ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ކިޔުންތެރީންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މެޗު ކުޅޭ އަޒްޓެކާ ސްޓޭޑިއަމަށެވެ. އަޒްޓެކާ ސްޓޭޑިއަމަކީ މެކްސިކޯއަށް ކާމިޔާބު ހޯމް ސްޓޭޑިއަމްއެކެވެ. ނަމަވެސް އިންގްލެންޑަށް ތާރީހުން ނާކާމިޔާބީގެ ސްޓޭޑިއަމެކެވެ.
މެކްސިކޯއިން އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.
އިނގިރޭސީން މެކްސިކޯގެ އަޒްޓެކާއަށް މިރޭ ނުކުންނަނީ 40 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުގެ ކުރިއާ ގުޅިފައި ވަނީ ފާޑެއްގެ ހަނދާންތަކަކާއެވެ. އިނގިރޭސީންނަށް ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ތަފާތު އެއް ތަޖުރިބާއާވެސް މެއެވެ.
އަޒްޓެކާ ގުޅިފައި ވަނީ ވޯލްޑް ކަޕަކުން ގައުމަކަށް މަރަޑޯނާ ގެނެސްދިން އުފާވެރިކަމަކާއެވެ. މެކްސިކޯގެ އެ ވޯލްޑް ކަޕްގައި އޭނާ ދެއްކި ހުނަރަކީ ވޯލްޑް ކަޕްގެ ޒަމާންވީ ދިގު ތާރީހުގައިވެސް ފެނުނު އާދަޔާހިލާފު ހުނަރުވެރިކަމެކެވެ. 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާ ހެދި މަކަރަކީ އަދި އަދަށް ދާންދެންވެސް ފުޓުބޯޅައިގެ އެންމެ ގިނަ ވާހަކައެކެވެ. އަތުން ގޯލެއް ޖަހައި މަރަޑޯނާ ބުނީ "އެއީ ހޭންޑް އޮފް ގޯޑް،" ކަމަށެވެ. ތާރީހީ 10 ނަންބަރު ޖާޒީގައި ކޮށްޓައި، ނައްޓައި ދުނިޔެ ހައިރާންކޮށްލި މަރަޑޯނާގެ ނަން ފުޓުބޯޅައިގައި ލިޔެވެނީ އެހުރިހާ ކަމަކާވެސް އެކުގައެވެ.
މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ސަމާލުކަން ބޮޑުވި ދެ ގޯލަކީ، އިންގްލެންޑް ކޮޅަށް އަޒްޓެކާގައި މަރަޑޯނާ ޖެހި ދެ ގޯލެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލިއެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.
ދެން އޮތީ އެ މެޗުގައި ޖެހި ދެވަނަ ގޯލުގެ ވާހަކައެވެ. އެ ގޯލަކީ 2002 ވަނަ އަހަރު ނެގި ވޯޓަކުން މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ހޮވުނު ގޯލެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ. އޭގެ ފަހުން ފައިނަލުން މޮޅުވެ، ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލައިލީ ވެސް އަޒްޓެކާ ސްޓޭޑިއަމްގައެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ގަދަ 32 ގެ މެޗުވެސް މެކްސިކޯއިން ކާމިޔާބުކުރީ ކޮޅަށް ގޯލެއް ނުވައްދައެވެ. އެއާއެކު މެކްސިކޯ ވެފައި ވަނީ ވޯލްޑް ކަޕެއްގެ ހަތަރު މެޗު، ކޮޅަށް ގޯލެއް ވަނަދުނީ ކާމިޔާބުކުރި ތިންވަނަ ގައުމަށެވެ. މީގެ ކުރިން އެ ތާރީހީ ޝަރަފު ހޯދާފައި އޮތީ 1986 ވަނަ އަހަރު ބްރެޒިލާއި 1990 ވަނަ އަހަރު އިޓަލީ އެކަންޏެވެ.
މި ވޯލްޑް ކަޕްގައި އިންގްލެންޑުން އަންނަނީ އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. އެގޮތުން ގްރޫޕު ސްޓޭޖުގައި ކްރޮއޭޝިއާ އާއި ޕެނަމާ ބަލިކުރި ނަމަވެސް، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. އަދި ގަދަ 32 ގައި އިންގްލެންޑުން އުނދަގޫތަކަކާއެކު ޑީއާރް ކޮންގޯ އަތުން މޮޅުވާން ޖެހުނީ ފަހަތުން އަރައެވެ.

ކޮމެންޓް