެން ގޮސްފައިވާ އިރު، ދެ ކޯޗުންވެސް ވަނީ ރަތް ކާޑާއެކު ބެންޗުން ފޮނުވާލައިފައެވެ. މެޗަށްފަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަ ގޮތުގައި ލެއޮންގެ ކޯޗު ލާސަމޮން އެމެރިކާ ބެންޗަށް ގޮސް ހަމަލާތައް ބަދަލުކުރުމުގައި ލައިގެން ހުރި ގަމީސްވެސް ވީދިފައިވެއެވެ.